މާލެ ސަރަހައްދުގައި ދުއްވައި އެއްގަމު އުނގަދު ރަޖިސްޓްރޭޓް ކޮށްދެއްވާނެެ އަދަދާއި އަދި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ދިރާސާއެއް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ ޢަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަރވޭއެއް ކުރުމާއި މިކަމާގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި އެސެސްމަންޓް ހަދާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ.
ސާރވޭގެ މަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހ.ހުޅުގަލި 1ވަނަ ފަންގިފިލާ، ކަރަންކާމަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިންގ ރޫމްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށްވަނީ ދަންނަވައި ފައެވެ. މި އެސެސްމަންޓްގައި މާލެ ސިޓީގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ ޢަދަދު އަދި އެކި ބާވަތުގެ އުޅަނދުތައް ވަކިން ކަނޑައަޅަންޖެހޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އުޅަނދެއް އެންމެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ މުއްދަތާއި، ވަކިވަކި ފަރުދުންގެ ނަމުގައާއި ވިޔަފާރިއެއް އަދި ކުންފުންޏެއްގެ ނަމުގައި ނުވަތަ ދަޢުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވެނެ އެންމެ ގިނަ އަދަދު ކަނޑައެޅުންވެސް ހިމެނެއެވެ.
މި ޤަވާއިދުގެ ދަށުން ވެހިކަލް ކެޕޭސިޓީ 4 ކެޓަގަރީއަކަށް ބަހައިލައިފައިވާއިރު، އެއީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަދުތަކާއި، އަމިއްލަ އުޅަނދުތަކާއި، ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރަށް ސިނާޢީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށެވެ. އަދި މި ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހާލުމުގެ އިޚުތިޔާރު ކައުންސިލަތަކަށް ލިބިފައިވާއިރު، ވަކި ކެޓަގަރީތަކަށް ވެހިކަލްތަކުގެ އަދަދު ކަނޑައެޅި ނަމަވެސް އޭގެ ތެރެއިން އަމިއްލަ އުޅަނދުތަކުގެ ތެރެއިން 2 ފުރޮޅުލީ އުޅަނދުތަކަށް ވެހިކަލް ކެޕޭސިޓީގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ 80 އިންސައްތަކަމަށް އިސްލާހުގައިވެއެވެ.
މި އެސެސްމަންޓް ހަދާއިރު މާލެ ސިޓީގެ އާބާދީއާއި، އެއްގަމު އުޅަނދުގެ އަދަދާއި، މާލޭގައި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުތައް ހިމަނަންވާނެއެވެ. އަދި ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނާއި އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރުގެ އިތުރުން ދުއްވާ މަގުތަކާއި ލޭނުތަކާއި ޕާކުކުރާނެ ސަރަޙައްދު އިތުރުކުރުމަށް އޮތް މުހިއްމު މަޢުލޫމާތުތައް އެސިސްމެންޓްގައި ހިމެނުމަށް ވަނީ އެދިފައެވެ.
މާލެ ސިޓީ ކައުންސިލުން ޕާކިން މައްސަަލައަށް ހައްލެއް ހޯދުމަށް ދަނީ އެކަމާއި ގުޅުންހުރި ވުޒާރާތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވަނީ މާލޭގެ ބައެއް ސަހަރާތަކުގައި މިހާރުވެސް ޕާކިން ޖާގަ ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، މާފަންނު ސަހަރާއިން ބޮޑު ސަރަހައްދެއް ޕާކިންއަށް ހާއްސަ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 151 ވަނަ ރަސްމީ އާންމު ޖަލްސާގައި މާލެ ތެރޭގައި ޕާކިންއަށް ބިން ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ލޭންޑް ކޮމެޓީއަށް ވަނީ ހުށަހަޅައި ފައެވެ.
މާލެ ތެރޭގައި ޤަވައިދާ ޙިލާފަށް ޕާކު ކޮށްފައިވާ ފަރާތްތަކުގެ ވެހިކަލްތައް ފުލުހުން އަންނަނީ ޓޯކުރަމުންނެވެ. އަދި މާލެ ސަރަހައްދުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތްތައްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލެ ސިޓީ ކައުންސިލުން ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

