ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޗާޕު ކުރިހާ ފައިސާއަށް ކުރި ކަމެއް ނޭނގޭ، ލިބުނުކަމަށް ބުނާ ބޭރުގެ އެހީތައް ތިޖޫރީގައި ނެތް: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ވަރަށް ފައިސާ އެމްޑީޕީގެ ސަރުކާރުގައި ވެއްދިކަމަށް ބުނާއިރު، އެ ފައިސާ ވީ ހިސާބަކާއި ގެނެވުނު ތަރައްގީއެއް ނެތްކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވެ, ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ އެ އެޖެންސީގެ ރާއްޖޭގެ ރޭޓިން މިއަހަރު “ޓްރިޕަލް ސީ ޕްލަސް” އަށް ވަނީ ދަށްކޮށްފަ އެވެ. އޭގެ ފަހުން ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައި، އެ އިއުލާނު ކުރިއިރު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ކުރިޔަށް ދަނީ ވެސް އިގްތިސާދާއި ގުޅުން ހުރި ދެ ބިލެއްގެ މަސައްކަތެވެ. އެއީ ދަރަނި މެނޭޖު ކުރުމާއި ބެހޭ ބިލާއި، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ މަސައްކަތެވެ.

މި ބިލަށް އެމްޑީޕީން ތާއީދު ކުރި ނަމަވެސް، ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރައްދު ދެއްވައި ސައްތާރު ވިދާޅުވީ، ހަތް މަސް ދުވަހަކީ އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތަށް ބަލާއިރު ކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށެވެ. އެހެން ނަމަވެސް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ގައުމު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގެނެ މެނިފެސްޓޯ ތަންފީޒުކޮށް ޕްރޮޖެކްޓުތައް ފެށުމަށްކަމަށް ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ މެޝިނަރީސްތަކަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށެވެ. އިގްތިސާދު ހިންގެން ފެށެން އޮތީ، ގައުމު ހަމަޔަކަށް އެޅި ހިންދެމިލައިގެންކަމަށް ސައްތާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހާލަތު ރަނގަޅު ނުކޮށް، ނުއުފުލޭނެ ވަރުގެ ބުރައެއް އުފުލަން އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

އަޅުގަނޑުމެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ އުސޫލުން ދޮގު ހަދައިގެން، އޮޅުވާލައިގެން ގައުމުގެ ހާލަތު ނާންގައި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކޮށް ތިބެ، ހަމަ ވޭތުވެ ދިޔަ ސަރުކާރުން ހުޅުވި ދޮރުން އެ މަގުން ހިންގާކަށް އެއީ ކޮންމެހެން ލާޒިމުކަމެއް ނޫން.. ދަންނަވަން މިއުޅެނީ ފައިސާ ޗާޕުނުކޮށް، އިގްތިސާދު ރަނގަޅުކޮށް އަދި ދައުލަތަށް ލިބޭ އާމްދަނީ ތެރެއިން މިހާރު ވެސް ލޯނުތަކާއި އެއްޗެހި ދައްކަމުން ދަނީ

ސައްތާރު ވިދާޅުވީ، ރައީސްގެ އެކި ބައްދަލުވުންތަކުގައި އެމަނިކުފާނު އިގްތިސާދާއި ގުޅުން ހުރި މައުލޫމާތުތައް އާންމުކޮށް ދައުލަތުން ދެއްކި ލޯނުތަކުގެ ތަފްސީލު ވެސް ދެއްވާފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުން އަދި ނާއުންމީދު ވާން ޖެހޭ، ހާލަތަށް ދިޔަކަމަށް އެމްޑީޕީން އެ ބުނާ ބުނުމުގައި ހަގީގަތެއް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ނަގާފައި ހުރި ލޯނުތަކުގެ ތަފްސީލުތައް ރައްޔިތުންނަށް އޭރު ވެރިކަމުގައި ފޯރުކޮށްދީފައި ނެތްކަމަށެވެ. ރައްޔިތުންގެ ނަމުގައި ނަގާ އެފަދަ ދަރިނިތަކުގެ ތަފްސީލާއި، އިންޓްރެސްޓް ރޭޓަކީ ކޮބައިކަން އަދި އެ ބޭނުން ކުރަނީ ކޮންކަމަކަށް ކަންވެސް ބުނެދޭން ޖެހޭކަމަށެވެ. އޭގެ ބަދަލުގައި 120 ބިލިއަނުން ގައުމު ދަރުވާލައި، އެ ފައިސާ ބޭނުން ކުރީ ކޮންކަމަކަށްކަމުގައި ކުރީ ސަރުކާރަށް ބުނެދެވިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ދަރަނި މެނޭޖު ކުރުމާއި، ފިކްސަލް ނިޒާމުގެ ބިލެއް ސަރުކާރުން ހުށަހެޅި ސަބަބަކީ އެއީކަމަށެވެ.

ހަގީގަތުގައި ކުރީގަ ވެސް އެބައޮތޭ ހިނގޭތޯ، މިސާލަކަށް މި ފައިސާ ޗާޕު ކުރުމުގެ ކަންތައްތަކުގައި… ފައިސާ ޗާޕު ކުރާކަމަށް ވަންޏާ އެ ފައިސާ ބޭނުންކުރާކަމަކާ، ކުރާ ހޭދައަކާ، ކީއްވެގެންކަމާ ޗާޕު ކުރީ ކީއްވެގެންކަމާ ބުނެދޭން ޖެހޭ.. އެކަމަކު އެ މާއްދާ ސަސްޕެންޑު ކުރުމަށް ފަހު އެބޭފުޅުން އެކަން އެ ކުރެއްވީ

ވެރިކަން ނިމިގެން ދިޔައިރު ދައުލަތުގައި އެކަށީގެންވާ ވަރަށް ފައިސާ ހުންނާނެކަމަށް އެމްޑީޕީން ބުނެފައި ވާތީ ރައްދުގައި ސައްތާރު ވިދާޅުވީ 8 ބިލިއަން ރުފިޔާ ޗާޕުކޮށް ބޭރުން ހޯދިކަމަށް ބުނާ ފައިސާއާއި، މެނޭޖު ކުރިކަމަށް ބުނާ ކޮވިޑުން ލިބުނު ފައިސާއަށް ވީނުވީއެއް ނޭނގޭކަމަށެވެ. އަދި އެ ފައިސާ ގައުމުގެ ތިޖޫރީގައި ނެތްކަމަށް ސައްތާރު ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ތަފްސީލުގައި ވަނީ މަރުކަޒީ ބޭންކުން އެޑްވާންސް ފައިސާ ނެގުމުގެ ހަމަތަކެވެ. އެގޮތުން ބިލުގައި ވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުންނެވެ. އެގޮތުން އެ ފައިސާ ނެގޭނީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ 2.5 އިންސައްތަ އިތުރުވާނެ ގޮތެއްގެ މަތީންކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: