ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެމްކޯއަށް ކުނި ނަގައިދިނުމުގެ ފީތައް ނުދައްކާތީ ރަސްމީ ތިން ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގައި ވެމްކޯއިން އެފްއޭއެމް ދެކޮޅަށް ދައުވާ ކުރީ ވިލިމާލެ ފުޓުބޯޅަ ދަނޑުން ކުނި ނަގައިދިނުމުން އެ ހިދުމަތަށް ވާ ފައިސާ ދައްކާފައި ނުވާތީ އެވެ. ވެމްކޯއިން ކޯޓަށް މައްސަލަ ހުށަހެޅީ، އިންވޮއިސްތަކަށް ދައްކަން ޖެހޭ ޖުމްލަ 39،108 ރުފިޔާ ހޯދުމަށެވެ.
މައްސަލައިގައި ލިޔެކިއުންތައް ފޯރުކޮށްދީ، ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އެފްއޭއެމް ރައްދުދީފައި ނުވެ އެވެ. އެހެންވެ ވެމްކޯއިން އެދިފައި ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.
މިއީ ފައިސާތައް ނުދެއްކުމުގެ ސަބަބުން، ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމަށް މިފަދަ ހުކުމެއް ގާތްގާތުގައި ކުރި ތިންވަނަ ފަހަރެވެ. އެގޮތުން މިދިޔަ ހަފްތާގައި އެފްއޭއެމަށް ވަނީ 30 ދުވަހުގެ ތެރޭގައި 776،000 ރުފިޔާގެ ޗެކެއް ބައުންސްވި މައްސަލައިގެ ފައިސާ ދޫކުރުމަށެވެ.
މީގެއިތުރުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރީ، އަނބުރާ ދައްކާ ގޮތަށް އަމިއްލަ ފަރުދެއްގެ އަތުން ނެގި 308،400 ރުފިޔާ ނުދެއްކުމުން އެއަށް ވާ 20،000 ޑޮލަރާއި، ޝަރީއަތުގެ ހަރަދަށްވާ 27،000 ރުފިޔާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

