މަސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އޯޝަން ރިސޯސް އިން ކުރި ޢިޢުލާނުގައި ވަނީ މަސްވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ގޮތުން 4 ދާއިރާއަކުން ސްކޯލާޝިޕް ގެ ފުރުސަތު ހުޅުވައިލަިއފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ސްކޯލާޝިޕްއަށް ފުރުސަތު ހުޅުވައިލައިފައިވާ ކޯސް ތަކަކީ މާރސްޓާސް ޑިގްރީ އިން މެރިން ސައިންސް ، ބެޗްލަރ ޑިގްރީ އިން އެކުއަކަލްޗަރ، ބެޗްލަރ ޑިގްރީ އިން މެރިން ސައިންސް އެންޑް މެރިން ބަޔޮލޮޖީ އަދި ބެޗްލާރ ޑިގްރީ އިން ވެޓެނަރީ ސައިންސް އެވެ. ސްކޯލާޝިޕްއަށް ޝަރުތު ހަމަވައި ފަރާތްތަކުން ކޯހުގެ ދާއިރާއާއި ގުޅުން ހުރި ދާއިރާއަކު ބެޗްލާރ ޑިގްރީ އެއް ހާސިލްކުރައްވައިފައިވުމާއެކު ގުޅުންހުރި ދާއިރާ އެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ހިމެނިފައިވުން ހިމެނެއެވެ. އަދި ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން “ ސީ “ އިން ފެށިގެން މަތީ ގުރޭޑެއް ހާސިލްކުރައްވައިފައިވުމާއި އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާދާއިން “ ސީ “ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނޭ ކަމަށެވެ. މިނިސްޓްރި އޮފް ފިޝަރީޒް އޯޝަން ރިސޯސްގައި މަސައްކަތް ކުރައްވަމުން ގެންދަވައި ފަރާތްތަކަށް ޙާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެސެޓް ކުރަންޖެހޭ ލިޔުމެއްވާ ނަމަ އެސެޓްކުރެވިފައިވާ ކޮޕީ އާއި ފުލް ޓްރާންސްކްރިފްޓްގެ ކޮޕީ އަދި މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމެނުމަށް ވަނީ އެދިފައެވެ. އަދި މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުން ހިމެނުމަށް ވަނީ އެދިފައެވެ. އެ ވުޒާރާއިން ބުނެފައިވަނީ ސްކޮލަރޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި ހިދުމަތް ކުރުމަށް ބޮންޑުކުރެވޭކަމަށެވެ. އަދި އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެކަމަށް ޢިޢުލާނުގައި ވެއެވެ.
ސްކޮލަރޝިޕްއަށް ހޮވޭ ދަރިވަރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީ އަކުން އެކްސެޕްޓަންސް ހޯދުމަށް ބޭނުންވާ ލިޔުމެއް މިނިސްޓްރީ އަށް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ކޯސްތަކަށް ހުށަހަޅަން ބޭނުންވައި ފަރާތްތަކުން 01 ސެޕްޓޭބަރ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެޓް ޔުނިޓަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

