ހުޅުދޫ – މީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި ކުރިއަށްދާ ”މިފްކޯ ބަނދަރު“ ގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފިއެވެ.
7 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީސް ކޮމްޕްލެކްސްއަކީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއާއި އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓާއި، 200 ޓަނުގެ ތެލާއި، 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ބޭނުން ކުރަން ފެށި، ބަނދަރަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިޝަރީޒް ކޮމްޕްލެކްސް އަށް އަންނަ ކަލެކްޓާ ވެސަލްތައް އެ ބަނދަރަށް ނުވަދެވުމެވެ.
އެހެންވެ ފެކްޓަރީގެ ބަނދަރުގައި އެކްސްޕޯޓް ޖެޓީއަކާއެކު ނެރެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލު ކުރީ 2020 ވަނަ އަހަރު އެވެ. ސަރުކާރުގެ ޕީއެސްޕީއައިގެ ދަށުން ފެށި މި މަޝްރޫއުގެ އަގަކީ 69 މިލިއަން ރުފިޔާ އެވެ. އެގޮތުން މި މަޝްރޫއުގެ ފޭސް 1 ގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގ ސައިޑް ޖެޓީއެއް ހެދުމެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން އޭއެފްސީގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވީ އޭއެފްސީ އެކްސްޕޯޓް ޖެޓީ ޑްރެޖްކުރެވިފައިވަނީ ބޮޑެތި ބޯޓު ފަހަރަށްވެސް ކައިރި ކުރެވޭގޮތަށެވެ. ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި މިވަނީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތީމައެވެ.
މިހާރު ޖެޓީމަތީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޕޭވް ކުރުމާއި ލައިޓްޖެހުމާއި ފްރީޒިންގ ކޮންޓެއިނަރ ބޭސްމަންޓް އެޅުން ހިމެނޭކަމަށާއި މިމަސައްކަތްތައް ނިމުމުން އެމް.އެސް.އެސް ގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޖެޓީގެ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދަރ ވެސެލްތަކަށްވެސް ފަސޭހަކަމާއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ.
މިފްކޯ ބަނދަރުގެ މަސައްކަތުގެ އިތުރު ތަފްސީލް ހާމަކުރައްވަމުން އޭއެފްސީގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ޝިޔާޒު ވިދާޅުވީ އެ ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސްއެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
މިޖެޓީ ނިމިއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ލިބޭ މަސް އަޅުގަނޑުމެންގެ ޖެޓީއިން ސީދާ އެކްސްޕޯޓު ކޮށްލެވިދާނެ
މި މަޝްރޫއުގެ 85 އިން ސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީސީސީން ބުނީ ނުނިމި ހުރި ޗެނަލް ޑްރެޖިންގ ގެ މަސައްކަތް ހުއްޓިފައިވަނީ އެކުންފުނިން ކުރާ ހުރިހާ ޑްރެޖިންގ ގެ މަސައްކަތްތައް 1 މަސް ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން ކަމުގައެވެ. ނަމަވެސް މި ސަސްޕެންޝަން މިދިޔަ ޖޫން މަހު މެދުތެރޭގައި އުވާލުމާ ގުޅުގެން އެމްޓީސީސީގެ ޑްރެޖަރު އައްޑޫގެ ސައިޓަށް ގެނެސް އަލުން މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ.
މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް މިފްކޯގެ މެނޭޖުމެންޓުން މިހާރު ވަނީ އެމްޓީސީސީގެ ކިބައިން އެދިފައެވެ.

