ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން، ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ނަމުގައި ޖަލްސާއެއް ބާއްވައި ދޮގު ވާހަތައް ފެތުރުމުން އެކަން ކާމިޔާބެއް ނުވާނެކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، މިރޭ ޕީއެންސީގެ ހަރުގޭގައި ކުރިޔަށް ގެންދާ ޖަލްސާގައި މުހައްމަދު އިސްމާއިލް ވަނީ ޕީއެންއެފްގެ އޮފީހުގައި ބައްވާ ޖަލްސާތަކުގައި ދެކެވޭ ވާހަކަތައް ރައްދު ދެއްވާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފްގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ވެސް ގެންދަވަނީ ރައީސަށް އަމާޒު ކުރައްވައި ތަފާތު އެކި ތުހުމަތުތައް ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މަލީހު ޖަމާލު ވެސް ހަމަ އެފަދަ ތުހުމަތުތައް އަޅުވަ އެވެ.
އެ ދެބޭފުޅުންނަށް ފާޑުކިއުން އަމާޒުކޮށް، މުހައްމަދު އިސްމާއިލް ވިދާޅުވީ އެއީ ދުވަހަކު ވެސް ހިތުގެ ތެރޭގައި އިހުލާސްތެރިކަމެއް އުފެދޭނެ ބައެއް ނޫންކަމަށެވެ. އަަދި ކޮންމެ ވެރިކަމެއް ވެސް ގެނައުމަށް މަސައްކަތްކޮށް، އޭގެ ފަހަތުން އެ ވެރިކަމެއް ވައްޓާލުމަށް އުޅެފައިވާ މަންޒަރު ރައްޔިތުން ދެކެފައިވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ފްރޮންޓުގެ ނަމުގައި ޖަލްސާތައް ބާއްވައި، އެގޮތަށް ސަރުކާރާ ދިމާ ކުރަން ފެށުމުން ދެން ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި، އެބޭފުޅުންނަށް ވެސް ދެކޭނެ ވަރަށް ގިނަ ވާހަކަތައް ހުންނާނެކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ދަންނަވަނީ މިއަދު އެކި ޖަގަހަތައް ހަދައިގެން އެކި އެކި ނަންނަމުގައި، ފޮރަންޓޭ.. އެނަކެއްޗެކޭ، މިވެނި އެއްޗެކޭ ކިޔައިގެން މަސައްކަތް ކުރާ ބޭބޭފުޅުން އެ ދައްކާ ވާހަތަކަކީ ދޮގު ބުހުތާނު ވާހަކަތަކެއްކަން މިއަދު އަޅުގަނޑު ކިޔައިދޭން މިއުޅެނީ… އަޅުގަނޑު ހަމަ ދަންނަވަން، އޭ މިހިރަ ޑރ. ޖަމީލާއޭ ކަލޭތި ދައްކަނީ، ކަނޑައެޅިގެން ދޮގު ވާހަކައެކޭ.. އޭ ޑރ. މަލީހުއޭ، ކަލޭތި ދައްކާ ވާހަކައެއް މި ގައުމުގެ ރައްޔިތުންނެއް ގަބޫލެއް ނުކުރާނެއޭ..
މުހައްމަދު އިސްމާއިލް ވިދާޅުވީ، ޖަމީލާއި މަލީހަށް މިވީހާ ތަނަށް ވެސް ކުރެވުނުކަމަކީ މިނިވަންކަން ވިއްކާލުމަށާއި، ސަރުކާރުތައް ވައްޓާލަން މަސައްކަތް ކުރުން ކަމަށެވެ. އަދި ވިދާޅުވީ ދޮޅު އަހަރުގެ ނައިބު ރައީސްކަމުގައި އޭނާ ކުރެއްވި ކަންތައް އޮޅިފައި ނެތްކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ޖަމީލު ބޭނުންވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް ނަމަވެސް އެ މަގްސަދު ފެއިލްވިކަމަށެވެ.
ނައިބުރައީސްކަމާ ހަވާލުވެގެން ހުރިއިރުގަ އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުރި އަދީބު ނިކަން ރަނގަޅަށް ދެބޭފުޅުން ފައިކުރި އޮޅާލައިގެން ތިބެ ކުރުދޮށުގަ މަސް ބާނަބާނާ ތިއްބާ އިރުކޮޅަކުން ގޮވީ ހޯހޯއޭ.. ތި މަސް ގޮވި ގޮތް ކަމަކު ނުދެޔޭ. އޮޑިވެރިޔާއަށް އެނގޭ އެ މަސް ބެހި ގޮތް..
ނައިބު ރައީސްކަމުން ވަކި ކުރުމުން، އަމިއްލައިން އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނަވައި ރައީސް ޔާމީނަށް ވެރިކަން ހަވާލު ކުރުމުން ތިޖޫރީ ހުރިތަނުގައި ހުރީ ވަޅުގަނޑެއްކަމަށް ގޮވީ ވެސް ޖަމީލުކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ގައުމު ފަސާދަކޮށް، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރިކަމަށް ވެސް ގޮވަމުން ގެންދެވި ބޭފުޅަކީ ޖަމީލު ކަމަށެވެ.
މީގެއިތުރުރުން ރައީސް ޔާމީންގެ ނަން ނުގެންނަވައި، މުހައްމަދު އިސްމާއިލް ވިދާޅުވީ އެމަނިކުފާނުގެ ގޮތް ވެސް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ގައުމާއި، މިނިވަންކަމުގެ ނަމުގައި ވެރިކަން ލިބިވަޑައިގަތުމުން ދެން ނިކުތް ނަތީޖާތައް މުވައްސަސާތަކާއި އިދާރާތަކުން ފެންނަން ހުންނާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

