އެއް މަސައްކަތްތަކެއް ކުރާ ކޮމިޝަންތައް އެއްކޮށްލައި، މުވައްސަސާތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް، ފިޔަވަޅު އެޅުމަށް ނިންމާފައިވާ ވަގުތެއްގައި ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ވަނީ ސަރުކާރުގެ ބައެއް އެހެން ނިންމުންތައް ވެސް ހާމަކުރައްވާފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައި ކުރާ ހޭދަތައް ވީހާވެސް ކުޑަކުރުން ހިމެނެ އެވެ.
ރައީސް މިރޭ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ގޮތުން، އެމަނިކުފާނުގެ ވިސްނުމުގައި ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު މިހާރު އޮތް ގޮތުން ރަށްތަކަށް ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުން ހޮވާއިރު އެކަމުން ނަތީޖާއެއް ނުނިކުންނަކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވިސްނުން ހުރީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާއި، އެކު ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަދަދު 77 ގައި ހިފެހެއްޓުމަށް ގާނޫނަށް އިސްލާހު ގެނައުމެވެ.
މިފަދަ ބަދަލުތައް ބޭނުންވާ އެއް ސަބަބުކަމަށް ރައީސް ވިދާޅުވީ، ނަތީޖާ ނެރެން ބޮޑު ޓީމެއް ބޭނުން ނުވާތީ އެވެ. އެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކޮމިޝަންތަކާއި، މުވައްސަސާތަކުގައި ތިބި މެމްބަރުންގެ އަދަދު ވެސް މަދު ކުރަން ޖެހޭކަމަށެވެ. މިއާއި އެކު އެއްކަހަލަ މަސައްކަތްތަކެއް ކުރާ މުވައްސަސާތަކެއް ހުރުމުން، އެތަން ތަން އެއް ކުރުމުގެ ވިސްނުން ހާމަކުރެއްވި އެވެ.
ގާނޫނު އޮތް ގޮތުން، ކޮމިޝަންތަކާއި މުވައްސަސާތަކަށް ގިނަ މެމްބަރުން އައްޔަނު ކުރަން ޖެހުނު ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
މި ތަންތަނުގައި ވެސް އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކުން މެމްބަރުން ހަމަޖައްސާފައި ހުންނަނީ، ގާނޫނުތައް ބުނާ ގޮތުން.. އަޅުގަނޑު ދެކޭ ގޮތުގައި ފަސް މީހުން ހަތް މީހުން.. ދިހަ މީހުން.. މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގައި މެމްބަރުންތިބޭކަށް ނުޖެހޭ.. އިހުލާސްތެރިކަމާއި އެކު ތެދުވެރިކަމާއި އެކު، ރައްޔިތުންނާ އެކީގައި ކަމެއްކޮށްދޭކަށެއް، ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ
ރައީސް ވިދާޅުވީ މިފަދަ ބަދަލުތަކުން، ގައުމަށް ކުރާނީ ފައިދާކަމަށެވެ. އަދި އިންތިހާބުތަކާއި ގުޅުވައި އަޅާ ފިޔަވަޅުން އެކަނި ވެސް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭއިރު އެ ފައިސާ އެހެނިހެން ކަންކަމަށް ވެސް ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

