އިއްދައިގައި ދިމާވާ މައްސަލަތަކާއި، އުރަމަތި އަދި ރަހިމުގެ ކެންސަރާއި ގުޅޭ މުހިންމު މަޢުލޫމާތުތައް ހިމެނޭ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ސެޝަން، ނަންގަވައިދެއްވާނީ ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމެން ކްލިނިކްގެ ފަރާތުން 11 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:15 އިން 17:45 އަށް ކަމަށެވެ. އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކީ ވެސް ދޮށީއުމުރުގެ މީހުންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އުމުރުން ދުވަސްވާއިރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ފަދަ ބަލިތަކަކީ ދުރާލާ ދެނެގަނެވިއްޖެ ނަމަ ފަރުވާ ހޯދި ފަސޭހަވާ ބަލިތަކެއްކަމުން އެ ކަންކަމާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމެއް ކަމުގައި ވަނީ ފާހަގަކުރައްވައިފައެވެ.
އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝެޝަންތަކުގައި ގިނަ ބޭފުޅުން ބައިވެރިވަޑައިގަތުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އިލްތިމާސްކޮށްފައެވެ.

