ރާއްޖޭގައި ފަތުރުވެރިކަން ފުޅާކޮށް ތަރައްގީކުރުމަށް ލ. އަތޮޅުގެ ތިން ރަށް ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ މިކަން ހާމަ ކުރެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހިމެވެ.
ފައިސަލް ވިދާޅުވީ މި ފަހުން ކްލޯޒް ބިޑިންގ ދަށުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ލ. އަތޮޅުގެ ތިން ރަށަކަށް މިހާރު ޕްރޮޕޯސަލް ލިބި އިވެލުއޭޓް ކުރެވި، ރައީސް އޮފީހުގެ ޕޮލިިސީ ޑިޕާޓްމެންޓަށް ފޮނުވާ، ރައީސް ޑރ. މުހައްމަދުގެ ހުއްދައާއިއެކު ދުބާއީ ކުންފުންޏަކަށް އެވޯޑް ސިޓީ ހަވާލުކޮށްފައިވާކަމަށެވެ.
އޭގެ ތެެރެއިން އެއް ރަށުގެ ލާރި މިހާރު އެބޭފުޅުން ވަނީ މީރާއަށް ދައްކާފައިކަމަށާއި، މި މަސް ތެރޭގައި ދެން އޮތް ދެ ރަށަށްވެސް ލާރި ދައްކާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި އެ ބޭފުޅުން އެތަނުގެ އަމަލީ މަސަައްކަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާގެ ޕާޓީއަކުން ލ. އަތޮޅު ބަރެސްދޫގެ ކަންކަން ބަލަހައްޓަމުންދާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މިއަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށްވާއިރު، މި އަހަރު ރާއްޖޭގައި އަލަށް 15 ވަރަކަށް ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މީގެ ކުރިން ފައިސަލް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން 1،000 އެއްހާ އެނދު އިތުރުވެގެން ދާނެ ކަން ފާހަގަކުރެއްވިއެވެ.

