ދަރަނި ނަގައިގެން އެމްޑީޕީއިން ކުރި މަސައްކަތް ފެންނަން ހުންނާނެކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ދައްކަނީ މިދިޔަ ސަރުކާރުގެ ރަނގަޅު ވާހަކަކަމަށެވެ. އެމްޑީޕީގެ ގޯސް ވާހަކަދައްކަން އުޅުނު ނަމަވެސް، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެމްޑީޕީއިން ކޮށްދީފައިވާ ކަންކަން ނޫން އިތުރުކަމެއްގެ ވާހަކަ މި ސަރުކާރަށް ނުދެއްކޭކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ވާހަކަދައްކާތީ، އެ ވާހަކަތަކަށް ރައްދުދީ އާޒިމް ވިދާޅުވީ މި ގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ އެމްޑީޕީއިން ކޮށްދިން މަސައްކަތުންކަމަށާއި، ނޫންނަމަ ރައްޔިތުންނަށް ކޮޅަށްވެސް ނުތިބެވޭނެކަމަށެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް 5،000 ރުފިޔާ ދޭން ފެށުމާއި، އެކަނިވެރި މައިންނަށް ލިބޭ އިނާޔަތާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފައިސާ ދޭން ފެށުން އާޒިމް ފާހަގަކުރެއްވިއެވެ. ފޮތް ފަންސޫރަ ހިލޭ ލިބުމާއި، ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ އެމްޑީޕީގެ ސަބަބުން ފަހިވީ ކަންތައްތައްކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯއަކަށް ހުންނަވާ، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތް ފަށާ ދަތުރުފަތުރު ކުރުމުގައިވެސް އެތައް ލުއިތަކެއް ހޯދައިދީފައިވާނެކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދިޔަކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ. އާންމު މީހާ އަށް ފަސޭހަވާނެ އެތައްކަމެއް އެމްޑީޕީއިން ކޮށްދީފައިވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީއިން ވެރިކަން ކުރީ ވަރަށް ފުރިހަމައަށްކަމަށް ސިފަކޮށް އާޒިމް ވިދާޅުވީ، އެމްޑީޕީއިން ކުރި މަސައްކަތްތައް ކުރިއަރުވާ، ތަރައްގީ ކުރަން ޖެހޭކަމަށެވެ.
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ލިބުނީވެސް އެމްޑީޕީގެ ހެޔޮވެރިކަމުގެ ސަބަބުންކަމަށް ފާހަގަކޮށް، އާޒިމް ވިދާޅުވީ އެމްޑީޕީއިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ނަފާ މި ސަރުކާރުގެ ސަބަބުން ނުލިބިވާކަމަށެވެ.

