ކުންފުނީގެ އެތެރެއިން ނާޖާއިޒް ފައިދާ ނަގައި، މަންފާތަކެއް ނެގި ނަމަވެސް އެކަން ނިމުމަކަށް ގެނެސް އައު މެނޭޖްމަންޓުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޭ ހިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ބަޔާނެއް އާއްމުކޮށް ފެނަކައިން ބުނެފައި ވަނީ، ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކުރި މުއާމަލާތްތަކެއް ނަކަލު ކުރުމަށް ފަހު އެއީ އެއްކަމަކަށް ކުރި މުއާމަލާތެއްކަމަށް ދެއްކުމަށް ބައެއް ފަރާތްޔަކުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ އައު މެނޭޖުމަންޓުން މަސައްކަތް ކުރީ ޕްރޮކިއުމަންޓު ހަރުދަނާކޮށް ހިދުމަތް ރަނގަޅުކޮށް ދިވެހި ރައްޔިތުންގެ އިތުބާރު ހޯދުމަށް ނަމަވެސް އެކަމަށް ބަޔަކު ހުރަސް އަޅަމުން ގެންދާކަމަށް ބަޔާނުގައި ވެއެވެ.
ފެނަކައިން ބުނީ، ކުންފުންޏާއި ގުޅޭ ގޮތުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ވާހަކަ ފަތުރައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރުމަކީ ޒިންމާދާރު ކުޑަ އަމަލެއްކަމާށާއި އެއީ މިނިވަން ނޫސްވެރިކަންކަމަށް ބެލެވެން ނެތްކަމަށެވެ.
މިއީ ރާވައިގެން، ސިލްސިލާކަމެއްގެ ގޮތުގައި ހިނގާކަމެއްގެ ގޮތުގައި ތުހުމަތުކޮށް ފެނަކައިން ބުނެފައި ވަނީ އެ ކުންފުނިން ދަނީ ރާއްޖޭގެ 157 ރަށެއްގެ ފެނާއި ނަރުދަމާ އަދި އަސާސީ ހިދުމަތް ފޯރުކޮށްދެމުން ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ނުވަތަ މެދުކެނޑުމަކާއި ނުލައި ހިދުމަތް ދިނުމަށް މާލެއިން ކޮންމެހެން ވެސް ފޮނުވަން ޖެހޭ މެޝިނަރިސްތަކާއި ސާމާނު ފޮނުވުމަކީ އަބަދުވެސް އަމަލު ކުރާ އުސޫލެއް ކަމަށެވެ. އެގޮތަށް ބައެއް ތަކަތި ފޮނުވަން ޖެހުނީ، އެ ރަށެއްގައި ބޭނުންވާ އެންމެ އަސާސީ ހިދުމަތް ދިނުމުގެ ކަންކަން މީގެ ކުރިން ފުރިހަމަވެފައި ނެތުމުންކަމަށް ފެނަކައިން ބުންޏެވެ.
މީގެއިތުރުން ވަކި ދަތުރުތަކަށް ދޯނިފަހަރުތައް ނެގުމަށް ފަހު އެވްރެޖުކޮށް 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ދަތުރުފަތުރަށް ހަމަޖައްސައި އެކަމުން ނާޖާއިޒް ފައިދާތަކެއް ބަޔަކު ނެގުމުން އެކަމަށް ނިމުމެއް ގެނައިކަމަށް ފެނަކަ ބަޔާނުގައި ވެއެވެ. އަދި ބުނެފައި ވަނީ އެއް ކުރެވެން ހުރި ދަތުރުތައް އެއްކުރުމަށް ފަހު ވީހާވެސް ހަރަދު ކުޑަވާނެހެން އިންތިޒާމުތައް ހަމަޖެހުނުކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ މިއީ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ކުޑައަގުގައި، އުސޫލުތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ދެފުށް ފެންނަ ހަރުދަނާ އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ހިދުމަތް ދިނުމުގެ ސިޔާސަތު ދަމަހައްޓާނެކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
ބަޔާން ނިންމާލަމުން ކުންފުނިން ބުނެފައި ވަނީ މީގެ ކުރިން ބަޔަކު މީހުން ނާޖާއިޒް ފައިދާތަކެއް ނެގި ނަމަވެސް އެކަން ނިމުމަކަށް އައިސްފައިވާކަމަށާއި ކުންފުނީގެ ނަން ކިލަނބުކޮށް ފަތުރާ ދޮގުތަކަށް ރައްޔިތުން ސަމާލުވުމަށް އެދޭކަމަށެވެ.

