ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށް ގާނޫނީ ހައްލެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކުން ވަނީ ނުކުޅެދިފައިކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި އޮތް ޖިޏާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މި ގައުމުގައި ކުށް މަދު ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ. ރާއްޖެއަކީ ނާޒުކު އިގްތިސާދެއް އޮތް ގައުމަކަށްވާއިރު، ވައްކަން ކުރުން މިހާރު މިވަނީ ރާއްޖޭގައިވެސް އާންމުވާން ފަށާފައިކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ، މިކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކުން ވަނީ ނުކުޅެދިފައިކަމަށެވެ.
ދާދި މިދާކަށް ދުވަހުވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ބޮޑު ސިންގާ ނެޓްވޯކެއްގެ ތެރެއިން ސައިބަރ ކްރައިމްގެ ބޮޑު ކުށެއް ކުރެވިގެން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ފުލުހުންގެ ފަރާތުން.
ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގައި ސައިބަރ ކްރައިމްތައް ވަރަށް ރޭވިގެން ކުރަމުން އަންނަކަން ފާހަގަކޮށް މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ. މިފަދަ ކަންކަން ހުއްޓުވޭނެ ދޮރުތަކެއް މުޖުތަމައުގައި ގާއިމްވެފައި ނެތީތީ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ރާއްޖޭގެ ގާނޫނީ ނިޒާމު ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއް ހަމަ ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަމާޒެއްކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ މި ބިލުގެ ސަބަބުން ޖިނާއީ މައްސަލަތަކުގައި ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމަށްވެސް ފަސޭހަވެގެން ދާނެކަމެއްކަމަށެވެ.
ޝުޖާއު މި ބިލު ސިފަ ކުރެއްވީ ރާއްޖޭގައި ކުށް ކުރާ މުޖުތަމައު އެކަމުން ސަލާމަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ގޮތުގައެވެ. އިލެކްޓްރޯނިކް ހެކި ބަލައިގަތުމަކީ މުހިންމުކަމެއްކަމަށާއި، ރާއްޖޭގެ ތާރީހުގައި ބޯޑެތި ޖަރީމާތައް ހިންގާފައި ހުރިއިރު، މިހާރު އޮތް ނިޒާމުގެ ތެރެއިން ކުށް ކުރާ މީހުން ވަރަށް ފަސޭހައިން ސަލާމަތްވެގެންދާ ދިއުމަކީ މި މުޖުތަމައުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށެވެ.
މި ގާނޫނު އިސްލާހުވުމުން އިލެކްޓްރޯނިކް ނިޒާމު ބޭނުންކޮށްގެން ކުށްތައް މަދު ކުރުމަށްޓަކައި، އިލެކްޓްރޯނިކް ހެކިތައް ބޭނުން ކުރެވޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. މިހެން އިސްލާހުގައި އޮތުމުން ކުށް ކުރާ މީހުން ބިރުވެރި ހާލަތަކަށް އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެފަދަ ކުޑަ މުޖުތަމައުއަކަށް މިއީ ވަރަށް މުހިންމު އިސްލާހެއްކަމަށާއި، މިފަދަ އިސްލާހުތަކަކީ މުޖުތަމައު އަމާންވުމަށް އެޅޭ ފިޔަވަޅެއްކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ އިންވެސްޓްތައްވެސް ހިމާޔަތްވެގެންދާނެކަމަށެވެ.

