ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ހާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން މެމްބަރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓު ލިސްޓު ބާތިލު ނުކުރުމަށް ހުށަހަޅާފައިވާ ޕެޓިޝަން މައްސަލައިގައި މިއަދު ކޮމިޓީއަށް ހާޒިރުވާން އެންގީ މިނިސްޓަރ ހިމެނޭހެން ތަނުގެ އިސް ބޭފުޅުންނަށެވެ.
ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑި ހަމަވެ، ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ ވިދާޅުވީ ހައުސިން މިނިސްޓްރީގެ އިސްވެރިން ހާޒިރު ނުވެވޭނެކަން އެނގީ ގަޑި ކުޑަތަންވެފައި ވަނިކޮށް ކަމަށެވެ. އެހެންވެ މެމްބަރު ހުށަހެޅުއްވީ، އެހެން ދުވަހަކަށް ބައްދަލުވުން ފަސް ކުރުމާއި މެދު މެމްބަރުން ގޮތެއް ނިންމެވުމަށެވެ.
އެ ހުށަހެޅުއްވުމަށް، މެމްބަރުން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ގުޅިފައިވާކަމެއްގައި ހާޒިރުވެ، މައުލޫމާތު ދިނުމަށް މިނިސްޓްރީއަށް އެކަށީގެންވާ ވަގުތު ދިންކަމަށެވެ. އެކަމަކު ތައްޔާރުވާން ވަގުތު ލިބި ވެސް ހާޒިރު ނުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް މެމްބަރުން ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ، އުސޫލުގެ ދަށުން މިނިސްޓްރީއަށް ފަސް ދުވަސް ދީ ޖަވާބުދާރީވުމަށް އެދުމުން ހާޒިރު ނުވެވޭނެކަމަށް އެންގީ ފަހު ވަގުތުކަމަށެވެ. އެހެންކަމުން އޮން ރިކޯޑުގައި އެ ސަބަބު ހޯދައިދީ، މެމްބަރުންނާއި ހިއްސާ ކުރުމަށް އޭނާ ގޮވާލި އެވެ.
ވަޒީރަށް ވަޑައިނުގަނެވޭނީ ނަމަ ކޮމިޓީ ކުރިއަށްގެންދެވޭނެ އިންތިޒާމު ވަޒީރު ހަމަޖައްސަން ޖެހޭ… ކޮމިޓީއަށް އަޅުގަނޑުމެން ހާޒިރުވުމަށް ފަހު ދެން ވަޒީރަށް ވަޑައިނުގަންނެވޭކަން އެންގެވުމަކީ… އެއީ ވަޒީރެއްގެ ޒިންމާ ނެތްކަން ހާމަވާ ކަމެއް…
ހައިދަރު ކޮމިޓީއަށް ހާޒިރު ނުވި މައްސަލައިގައި ޕީއެންސީގެ މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އެގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ފަހު ވަގުތު އެއްވެސް މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވެވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ވިދާޅުވީ ކޮމިޓީ ތާވަލު ކުރީ މިނިސްޓްރީއަށް ވެސް ދަތި ނުވާނެހެން ހުރިހާ ގޮތަކުން ބެލުމަށްފަހު ކަމަށެވެ.
އެހެންކަމުން އުސޫލުން ބޭރުން އަމަލު ކުރުމަކީ، އެކަމުގެ ހިތްހަމަނުޖެހުންތައް ފެންނާނެ ސަބަބެއްކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ބޯހިޔާވަހިކަން ގުޅިފައި ވަނީ ރައްޔިތުންނާކަމަށާއި، މިފަދަ މައްސަލަތަކާއި ހަމައިން ޕީއެންސީ ވެސް އިސް ކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.
މެމްބަރުންގެ ކަންބޮޑުވުންތަކަށް، މުގައްރިރު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ސިޓީއެއް ފޮނުވައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުވާން އެންގުމުން ހާޒިރުވާނެކަމަށް އާދީއްތަ ދުވަހު މިނިސްޓަރުގެ ފަރާތުން ޖަވާބު ލިބުނު ކަމަށެވެ.
މުގައްރިރު އިތުރަށް ވިދާޅުވީ، މިއަދު ކެބިނެޓު ބައްދަލުވުމެއް އޮތްކަމަށާއި ގަޑި ހަމަޖައްސާފައި ވަނީ އެ ވަވަގުތަށް ނިމޭނެކަމަށް ބަލައިކަމަށެވެ. އެކަމަކު ކޮމިޓީގެ ގަޑިއަށް ކެބިނެޓު ބައްދަލުވުން ނިމިފައި ނުވާއިރު، މިނިސްޓްރީގެ އިސް ބޭފުޅުންނަށް ވަޑައިގެންނެވޭނެ މަގު އޮތްކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރުންގެ ވާހަކަތަކަށް ފަހު، ކޮމިޓީގެ ނައިބު މުގައްރިރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އައިފާން ވިދާޅުވީ ކޮމިޓީއަށް ހާޒިރުނުވުމުގައި މިނިސްޓަރުގެ މަގުބޫލު ސަބަބެއް އެބައޮތްކަމަށާއި އެއީ ގަސްތުގައި ކުރެއްވިކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.
މާދަމާ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ރިޔާސަތުން، ހުށަހެޅުމުން މެމްބަރުން ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މިނިސްޓަރަށް ރަނގަޅު ވަގުތެއް ހޯދައި ބައްދަލުވުމެއް ބޭއްވުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އައިފާނެވެ.

