ގއ. މާމެންދޫ އަދި ގއ. ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫންކަމަށް ފިއުއެލް ސަޕްލައިސް މޯލްޑިވްސް އިން ބުނެފިއެވެ.
އެފްއެސްއެމް އިން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫންކަމަށާއި ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކުރުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާރޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެކަމަށެވެ. އަދި ކުންފުނީގެ ތެޔޮ ގަނެ ބޭނުންކުރާ ހުރިހައި ފަރާތްތަކަށް އެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެފްއެސްއެމްއިން ވަނީ ބުނެފައެވެ.
ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމް އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައިވަނީ މާމެންދޫގައި ހަމައެކަނި ޕެޓްރޯލްގެ ވިޔަފާރި ކުރަމުން ގެންދާ ވިޔަފާރިވެރިޔާ ބުނެފައިވަނީ ޕެޓްރޯލުގައި ފެން ހުރިކަން އެނގުނީ ދޯންޏަކަށް އަޅައިގެން ދަތުރެއް ކުރިއިރު، އިންޖީނުންް އެކަން އެލާޓް ކުރުމުން ކަމަށެވެ. ފަހުން ބެލިއިރު، އެހެން ފީފާތަކުގައި ވެސް ހުރީ ގިނައިން ފެން ކަމަށް އޭނާ ބުންޏެވެ. މި ނޫހަށް ފޮނުވާފައިވާ ވީޑިއޯތަކުން ވެސް ތެލުގައި ގިނައީ ފެންކަން ފާހަގަވެފައިވާކަމަށެވެ.
އެފްއެސްއެމް އިން މިދަތުރުގައި ޕެޓްރޯލް އަޅައިފައިވަނީ މާމެންދޫ، ނިލަންދޫ އަދި އެ އަތޮޅު ވިލިނގިިއްޔަށް ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ޕެޓްރޯލުގައި ތެލަށްވުރެ ފެން ގިނަވެގެން މިއުޅެނީ މާމެންދޫ އާއި ނިލަންދޫއަށް އެޅި ޕެޓްރޯލުގައި ކަމަށް އެ ނޫހުގައި ވަނީ ޝާއިއުކޮށްފައެވެ.

