ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދޫ މަސްރޭސް މި އަހަރުގެ އެޑިޝަން ލޯންޗުކޮށްފި އެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރާތަށްކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ.
މި އަހަރުގެ މަސް ރޭސް ލޯންޗުކޮށް އުރީދޫއިން ބުނެފައި ވަނީ ފެށުނީއްސުރެ ވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެއް ކަމަށެވެ. އެކަމަށް ހާއްސަކޮށް ކ. ހިންމަފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެން އޯޝަން ރިސޯސަސް އާއި ގުޅިގެން އުރީދޫ މަސްރޭސް 2024 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އަހަރުގެ މަސް ރޭސް ފިޝަރީޒް މިނިސްޓްރީއާއި ކުރިޔަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި މި އަހަރުވެސް މަސް ރޭސް ބޭއްވިގެންދާނެކަމަށް ވިދާޅުވި އެވެ. މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް އުރީދޫއިން ވަނީ ދައުވަތު ދީފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24ގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 – 12 މެމްބަރުން ތިބެންވާނެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައިވެސް ތިރީގައިމިވާ ތާރީޚުތަކުގައެވެ.
- ހިންމަފުށި: 9 އޮގަސްޓް 2024
- ތިނަދޫ ސިޓީ: 16އޮގަސްޓް 2024
- ނައިފަރު:23އޮގަސްޓް 2024
އުރީދޫ މަސްރޭސް 2024 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ.
ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
އެއްވަނަޓީމް: 25،000 ރުފިޔާ
ދެވަނަޓީމް: 10،000 ރުފިޔާ
3 ވަނަޓީމް: 5000 ރުފިޔާ
އެންމެމޮޅުމަސްވެރިޔާ: 1000 ރުފިޔާ
އެންމެމޮޅުފިޝަރވުމަން: 1000 ރުފިޔާ
އުރީދޫ މަސްރޭސް 2024 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.
އުރީދޫ މަސްރޭސް 2024 އަށް http://ore.do/masrace ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ އެވެ.

