ރައްޔިތުންގެ މަޖިލީސް މެންބަރުންނާއިއެކު ފުރާ މީހުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތް ދޭން ނިންމާފަ އޮތް އޮތުން ބަދަލުކޮށްފިއެވެ.
މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމާފައި އޮތީ، މެންބަރުންނާއިއެކު ފުރާ އެންމެންނަށް ވީއައިޕީ ލައުންޖުން ހިދުމަތް ދޭށެވެ. މިއީ 19 ވަނަ މަޖިލީހުންވެސް ނިންމާފައި އޮތް ގޮތެވެ.
މި ނިންމުން ދަމަހައްޓާ އެގޮތަށް ކުރިއަށް ދިއުމަށް ނިންމީ އިއްޔެ މެންދުރު އޮތް ކޮމެޓީ ބައްދަލުވުމުގައެވެ.
ކޮމެޓީގެ މުގައްރިރު ވިދާޅުވީ، މި މައްސަލަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަރިހަށް ދިއުމުން މުރާޖައާ ކުރައްވަން އެދިވަޑައިގެންނެވިކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ތެރެއިން މި މައްސަލައަށް ރިއާޔަތްކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.
އެހެންވެ މި ނިންމުން މުރާޖައާކޮށް، މެންބަރުންނާއިއެކު ދަތުރު ކުރި ނަމަވެސް، އާއިލާ ފިޔަވާ ފިޔަވައި އެހެން އާއްމުންނަށް އެ ހިދުމަތް ނުދިނުމަށް ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
މި ނިންމުން ބަދަލުކުރީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ގޮތަށް ފާސްކުރުމަށް ހުށައެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމި މި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

