ކަފާލާތުގެ ގާނޫނެއް ގެނެސް، ތަފްސީލުކޮށް އުސޫލެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލަކަށްވެފައި ރައްޔިތުންގެ ހަައްގުތައް ކަށަވަރުކޮށްދިނުމަށްކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ މައިގަނޑު އެއް އިސްލާހަކީ ކަފާލާތުގެ އުސޫލު ތަފްސީލުކޮށް ބަޔާން ކުރުމެވެ. އެކަން ފާހަގަކޮށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ހުސްނީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ ފަދަ ކަފާލާތުގެ އުސޫލެއް އެކުލަވާލާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
ހުސްނީ ވިދާޅުވީ ރާއްޖޭގައި ސީދާ ކަފާލާތުގެ ގާނޫނެއް ނެތް ނަމަވެސް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އެފަދަ އުސޫލެއް އޮތް އިރު ގާނޫނުގައި ބަޔާން ކުރެވި ޕްރެކްޓިސް ކުރަމުން އައި ވަރަށް މަދު ބާވަތެއްގެ ކުށްތަކަށްކަމަށެވެ. ގާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، އިސްތިއުނާފު މަރުހަލާގައި ބަންދުން ދޫނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ނެރެފައި އެބައޮތްކަން ފާހަގަކޮށް ހުސްނީ ވިދާޅުވީ ދައުވާ އުފުލައި ބަންދުގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަފާލާތު ދީފައި ވަނީ މަދު ބަޔަކަށް ކަމަށެވެ.
އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހުށަހެޅި މައްސަލައެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގައި ވަނީ އެފަދަ އުސޫލެއް ރާއްޖޭގެ ގާނޫނުތަކުގައި ނެތްކަން ފާހަގަކޮށްފަ އެވެ. އަދި ހުކުމުގައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަފާލާތު ދެނީ، ތަފްސީލުކޮށް ލިޔެފައިވާ ގާނޫނުތަކާއި އުސޫލުތަކެއްގެ ދަށުން ކަމަށެވެ.
މި ހާތަނަށް މި އުސޫލަށް އަމަލު ކުރެވި، ޕްރެކްޓިސް ކުރެވެމުން ދިޔަ ގޮތަށް ބަލާއިރު ތަހުގީގު މަރުހަލާގައި ހަމައެކަނި ވަކި ބާވަތެއްގެ ކުށެއްގައި ވަރަށް މަދު ކުށެއްގައި ކަފާލާތުގެ ދަށުން ދޫކޮށްފައި އެބަހުރި.. ދައުވާ ދަށު ކޯޓުގައި އުފުލިފައި ބަންދުގައި ތިބޭ މީހުން ވެސް ބަންދުން ދޫކުރެވޭ ހާލަތްތައް ވަރަށް މަދު.. ވަކިން ހާއްސަކޮށް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުންދޫކޮށް ދިނުން މި ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައި ނެތް ކަމަކަށް ވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކަނޑުއަޅުއްވާފައި އެބައޮތް.. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ކަފާލާތުގެ އުސޫލުގެ ދަށުން އިސްތިއުނާފު މަރުހަލާގައި މިހާ ދޫކުރަމުން ދަނީ އެ ގައުމުތަކުގެ ގާނޫނުގައި އެކަންކަން ތަރުތީބުކޮށް ބަޔާންކޮށްފައި އޮތީމައޭ.. އެކަމަކު ރާއްޖޭގައި އެ ހަމަތައް ބަޔާން ކުރެވި، އުސޫލުތައް ބަޔާންކޮށްފައި ނެތޭ..
މިއީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅިފައިވާ ކަމަކަށް ވާތީ، ކަފާލާތުގެ ގާނޫނެއް ގެނަމަށް ރައީސް މުއިއްޒު ނިންމެވީކަމަށް ހުސްނީ ވިދާޅުވި އެވެ. ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން މަރުގެ މައްސަލަތައް ފަދަ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ އިސްތިއުނާފު މަރުހަލާގައި ކަފާލާތަށް އެދި ހުށަހެޅިދާނެ އެވެ.
ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ޤާނޫނުގައި މިހާރު އެކުލެވޭ ކަފާލާތުގެ އާންމު އުސޫލުތަކާއި، ތަހުޤީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާއި ގުޅޭ އުސޫލުތައް ހިމެނެއެވެ.
ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ ހައްޤު ބަންދުގައި ހުންނަ މީހާއަށް ލިބިދޭއިރު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ފިޔަވައި ކޮންމެ ހާލަތެއްގައި ވެސް ކަފާލާތުން ދޫކޮށްދިނުމަށް އެދުމުގެ ހައްޤު ޤައިދީއަށް އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިގޮތުން ދޫކުރަނީ ކޯޓުން ޝަރުތުތަކަށް ކަނޑައެޅުމަށްފަހުއެވެ. އެއީ އިތުރަށް ބަންދުކޮށްގެން އޭނާގެ ފަރާތުން ހާސިލްވާނޭ މަސްލަހަތެއް ނެތްކަން އެމީހާ ސާބިތުކޮށްދިނުމުންނެވެ.. ނަމަވެސް، އެމީހާ ކޯޓު އަމުރަކާއި ޚިލާފުވެފައިވާ ނުވަތަ ކޯޓުން ކަނޑައަޅާފައިވާ ޝަރުތަކާއި ޚިލާފުވެފައިވާ ނަމަ، ނުވަތަ ބޮޑެތި ކުށްތަކުގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކުނަމަ ކަފާލާތުގެ ދަށުން ދޫނުކުރެވޭނެކަމަށް ވެސް ބިލުގައިވެއެވެ. އެގޮތުން ޖިންސީ ގޯނާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ނުވަތަ މީހުން މެރުން ފަދަ މައްސަލަތައް ހިމެނެއެވެ.
މިގޮތަށް ބަންދުން ދޫކުރާއިރު ކަނޑައަޅާފައިވާ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ގަވައިދުން ރިޕޯޓްކުރަން ޖެހޭކަމަށްވެސް އިސްލާހުގައިވެއެވެ. އަދި ބަންދުން ދޫކޮށްލާފައި ހުންނަ އިރު އެއްވެސް ޤާނޫނަކާ ޚިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް ޝަރުތުކުރެވޭ ގޮތަށް އިސަލާހެއް ވަނީ ހިމަނާފައެވެ.

