މިއަދު ބޭއްވި ބައި އިލެކްޝަނުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައްޔިތުން ސަރުކާރާއި މެދު ކުރާ އުންމީދާއި، ދެކޭ ތަސައްވުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ބައި އިލެކްޝަނުގެ ތެރެއިން، ޕީއެންސީ ފަސް ދާއިރާ ވެސް ކާމިޔާބު ކުރިއިރު އިދިކޮޅު އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވެ އެވެ. ޕީއެންސީއަށް ނުލިބުނު ހަމައެކަނި ގޮނޑި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން ގޮނޑި ކާމިޔާބު ކުރީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެވެ.
އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުރިހާ އިންތިހާބީ މެމްބަރުންނަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކަން ފާހަގަކޮށް އަބްދުއްރަހީމް މިރޭ ވިދާޅުވީ ރައީސް މުއިއްޒަށް އޮތް ތާއީދު ”ފަތު އަޑު ކިޔައި“ ރައްޔިތުންގެ ތެރޭގައި އިތުރުވަމުންދާކަމަށެވެ.
މީގެއިތުރުން އިންތިހާބަށް އެމްޑީޕީން ވެސް މާބޮޑު ކެމެޕެއިން ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ނުވެ އެވެ.
ސަރުކާރުން މިއީ ބޮޑު ކާމިޔާބީއެއްކަމަށް ފާހަގަކުރި ނަމަވެސް، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 13،112 މީހުންގެ ތެރެއިން ވޯޓުލާން ނިކުތީ 3،528 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން ބަލާއިރު 27 އިންސައްތަ އެވެ.

