މިފްކޯއިންދަނީ ނުހައްގުން މުއައްޒަފުން ވަކި ކުރަންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސޯޝަލްމީޑިއާގައި ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ
މިފްކޯއިން އާންމު މުއައްޒަފުން ވަކިކުރުމަށްފަހު ސިޔާސީ މުއައްޒަފުން ބައިތިއްބައިފައިވާކަމަށް ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާޙަކަތަކާއި ގުޅޭގޮތުން އެ ކުންފުނިގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަދަމުންދަނީ ބޮޑު ދޮގެއްކަމަށެވެ. އޭނާ ވިދާޅުވީ، މިފްކޯއިން ދަނީ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ބްލީޑްވާ ދިމާތައް ދެނެގަނެ އިސްރާފު ކުޑަކުރުމުގެ ގޮތުން ހެޔޮ ބަދަލުތަކެއް ގެންނަމުންކަމަށެވެ.
ސައީދު ވިދާޅުވީ، އެއްވެސް އާދައިގެ މުއައްޒަފެެއްގެ މުސާރައިން އުނިކުރުމެއް ނެތްކަމަށާއި މުސާރަައިން ބައެއް އުނިކުރުމަށް ނިންމާފައިވަނީ ޖީއެމްއާއި ސީނިއާ މެނޭޖުމެންޓް ލެވެލްގެ މަގާމުތަކުން އެކަނިކަމަށެވެ. އެހެންކަމުން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ޝަކުވާ އެއް އަންނަންޏާ އަންނަން ވާނީ އެ ލެވެލްއިންކަމަށާއި ކުންފުނިން އެއްވެސް ވަރެއްގެ އޮޅުވާލުމެއް ނުގެންގުޅޭކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވީ، އެލޮވެންސްތަކަކީ ވެސް ލިބެންޖެހޭ މުއައްޒަފަށް ލިބެންޖެހޭ ވަރަށް ލިބޭ އެއްޗެކަށް ހެދުމަށްޓަކައި ކަންކަން ތަރުތީބުކުރުމަކީ ނުހައްގުން ކަންކަން ކުރުމަށްވުރެ ބޮޑަށް ހައްގުން ކުރެވޭ މަސައްކަތްތަކެއްކަމަށެވެ. އަދި އެއީ މިފްކީގެ ވިސްނުން އަދި އަމާޒުކަމަށާއި ދެކެވެމުންދާ ވާހަކަތަކަކީ އާންމުންގެ ތެރޭގައި މިފްކޯ އިމޭޖް ބަދަލުކުރުމަށްޓަކައި ފަރުމާކުރަމުންދާ ވާހަކަތަކެއްކަމަށްވެސް ވިދާޅުވިއެވެ.
މިފްކޯއިން ބުނެފައިވާގޮތުން އިސްރާފު ކުޑަކުރުން ފަދަ މަސަައްކަތްތަކަކީ ޖުން އިން ފެށިގެންވެސް ކުރިއަށް ދާ ކަމެއްކަމަށެވެ. އަދި އަލަށް މުއައްޒަފުންވަކި ކުރަން ފެށީ ނޫންކަމަށްވެސް ހިއްސާކުރެއްވިއެވެ. ސައީދު ވިދާޅުވީ، ވަޒީފާއިން ކަނޑާލާފައިވަނީ ޖެހިޖެހިގެން ފަސް ދުވަހު އޮފީހަށް ހާޒިރުނުވާ މީހުންކަމަށާއި، މުޅި އަހަރުގެ ތެރޭގައި 15 ދުވަސް އޮފީހަށް ނައިސްފި ހާލަތެއްގައި އެއްވެސް ޝަރުތެއް ނެތި އޮޓަމެޓިކުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިންތިޒާމުތައް އޮތްކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް މައްސަލަ ޖެހުމުގެ އިތުރުން ގަޑިއަށް ނައުމާއި ނަހަލާލު ގޮތުގައި މުސާރަ ހޯދުމާއި ނުހައްގުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުގައި ދެމިހުރުމުގެ އިތުރުން ވާނުވާވެސް ނާންގާ މީހުން ތިބިކަމަށެވެ. އަދި ކުންފުނީގެ ހެޑް އޮފީހުގައި ތިބި އެފަދަ ގޮތަކަށް ފާހަގަކުރެވޭ މީހުންވެސް ވަކި ކުރާނެކަމަށް މައުލޫމާތު ދެއްވިއިރު ކުރިއަށް އޮތްތަނުގައިވެސް އުސޫލުތަކާއި އެއްގޮތަށް އަމަލުކުރައްވާނެކަން ހިއްސާކުރެއްވިއެވެ.

