ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއް ވަކި ކުރުމަށް، ގާނޫނުގައި ބުނާ އަދަދަށް ވަކީލުންގެ ފަރާތުން ލިއުމުން މައްސަލަ ހުށަހެޅުމުން އެކަށީގެންވާ ދިރާސާއެއް ނުކޮށް ވޯޓަށް އެހުމަކީ ރަނގަޅު ގޮތްކަމަށް ނުދެކޭކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.
ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނި ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކުރައްވައި ހުސްނީ ވިދާޅުވީ ވަކީލުންގެ ކަންކަން ރެގިލޭޓު ކުރާ އިދާރާއެއްގައި އޭޖީ ހުންނެވުމަކީ ގާނޫނު ފަރުމާ ކުރެވިގެން އަންނަންވާނެ ގޮތެއް ނޫންކަމަށެވެ. އަދި ބާކައުންސިލް އައުމު ކުރިޔަށް ވެސް ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި އަޅާ ފިޔަވަޅެއްގެ ގޮތުން ލައިސެންސް ބާތިލުކޮށް ހިފަހައްޓާފައިވާކަން މާޒީން އެނގެން އެބައޮތްކަމަށް ހުސްނީ ވިދާޅުވި އެވެ.
ބަންޑާރަ ނައިބަކީ ކެބިނެޓުގައި ވެސް ހުންނަވާ ބޭފުޅަކަށް ވެފައި، ގާނޫނީ ވަކީލުންނާއި ގުޅޭ ސުލޫކީ މައްސަލައެއްގެ މައްޗަށް އެފަދަ ބުފުޅެއްގެ ކިރިޔާ ވެސް ނުފޫޒު ފޯރާނެހެން ގާނޫނު ބައްޓަން ކުރުން ރަނގަޅު ނޫންކަމަށެވެ. އަދި ވެރިކަމުގެ ބާރުން ވަކީލުންގެ މަސައްކަތްތަކުގެ ތެރެއަށް، ވަނުމަކީ އެންމެ އެދެވޭ ގޮތްކަމަށް ނުވާތީ ސަރުކާރުން ބޭނުން ވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރަންކަމަށް ހުސްނީ ވިދާޅުވި އެވެ.
އަޅުގަނޑު ފާހަގަކުރަން މިއުޅެނީ ގާނޫނީ ވަކީލަކު ހަމަހުރެފައި ކުރާ ކަމަކާ ގުޅިގެން.. ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓަރ ކުރުމަށް ވަކި ބޮޑީއެއް މިހާރު އެކުލަވާލެވިފައި އޮތް އިރު ބަންޑާރަ ނައިބާއި ނުވަތަ ދައުލަތުގެ ފަރާތުން ވަކީލުންގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފުރުސަތެއް ދެވިގެން ނުވާނެ… ކުރިން އޮތް އޮތުން މިހާރު މިވަނީ ނިމުމަކަށް ގެނައުމަށްޓަކައި މި އިސްލާހު ހުށަހެޅިގެން މިދަނީ.. ވެރިކަން ހިންގުމުގެ ބާރުން ވަކީލުންގެ ކަންކަމަށް އެއްވެސް ނުފޫޒެއް، ފުރުސަތު ދޭން އޮތް އޮތުން ނިމުމަކަށް ގެންނަން..
މި އިސްލާހު މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ހުސްނީ ވިދާޅުވި ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު ވަކިކޮށް ގާނޫނީ ވަކީލުން އިންތިހާބު ކުރާ މެމްބަރުންގެ މައްޗަށް މުޅި ކައުންސިލްގެ އެކްސްކޯ ހިމެނިގެން ދިއުމެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން، 100 ވަކީލުންގެ ސޮޔާއި އެކު އެކްސްކޯ ކޮމިޓީގެ މެމްބަރެއް ވަކި ކުރުމަށް ހުށަހެޅިދާނެ އެވެ. އެ ހުށަހެޅުން ފާސް ވާނީ، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ، ދެބައިގެ އަޣުލަބިއްޔަތު ވޯޓުންނެވެ. ހުސްނީ ވިދާޅުވީ ކައުންސިލްގެ މެމްބަރެއް ވަކި ކުރުމަށް ބޭނުން ވާތީ ގާނޫނުގައި ބުނާ އަދަދަށް ސޮއި ހަމަކޮށް ހުށަހެޅުމުން މައްސަލަ ބަލަން ޖެހޭ މިންވަރަށް ނުބަލައި ވޯޓަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމަށެވެ.
އެހެންކަމުން، އެކްސްކޯގައި ހިމެނޭ މެމްބަރަކު ވަކިކުރުމުގައި، ވަކީލުން ހުށަހަޅާ ހުށަހެޅުންގެ އިތުރަށް އެކަން ބަލައި އެކްސްކޯއިން ގޮތެއް ނިންމަން ޖެހޭތޯ ނުވަތަ ނޫންތޯ އެއީ އިތުރަށް ދިރާސާ ކުރަންޖެހޭކަމެއް… ކުރީގައި ވެސް އެގޮތަށް ހިމަނާފައި އޮތީ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި ވަކި މެމްބަރަކު ވަކި ކުރުމަށް 100 ވަކީލުން ސޮއިކޮށް ހުށަހެޅުމުން، އެކަން އިތުރަށް ނުބަލައި އެ މެމްބަރަކު ވަކި ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާނެތީ…
ގާނޫނީފަންނުގެ 16 ވަނަ މާއްދާގައި ބުނާ ގޮތުން ބަންޑާރަ ނައިބު ފިޔަވައި ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ، ޤާނޫނީ ވަކީލުންގެ ތެރެއިން 100 އަށްވުރެ މަދު ނޫން އަދަދެއްގެ ގާނޫނީ ވަކީލުން، އެ މެންބަރަކު ވަކިކުރުމަށް ބާ ކައުންސިލަށް ލިޔުމުން ހުށަހެޅުމުން 15 ދުވަހުގެ ތެރޭގައި އެ މައްސަލަ އެޖެންޑާ ކުރަންވާނެ އެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއް ވަކި ކުރުމަށް ހުށަހެޅިދާނެ ހާލަތްތަކަކީ މަސްއޫލިއްޔަތު އަދާ ނުކުރުމާއި، ތަކުރާރުކޮށް މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން އަދި މަސްލަހަތު ފުށުއަރާ ފަދަކަމެއް ދިމާވުމެވެ.

