ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ދުވަހު ސްކޫލުތަކުގެ ޙަރަކާތްތައް ނުބޭއްވުމަށް އެޑިއުކޭޝަނުން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހު ސްކޫލުތަކުގެ ޙަރަކާތްތައް ނުބޭއްވުމަށާއި، މުދައްރިސުން މަސައްކަތްކުރަން ނުނެރުމަށް އަނެއްކާވެސް ސްކޫލުތަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގައިފިއެވެ.

މިނިސްޓްރީއިން މިއަދު ސްކޫލުތަކަށް ފޮނުވި މެމޯގައި ވާގޮތުން ޚާއްޞަ ޙާލަތްތަކުގައި ހުކުރު ދުވަހު ޙަރަކާތެއް ބާއްވަން ޖެހިއްޖެ ނަމަ، މުދައްރިސުން އެ ޙަރަކާތަކަށް ނެރެންވާނީ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށް ފަހުގައެވެ.

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހުކުރު ދުވަހު މުދައްރިސުން މަސައްކަތަށް ނުނެރުމަށް މީގެ ކުރިން ވެސް ސްކޫލުތަކުގެ ވެރީންނަށް މިނިސްޓްރީއިން ވަނީ އިރުޝާދު ދީފައެވެ. އެހެން ނަމަވެސް ބައެއް ސްކޫލުތަކުން މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ދާއިރާގައި ތިއްބެވި ޚިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މި ދިރާސީ އަހަރު މިނިސްޓްރީއިން މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބެލެނިވެރީންނާ މުދައްރިސުން މުޢާމަލާތުކުރުމަށް ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، ތަރުތީބެއް ނެތި ސްކޫލުތަކުގައި ހިންގާ އިތުރު ޙަރަކާތްތައް މަދުކުރުން ހިމެނެއެވެ.

އެގޮތުން ވަކި ވަކި ކްލާސްތަކަށް ޚާއްޞަ ވައިބާ ގްރޫޕް ބޭނުންކުރުމުގެ ބަދަލުގައި ވަކިވަކި ކީ-ސްޓޭޖްތަކަށް ނުވަތަ ގްރޭޑް ތަކަށް ޚާއްޞަ ކޮމިޔުނިޓީ ވައިބާ ގްރޫޕް ހެދުމަށާއި، އެ ގްރޫޕް މެދުވެރިކޮށް މެސެޖު ކުރެވޭނެ އެންމެ ލަސްގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެއްދެވުމަށް، މިދިޔަ ޖޫން މަހުގެ ތެރޭގައި މިނިސްޓްރީއިން ވަނީ ސަރކިޔުލަރ އެއް މެދުވެރިކޮށް ސްކޫލުތަކަށް އަންގާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: