20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށް، އެއާއި އެއްގޮތަށް އަމަލު ކުރަން ފަށައިފިއެވެ.
މި ދައުރަށް މަޖިލީހުގެ ގަވާއިދު ފާސްކޮށްފައިވަނީ އާންމު ކޮމިޓީން ފާސްކުރި ގޮތަށެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންވެސް އިއްތިފާގުވީ މިގޮތަށް ގަވާއިދު ފާސްކުރުމަށެވެ. މަޖިލީހުގެ ގަވާއިދު ފާސްކުރަން 62 ވޯޓު ބޭނުންވެއެވެ.
މި ދައުރަށް ފާސްކުރި މަޖިލީހުގެ ގަވާއިދުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި، ހުށައެޅުއްވުމެއްވެސްވެއެވެ. އެއީ ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތަށް ގެނައި ބަދަލެކެވެ. އެގޮތުން ކުއްލި މައްސަލައަށް ބަހުސް ކުރާ މެންބަރުންނަށް ދޭ ތިން މިނެޓުގެ ފުރުސަތު، ފަސް މިނެޓަށް ބަދަލުކުރުމަށް ވަނީ ހިމަނާފައެވެ.
މެއި 28 ގައި ހުވާކުރުމާއި ހަމައިން މިއަދާއި ހަމައަށް 20 ވަނަ މަޖިލީހުގެ މެންބަރުން އަމަލު ކުރަމުންދިޔައީ 19 ވަނަ މަޖިލީހުގެ ގަވާއިދަށެވެ. އެއީ ގަވާއިދު ހަދަން އޮންނަ މުއްދަތު އިތުރު ކުރުމަށްފަހުގައެވެ.

