ޖިނާއީ އަދުލުގެ ނިޒާމަށް ނަޒަރު ހިންގާލާ ކަން ހިނގަމުން އަންނަ ގޮތް ފަހުމު ވުމުން ދޭހަ ވާ އެއްކަމަކީ އެ ނިޒާމުގައި ކަންބޮޑުވާ ހައްސާސް މައްސަލަތަކެއް ހުރިކަމެވެ. ކުށުގެ ވެށިން ބަޔަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްޓަކައި ގާނޫނު ބަދަލުކުރުމަކީ ހަމައެކަނި އެކަމަށް ލިބިގެންދާނެ ހައްލު ކަމާމެދު ޝައްކެވެ. އެހެންނޫން ނަމަ މިއަދު އެންމެންގެ ތެރޭގައި އާއްމު ”ވާނުވާ“ ބަންދެއްވެސް ނޯންނާނެއެވެ.
ގާނޫނަކީ ޝަރުއި ނިޒާމުގެ ތެރޭގައި ކަމެއް ރަނގަޅު ކުރުމަށްޓަކައި އެންމެ މުހިންމު އެކަތި ކަމަށް ވާއިރު އޭގެން ބާރު ލިބިދޭ އެތައް ކަމެއް ކުރުމަށް މުވައްސަސާތައް ނުކުޅެދިފައި އޮތް އޮތުމަކީ ހަގީގަތެކެވެ. ސަބަބުތައް ބައިވަރެވެ. ދައުލަތުގެ ވަސީލަތްތައް ހަމަ ނޫން ކަމަށް ބުނެ ބައެއް ކަންކަން މަޑު ޖައްސާލައި އަނެއްބައި ކަންކަމަކީ ނުފޫޒުން މަޑު ޖައްސާލައި ކަންކަމެވެ.
މީހަކު ޖީނާއީ ކުށަކަށް އަރައިގަނެ އެމީހާގެ މައްޗަށް ކުށް ސާބިތުވާ ހިސާބުން އެމީހަކާއި މެދު އަމަލުކުރާނެ ގޮތުގެ ބޮޑު ”މެނޫ“ އެއް ހުކުމުގައިވެސް ބަޔާން ކުރާނެއެވެ. އަދި އެ ކުރި ކުށުގެ ބޮޑު ކުޑަ މިނަށް ބަލައި އެމީހަކަށް އަދަބު ދިނުމަށް ނިންމައެވެ. ބަޔަކު މީހުން ކަންބޮޑު ވަނީ ކުށް ކުރާ މީހުންނަށް ދެވޭ އަދަބު އަދިވެސް ކުޑަ ވާތީ އެވެ. އެހެންނަމަވެސް މުޅި ނިޒާމަށް ބަލައިކަމަށް ވާނަމަ އެއަށްވުރެ ކަންބޮޑު ވާންޖެހޭ ކަންކަން އެބަހުއްޓެވެ.
އުމުރުން 22 އަހަރުގެ ޒުވާނެއްގެ އުމުރާއި ނުބައްދަލު ކުށުގެ ރެކޯޑެއް އޮތުމަކީ މިއަދު ކަންބޮޑުވާން ޖެހޭ ކަމެއް ނޫންތޯއެ؟ މިކަމާއި މެދު ކަންބޮޑުވެ ވަޑައިގެން ކުރީގެ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެތައް ސުވާލެއް ކުރިމަތިކޮށްފައިވެއެވެ. ހިލްމީ އުފައްދައިފައިވާ ސުވާލު ތަކަށް ނަޒަރު ހިންގާލާއިރު ނިޒާމް ރަނގަޅަށް ނުހިނގަނީ، ތަޙްޤީޤުކުރުމުގެ މައްސަލައެއްގެ ސަބަބުންތޯ ސުވާލު އުފެއްދިއެވެ. ނޫނީ ދަޢުވާކުރުމުގެ މައްސަލައެއްގެ ސަބަބުންތޯ؟ ނޫނީ މައްސަލަ ބަލައި ވަޒަންކުރުމުގެ މިންގަނޑުގެ ސަބަބުންތޯ؟ ނޫނީ ޤާނޫނުތައް ފަރުމާކޮށްފައި ހުރި ގޮތުގެ ސަބަބުންތޯ؟ ނޫނީ ޙުކުމްކޮށް ބަންދުކޮށްފައި ހުންނަ މީހާ ސިޔާސީ ފައިދާއަށް ދޫކޮށްލުމުގެ ސަބަބުންތޯ؟ ސުވާލު އުފެއްދިއެވެ.
ޒުވާން ޖީލު ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކިތަންމެ މޮޅު ވާހަކަތަކެއްވެސް ދައްކައެވެ. އެކަމަށް އެއްބަޔަކު ތިބެނީ އަތް ޖަހަން އަދި އަނެއް ބަޔަކު އެކަމާމެދު މާބޮޑު ފަރުވާލެއް ބަހައްޓައި ކަމާއި މެދުވެސް ޝައްކެވެ. ކުށް ކުރުން ހުއްޓުވުމަށްޓަކައި ބަޔަކު ޕޯޑިއަމްގަައި އަޑު ހަރުކޮށްވާހަކަ ދެއްކިޔަސް ހައްލެއް ނާންނާނެވެ. ކުށުގެ ވެށިން ބަޔަކު ސަލާމަތް ކުރަން ބޭނުންނަމަ އެކަމަށް ހަރުދަނާ އުސޫލުތަކެއް ހެދިފައި ހުންނަން ޖެހެއެވެ.
އެއްފަހަރު ކުށެއްގެ ތުހުމަތުގައި ބަންދުކޮށް އޭނާ ޖަލުން މިނިވަން ވެގެން މުޖުތަމުގެ ތެރެއަށް ނުކުތުމުން ނިކުންނަން ޖެހޭ ނަތީޖާއަކީ ދެވަނަ ފަހަރަށް އެއަށްވުރެ ބޮޑު ކުށެއް ތަކުރާރު ކުރުމެއް ނޫނެވެ. އެހެން އެކަން ހިނގާނަމަ މުވައްސަސާތައް ފެއިލްވީ އެވެ. މިކަމަށް ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ދައުލަތެވެ. ހަމައެކަނި ދައުލަތުގެ ވަސީލަތް ނެތިގެންނޭ ބުނެ މިކަންކަން ފަރުޖައްސާލެވޭކަށްނެތެވެ. ދައުލަތުން ވަސީލަތްތައް ހަމަކޮށްދޭން ޖެހެއެވެ. އެހެންނޫންނަމަ މިކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ފަދައިން ކަނޑުގައި ރޮނގެއް އެޅުން ފަދަކަމެކެވެ.
ބޭރުގެ ގައުމުތަކުގެ ތެރެއިން ނޯވޭ ފަދަ ގައުމުތަކަށް ނަޒަރު ހިންގާލުމުންވެސް ފެނިގެންދާނީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރާމަސައްކަތެވެ. އެއްފަހަރު ކުށް ކުރާ މީހަކު ދެވަނަ ފަހަރަށް ކުށަކަށް އަރައިގަތުމަކީ އެގައުމުގައި މަދުން ހިނގާކަމެކެވެ. އަދި ނޯވޭ އަކީ ދުނިޔޭގައި ކުށްތަކުރާރު ކުރާ ނިސްބަތް އެންމެ މަދު އެއް ގައުމެވެ.
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މީހަކު ބަންދު ކުރުމަށް ފަހު އޭގެން ނިކުންނަން ޖެހޭނީ ރަނގަޅު ނަތީޖާއެކެވެ. އޭގެތެރޭގައި އެމީހެއްގެ ދިރިއުޅުން އަލުން ފެށުމަށް ފުރުސަތު ލިބިގެންދާއިރު އަނެއް ކަމަކީ އޭނާއަކީ ކުށް ކުރުމުން ދުރުހެލިވެފައިވާ މީހަކަށް ވުމެވެ. މިކަންކަން ހާސިލް ނުވާނަމަ ޖިނާއީ އަދުލުގެ ނިޒާމުގައި ފުންކޮށް ވިސްނާލަންވީ ބައިވަރު ކަންކަން އެބަހުއްޓެވެ.
މީހަކު ކުށެއް ކުރުމުން އެމީހަކަށްދޭ އަދަބާ މެދު ވިސްނުމުގެ ބަދަލުގައި މީހުން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންކަމަށް ވިސްނާލުން މުހިންމެވެ. ރާއްޖޭގައި ސިޔާސީ މަންފާއަށް މީހުން ދޫކޮށްލުން ހުއްޓުމަކަށް ގެންނަންޖެހެއެވެ. ގާނޫނުތައް ހިރަފުސް އަރަންދެން ނުބަހައްޓައި ތަންފީޒު ކުރަންއެބަޖެހެއެވެ. މައްސަލަތަކުގައި ރަނގަޅަށް ތަހުގީގު ހިންގައި އެކަމަށް ޒިންމާވާނެ ފަރާތެއް އަދުލު އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވެންޖެއެވެ. މިހުރީ ކަމަކީ އަދި ބަރަވެލި ސްޕީޑުގައި ހިނގައިގެންވެސް ހައްލު ލިބޭނެ ކަންކަމެއް ނޫނެވެ.
ޖީނާއީ އަދުލުގެ ނިޒާމް މިއަދު އޮންނަންޖެހޭނީ ފައްކާވެ ގަނޫނުތައް ތަންފިޒު ކުރެވޭ ހިސާބުގައެވެ. އެހެންނޫން ނަމަ މި ކުޑަ ދިވެހިރާއްޖޭގައި ގިނަ ވާނީ އުމުރާއި ނުބައްދަލު ކުށުގެ ރެކޯޑެއް އޮތް މީހުންނެވެ.

