ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށް ސިޓީ ތަކާއި ލޯކަލް އިދާރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުން އެދޭގޮތަށް ނިޒާމުތައް ހަރުދަނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމަށެވެ. އެ އުޞޫލުން ވެރިކަމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ މުއްދަކަށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެވިއްޖެނަމަ، ޙަޤީޤ މާނައިގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ދިމިގުރާތީ ނިޒާމު ހަރުދަނާ ވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒުގެ ޒައާމަތުގައ ރާއްޖޭގެ މުސްތަޤުބަލު އުޖާލާވާނެ ކަމަށެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ބްރިޖުގައި ޓޯލް ފީ ނެގުމަށް ސަރުކާރުން ދިރާސާތަކެއް ހެދުމަށް ނިންމާފައިވާކަމަށް ނިންމުމާއި ގުޅިގެން އެކަމަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ވުމުންނެވެ.
ރޭ އިޢުލާން ކުރެވުނު “މާލެފަހި” ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ ރައީސަށް އެރުވުމުގެ ނިޔަތުގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އައިނަމަވެސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިންނާ، އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

