ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ، އެބައެއްގެ މިނިވަންކަން ދެމި އޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ދެއްވި މެސެޖުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއް ކަމަށެވެ. އަދި އަދި ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނިކުމެ ގައުމުގެ ދިފާއުގައި ގުރުބާންވިކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ ދިވެހި ގައުމުގެ މިނިވަންކަމުގެ ހައްގުގައި ޖިހާދު ކުރެއްވި ބަތޮލުންގެ ޒިކުރާ އާކުރައްވައި ކާބަފައިން ވީ ގުރުބާނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިތިގުލާލް ރައްކާތެރިކުރެއްވުމަށާ، ގައުމުގެ ސުލްޙަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މިއަދު ރައީސް މުއިއްޒު ވެސް އާންމު ކުރެއްވި ޕޯސްޓުގައި ވަނީ މިނިވަންކަމުގެ މަތިވެރި ނިއުމަށް އަބަދުވެ ދެމެހެއްޓެވުން އެދި ދުއާ ކުރައްވާފަ އެވެ.

