ރާއްޖެއަށް ’ކޮޅު ނެތް ކޮޅުގެ‘ މިނިވަންކަމެއް ދެމެހެއްޓެން އޮތީ ބޭރުގެ ދަރަނިން ސަލާމަތްވެގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިއްޔާ ފޮނުއްވާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި މި ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވީ ”އެމަނިކުފާނަށް ފެންނަ ގޮތުގައި ކޮޅު ނެތް ކޮޅުގެ މިނިވަން ކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނީން ސަލާމަތްވެ ތިބެގެންކަމަށެވެ.
ދަރަންޏާ ނުލާ އުޅުމުން ސަރުކާރުން މިހާރު ރައްޔިތުންނަށް ދެމުން އަންނަ އެތައް ޚިދުމަތަކުން މަހްރޫމުވާނެ ނަމަވެސް، ބުއްދިވެރިކަން އިސްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ދަރަނި އިތުރުވެ، މެނޭޖުނުކުރެވި ޑީފޯލްޓް ވެދާނެ ހާލަތަކަށް ގޮސްދާނެކަމަށް ގިނަ ބަޔަކު އަންނަނީ ލަފާ ކުރަމުންނެވެ. ރާއްޖޭގެ ބަޖެޓު އެކުލަވާލާއިރުވެސް، ބޭރުގެ ފަރާތްތަކުން ލިބޭ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވާއިރު، އެއް ގައުމަކުން އެތައް ދަރަންޏެއް ނަގާފައިވާކަން ފާހަގަކުރެވެއެވެ. 130 ބިލިއަނާއި ގައުމުގެ ދަރަނި ގާތް ކުރާއިރު، ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ.
ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައިކަމަށްވާއިރު، ދާދި ފަހުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ ފިޗުންވެސް ވަނީ ދަރަނި ނުދެއްކޭ ހާލަތު މެދުވެރިވެ ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ.

