ފަތުރުވެރިިކަމުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް ކުރާއިރު، ދެ ހަފްތާގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ގާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރާއި ޓީޖީއެސް.ޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު އަދި ޖީއެސްޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާއާއި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ މި ފައިސާ އެކަނި ހޯދައިގެން ވެސް ގައުމުގެ ދަރަނީގެ މައްސަލަ ހަައްލު ކުރެވޭނެ ކަމަށެވެ.
ޖަލްސާގައި ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި މިހާރު ގިނަ ފަރާތްތަކުން ވަނީ ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ލިޔެކިއުމާއި ސިޓީތައް ފޮނުވުމުން ފައިސާ ދައްކަން ފަށާފަ އެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ނުލިބި އޮތް އިރު މި އަދަދުތައް ހޯދޭ ހާލަތުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ދައުލަތުގެ ދަރަނިތައް ފޫބެއްދުމުގައި ބޮޑު އެހީއެއް ލިބިގެން ދާނެކަމަށެވެ. ފައިސަލް ވިދާޅުވީ އެންމެ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބިވަނީ ފަތުރުވެރިކަމުގެ ތެރެއިން ލިބެން ޖެހޭ އެކި ފީތަކަށް ކަމަށެވެ.
ދައުލަތަށް އެގޮތަށް ލިބެން ޖެހޭ ފައިސާ، އިކޮނޮމިކް ކައުންސިލްއާއި އެޓާނީ ޖެނެރަލްގެ ލަފާގެ ދަށުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ހާމަކުރައްވައި ފައިސަލް ވިދާޅުވީ ބައެއް ރިސޯޓުތަކާއި ވާހަކަ ދައްކައި ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ނޯޓިސްއެއް ފޮނުވާފައިވާކަމަށެވެ.
އެގޮތަށް މިދިޔަ ސަތާރަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަސް މިލިއަން ޑޮލަރު އެގޮތަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހޯދިފައި މިވަނީ.. ދެން މީގެތެރޭގައި އޮޕަރޭޝަނަލް ރިސޯޓްސްތަކުގެ އެބައުޅޭ 77 މިލިއަން ޑޮލަރު ވަރު.. ކޮންސްޓްރަކްޝަން ރިސޯޓުތަކުގައި 173 މިލިއަން ޑޮލަރޭ އަޅުގަނޑު ހަނދާން ވަނީ.. ދެން މިހެން ގޮސް ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ލާރި..
ފައިސަލް ވިދާޅުވީ އިކޮނޮމިކް ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތަފްސީލުތައް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށާއި މަޝްވަރާގެ މަތީން ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ދައުލަތް މިހާލަތަށް ދާން ޖެހުނީ ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުން ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ދަރަނިތައް އުފެދި ކުރީގެ ސަރުކާރުތަކުން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ސިޔާސަތުތަކެއްގެ ސަބަބުން ސަރުކާރުގެ އެތައް ގިނަ ކުންފުނިތަކެއް ބަނގުރޫޓު ހާލަތަށް ވެއްޓިފައިވާކަމަށް ފައިސަލް ވިދާޅުވި އެވެ.

