އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ، ހޮޓެލްގެ ބައެއް މީޑީއާ ވިލެޖަށް ހާއްސަ ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދަޅުވީ މީޑިއާ ވިލެޖު ގާއިމު ކުރާނެ ގޮތް ކެބިނެޓުން މަޝްވަރާކޮށް ވަކި ގޮތެއް ނިންމާފައިވާކަމަށާއި އެކަން ކުރުމަށް ނިންމާފައި ވަނީ އެސްޓީއޯއިން ހަދަން ފަށައި ނުނިމި ހުރި ހޮޓެލްގައި ކަމަށެވެ.
އެ ތަން މިހާރު ސަރުކާރަށް ނަގާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ތަނުގެ ބައެއް ފްލޯތައް ހާއްސަ ކުރާނީ މީޑިއާ ވިލެޖަށް ކަމަށެވެ. އަދި ކޮންމެ މީޑިއާއަކަށް ހަމަޖެހޭ އުސޫލެއްގެ ތެރެއިން ކުޑަ އަގެއްގައި އޮފީސްތައް ހިންގުމަށް އެ ތަނުން ޖާގަ ދޫކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފްލޯތަކުގައި ފެންވަރު ރަނގަޅު ސްޓޫޑިއޯތައް ހަދައި ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ޖާގައާއި ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. މި ވަސީލަތްތައް ވެގެން ދާނީ، މީގެ ކުރިން މީޑިއާތަކަށް ލިބިފައި ނުވާ ފުރުސަތެއްގެ ތެރެއިން ކުރެވޭ މަސައްކަތަކަށްކަމުގައި ރައީސް ވިދާޅުވި އެވެ.
މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ދެއްވި މުއްދަތަކީ، އެއް އަހަރު ދުވަހެވެ.
ނޫސްވެރިންނަށް ހާއްސަކޮށް މީޑިއާ ވިލެޖެއް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ހާމަކުރެއްވީ، އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެކު ބައްދަލު ކުރެއްވުމަށް ބޭއްވި ގުންޒަރުގަ އެވެ.
އެރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި، އެޑިޓަރުންނާއި މީޑިއާތަކުގެ އިސްވެރިން ވަނީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑު އަގުގައި އޮފީސް ހިންގުމުގެ ޖާގަ ކުއްޔަށް ނަގަން ޖެހުމެވެ. އެކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ވައުދާއި އެކު ރައީސް ވަނީ ބައެއް ނޫސްވެރިން ފާހަގަކުރެއްވި ތަމްރީނާއި ދާއިރާގެ ތެރެއިން ތައުލީމު ހޯދުމަށް ބޭނުންވާ ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

