ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާކަމަށް ބުނާ އަޑު އިވޭތާ އެތައް އަހަރެއް ވެއްޖެއެވެ. ފުޅާވެގެންދާ އިގްތިސާދަކާއިއެކު ދަރަނީގެ މައްސަލަ ހައްލުވެ، އާމްދަނީ އިތުރުވެ، އިޖްތިމާއީ ހާލަތުވެސް ރަނގަޅުވާންޖެހޭނެއެވެ. އެ ލަނދުދަނޑިތަކާއިއެކު ރާއްޖޭގެ މިނިވަންކަންވެސް ޔަގީންވާންޖެހެއެވެ.
އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުންނާއި، މިނިވަންކަން ލިއްބައިދޭން ތަހުތަށް ވާސިލުވި ރަން ރީނދޫ ލަޝްކަރުގެ ވެރިކަން މާލީ އަޅުވެތިކަމުގެ ވާހަކަތަކާއިއެކު ނިމިގޮސްފައިވުމުން، އެކަންކަން ބުނެކިޔަމުންދާ މިންވަރަށް ކަށަވަރުވެފައި ނުވާކަން އެނގެއެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ އިސްވެރިން ތިބެފައިވަނީ ސިޔާދަތާއި މިނިވަންކަމުގެ ހުވަފެނެއްގެ މަތީގައެވެ. ހަގީގީ މިނިވަންކަން ހާސިލުވެފައިނުވެއެވެ. ހައްލުކުރެވޭނީ މައްސަލައެއް އޮތްކަންވެސް ގަބޫލުކުރެވިގެންކަމަށްވާއިރު، އިހުލާސްތެރިކަމާއިއެކު ވެރިކަމުގެ ޒިންމާ ނަންގަވާތަން މި ފެނިގެންދިޔައީ ފުރަތަމަ ފަހަރަށް ކަމަށްވެސް ބުނުމުގެ ފުރުސަތު އޮވެއެވެ. މީގެ ކުރިން ވަޑައިގެންނެވި ބައެއް ފަރާތްތަކަށް އެކި ނަޒަރިއްޔާތަކުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މާލީ ހީނަރުކަމުގެ މައްސަލައަށް ބެއްލެވިފައި ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިހެން ދެންނެވެނީ މީގެ ކުރިން މައްސަލަ ހައްލުކުރާނެކަމަށް ވިދާޅުވާއިރު، ހައްލާއި ގުޅުން ހުރި ތަފްސީލެއް ނުދެއްވާތީއެވެ. އެހެންނަމަވެސް މިހާރުގެ ރައީސް ޑރ މުއިއްޒުވަނީ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މައްސަލައިގެ ތަފްސީލުތަކުގެ އިތުރުން ހައްލުކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި އަޅަމުންދާ ފިޔަވަޅުތަކުގެ އިތުރުން ނަތީޖާތަކުގެ ތަސައްވުރުވެސް ސާފު އިބާރާތުން ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވަނީ އެކި ނަޒަރިއްޔާތަކުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އިގްތިސާދީ މައްސަލަތައް ހައްލުކުރެއްވުމުގެ ގޮތުން ވިސްނަވާފައިކަން ދެއްކެވި ވާހަކަތަކުން އެނގެއެވެ.
ދަރަނީގެ މައްސަލަ:
އެމަނިކުފާނު ވިދާޅުވީ، ޕީއެންސީގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދުގެ ޒިންމާ ނެގިއިރު، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި އުފައްދާފައިވާ ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރުކަމަށެވެ. އެހެންނަމަވެސް މިހާރު ސަރުކާރުންވަނީ އެ ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިކަމަށް ހިއްސާކުރެއްވިއިރު، އެމަނިކުފާނުވަނީ އެކަން ކުރެއްވީ ފައިސާ ޗާޕުކުރުންފަދަ މާލީ ހާލަތަށް ބުރަ ބޮޑުވާނެ އަމަލެއް ނުހިންގަވާކަން ފާހަގަކުރައްވާފައެވެ. އަދި ނިމިދިޔަ ޖޫން މަހުގެ ނިޔަލަށްވެސް ސަރުކާރުން ހަރަދުތައް ހިފަހައްޓަމުން އައިސްފައިވަނީ ދަރަނިން ނޫންކަން ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އާމްދަނީގެ ގޮތުގައި އެ މުއްދަތުގައި 18.6 ބިލިއަން ލިބުނުކަމަށެވެ. އަދި ރާއްޖޭގެ ރިކަރެންޓު ހަރަދުތައް ހިފެހެއްޓެވީ އެ ފައިސާއިންކަމަށް މައުލޫމާތު ދެއްވިއިރު، މި ސަރުކާރުގެ ދައުރުގައި ބަދަލުގެ ގޮތުގައި އެއްވެސް މިންވަރަކަށް ފައިސާ ދީފައިނުވާނެކަންވެސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެގޮތުގެ މަތިން ނިމިދިޔަ ދައުރުގައި ސަރުކާރުންވަނީ 2.4 ބިލިއަން ރުފިޔާ ދޫކޮށްފައިކަމަށެވެ.
ހާރިޖީ ގުޅުމުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައި ރައީސްވަނީ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ފެންނަމުންދާކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މީގެ ކުރިން އިންޑިއާއިން ނަގާފައިވާ ލޯނެއް ދެއްކުން އެ ގައުމުން ފަސްކޮށްދިންކަމަށް އިޝާރާތްކުރެއްވިއިރު، ރައީސްވަނީ ޗައިނާއިންވެސް ރާއްޖޭގެ ތަރައްގީއަށް ދޫކޮށްފައިވާ ލޯނުތައް މި ދައުރުގައި ދައްކަން ނުޖެހޭނެ ގޮތަށް އިންތިޒާމުކޮށްދޭނެކަން ހާމަކުރައްވާފައެވެ. ޔޫއޭއީއިންވެސް އެ މަގު ފަހިކޮށްދެއްވާނެކަމަށް މައުލޫމާތު ދެއްވިއިރު، ވަގުތުން ވަގުތަށް ދައްކަންޖެހޭ ފައިސާ ޑީފޯލްޓު ނުވެ ދައްކަމުންދާކަމާއި ޒިންމާތަކުން ރެކެނީ ނޫންކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ލުއި ގޮތްތަކެއް ހޯއްދަވަމުންދަނީ ދަރަނި މެނޭޖުކުރައްވަމުންކަމަށެވެ. އެގޮތުން ޗާޕުނުކޮށް ސަރުކާރުންވަނީ މީގެ ކުރީ ދައުރުތަކުގައި ނަގާފައިވާ ލޯނުތަކުން 3.8 ބިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިކަމަށް ވިދާޅުވިއެވެ.
އާމްދަނީ ދަށް މައްސަލަ ހައްލުކޮށް އިގްތިސާދު ހަރުދަނާކުރުން:
ރާއްޖެއަކީ ލިބޭ އާމްދަނީއަށްވުރެ އިތުރު އަދަދެއް ކޮންމެ އަހަރަކުވެސް ހަރަދުކުރާ ގައުމެއްކަމަށްވުމުން އަބަދުވެސް ގައުމު ހިނގަމުންދަނީ ޑެފެސިޓުގައެވެ. އެހެންނަމަވެސް ރައީސް މުއިއްޒުވަނީ މިކަން ބަދަލުކޮށްލައްވާފައިވާކަން މިނިވަން ދުވަހުގެ ޖަލްސާގެ ވާހަކަފުޅުގައި ހާމަކުރައްވާފައެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނީ 18.6 ބިލިއަންކަމަށްވާއިރު، ރިކަރެންޓު ހަރަދުގެ ގޮތުގައި ހޭދަކުރެއްވީ އެ ފައިސާއިންކަމަށްވުމުން، ކަންބޮޑުވުންތައް ހައްލުކުރެއްވުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެނިގެންދެއެވެ.
އެހެންނަމަވެސް މިވަރުން ފުދިގެން ނުދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ދިވެހިރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކުރަން މަސައްކަތްތަކެއް ރޭވިފައިވާއިރު، އެމަނިކުފާނުވަނީ އެސްއޯއީ ރިފޯމްގެ ތެރެއިން ދިވެހިންގެ މަސް ކުންފުނި މިފްކޯ އަލުން ނަގާ ކޮޅަށް ޖަހައި ބައިނަލްއަގުވާމީ ޑިމާންޑަށް ކޭޓާރ ކުރެވޭނެ ވަރުގެ ގާބިލު ކުންފުންޏެއްގެ ގޮތުގައި ހެއްދެވުމުގެ ގޮތުން އެތަނަށް ބޭރު ދުނިޔޭގެ މި ދާއިރާގެ ތަަޖުރިބާކާރަކު އިސްވެރިއެއްގެ ގޮތުގައި ލުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
އިންވެސްޓަރުންގެ އިތުބާރު ހޯދުމުގެ ގޮތުން ސަރުކާރުން ރާއްޖެގައި ފޮރިން އިންވެސްޓުމެންޓަށް ހާއްސަ ގާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއިރު، ރައީސްވަނީ ދިވެހި އުފެއްދުންތަކުގެ އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ގޮތުން ޓްރޭޑްމާކާއި ބެހޭ ބިލެއްގެ އެިތުރުން ކޮޕީރައިޓާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުންވެސް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުވަނީ ޕެޓެންޓުކުރުމުގެ ގާނޫނެއްގެ އިތުރުން ފިސްކަލް ރެސްޕޮންސިބިލިޓީ ބިލެއްވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވެމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.
އިގްތިސާދު ފުޅާކުރުން:
ރާއްޖޭގެ އިގްތިސާދު އޮތީ އެއް ދާއިރާއެއްގެ މައްޗަށް ބަރޯސާވެކަމަށްވާއިރު، އެ ހާލަތު ބަދަލުކޮށްލުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ފުޅާވަމުންދާ ވާހަކަ އިވެމުންދާނަމަވެސް މަންޒަރު ފެނި އިހުސާސް ނުކުރެވެއެވެ. ކުރަމުންދާ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުވަނީ މިނިވަން ދުވަހުގެ މުނާސަބާގައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި މި މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅުއްވާކަން ތަފްސީލުކޮށްދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އަމިއްލަ ފައިމައްޗަށް ތެދުވެވި އިގްތިސާދީ ސިޔާދަތު ދިވެހިންނަށް އިހުސާސްކުރެވޭނީ އިގްތިސާދީ ދާއިރާތައް އިތުރުކުރެވިގެންކަމަށެވެ. އަދި ސަރުކާރުންވަނީ އެ މަގަށް ރާއްޖޭގެ އިގްތިސާދު އެޅުވުުމުގެ ގޮތުން އަމަލީ މަސައްކަތްތައް ފަށާފައިކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުންވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންސް އޮތޯރިޓީ އުފައްދާފައިކަމަށާއި އެކަން ކުރީ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ގާއިމުކުރުމަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގަވަނިންގް ބޯޑު އެކުލަވާލެވި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށްދާކަމަށާއި ސަރުކާރުންވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިވެލޮޕްމެންޓް ބެންކެއްވެސް އުފައްދާފައިކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަނަށް ޔަގީންކަން އާލާކުރުމުގެ ގޮތުން ބޯޑު މެމްބަރުންގެ އިތުރުން އެންމެ އިސް ފަރާތެއްގެ ގޮތުގައިވެސް އައްޔަނުކުރާނީ ތަޖުރިބާކާރުންނާއި ބައިނަލްއަގުވާމީ މައިދާނުގައި އިތުބާރު ހާސިލުކޮށްފައިވާ މީހުންކަންވެސް ހިއްސާކުރެއްވިއެވެ.
އެމަނިކުފާނުވަނީ ކައިިރި މުސްތަގުބަލެއްގައި ބޮޑެތި މަންފާތައް ހާސިލުވެގެންދާނެ މަސައްކަތްތައްވެސް ފެށުމާއި ގާތުގައިވާކަން މި ފުރުސަތުގައި ހާމަކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތްތައް ފެށިގެންދާނެކަމަށް ވިދާޅުވިއިރު، އެމަނިކުފާނުވަނީ އެކަމުން ފުރަތަމަ އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެގެންދިއުމުގެ އިތުރުން ވަޒީފާތައް އިތުރުވެގެންދިއުން ފަދަ ބޮޑެތި އިޖްތިމާއީ ފައިދާތައްވެސް ލިބިގެންދާނެކަމަށް އިޝާރާތްކުރެއްވިއެވެ.
ހަރަދުތައް ބޮޑު މައްސަލަ:
ދަރަނި ބޮޑުވުމާއި އާމްދަނީ މަދުވުމުގެ އިތުރުން ހަރަދު ބޮޑުވުމަކީވެސް މައްސަލައެކެވެ. ރައީސް ވަނީ މިނިވަންދުވަހުގެ ބައްދަލުވުމުގައި އެ މައްސަލަ ހައްލުކުރެއްވުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅު ތަފްސީލުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރިޒާވަށް އަސަރުކުރަނީ ދެ ކަމަކުން ކަމަށެވެ. އެއްކަމަކީ ދަރަނިކަމަށް ވިދާޅުވިއިރު، ދެވަނަ ކަމަކީ ތެލަށް ކުރަމުންދާ ހަރަދުތައްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އަހަރެއްގެ މައްޗަށް ރާއްޖެއިން ތެޔޮ ގަތުމަށްޓަކައި 700 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް ހޭދަކުރާކަމަށެވެ. އަދި ރައީސްވަނީ މި އަދަދު ކުރިއަށް އޮތް ދައުރުގައި ދަށް ވެގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯން ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ލިބިފަިވަނީ ސޯލާ ސިޓީއެއް ގާއިމުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހުށައެޅުމެއްކަމަށެވެ. އަދި ސަރުކާރުންވަނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ޖާގަ ކަނޑައަޅައި އެއްބަސްވުމަކާއި ހިސާބަށް ވާސިލުވެފައިކަމަށާއި މިހާރު ދިރާސާތައް ކުރުމުގެ ހުއްދައިގެ ދަށުން މަސައްކަތްތައް ކުރެވެމުންދާކަން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫޢުއަކީ މާލެ ސަރަހައްދަށް ހާއްސަ ކޮށްގެން ހިންގާ މަސައްކަތްތަކެއް ކަމަށްވާއިރު، 100 މެގަވޮޓު ކަރަންޓު އުފައްދާނެކަމަށެވެ. އަދި މި ސަރަހައްދަށް ބޭނުންވަނީ 160 މެގަވޮޓާއި ގާތްކުރާ އަދަދެއް ކަމަށްވުމުން ތެލަށް ކުރާ ހަރަދުން ދެބައިކުޅަ އެއްބައި ދަށްކުރެވިގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ. އަދި މި މަސައްކަތްތަކުގެ ކާމިޔާބުކުރެވުމުން އެހެން ސަރަހައްދުތަކުގައިވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަމުގެ މައްޗަށް އަލިއެޅުއްވިއެވެ.
ހާރިޖީ ގުޅުމުގެ ތެރެއިން އިގްތިސާދީ ލުއިތައް ހޯދުން:
ޑޮލަރަަށް އޮންނަ ޑީމާންޑާއިއެކު ރާއްޖޭގެ ބާޒާރުގައި އަގު ބޮޑުވެގެންދިއުމުގެ މައްސަލަ އަދި ބައިނަލްއަގުވާމީ ގޮތުން ސައްހަ ގޮތެއްގައި އަގުބޮޑުވެގެންދިއުމުގެ މައްސަލަވެސް އޮވެއެވެ. ދުނިޔޭގެ ގައުމުތަކުންދަނީ މާލީ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ގާތުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވެމުންދާ އެއް މަސައްތަކަކީ އަވައްޓެރި ގައުމުތަކުގެ ދެެމެދު އެ ގައުމުގެ ފައިސާ ބަލައިގަތުމަށް ނިންމުންކަމަށްވާއިރު، ރައީސްވަނީ ރާއްޖެއިންވެސް އެންމެ ގާތް ދެ ގައުމު ކަމަށްވާ ޗައިނާ އަދި އިންޑިއާ އާއިއެކު ކަރަންސީ ސްވަޕް އެއްަބަސްވުންތަކެއް ގާއިމުކުރުމަށް ނިންމާފައިވާކަން ހާމަަކުރައްވާފައެވެ. އެހެންކަމުން އެ ގައުމުތަކާއިއެކު ކުރާ މުއާމަލާތްތަކުގައި ޑޮލަރުގެ ބޭނުން ކުޑަވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއާއިއެކު ރައީސްވަނީ ރާއްޖެއިން ތިން ގައުމަކާއިއެކު ފްރީޓްރޭޑް އެއްބަސްވުންތައް ގާއިމުކުރުމަށް ނިންމާފައިވާކަން އަދި ބައެއް އެއްބަސްވުންތައް ތަންފީޒުކުރުމާއި ގާތުގައިވާކަން ހިއްސާކުރައްވާފައެވެ. އެގޮތުން ޗައިނާ އާއިއެކު ވެފައިވާ އެއްބަސްވުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތަންފީޒުކުރެވި 7800 އަށްވުރެ ގިނަ ބާވަތެއްގެ މުދަލުން ޑިއުޓީ މާފުވެގެންދިއުމުގެ މަންފާ ލިބިގެންދާނެއިރު، ތުރުކީއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމާއިއެކުވެސް 53 އައިޓަމެއް ހިމެނޭ ގޮތަށް ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތްތައް އެޑްވާންސްޑް މަރުހަލާއެއްގައި އޮތްކަން އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރުންދަނީ އިނގިރޭސިވިލާތާއިއެކުވެސް އެފްޓީއޭއެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާއާއިއެކުވެސް އެފަދަ އެއްބަސްވުމެއް ގާއިމުކުރުމަށް އުންމީދުކުރައްވާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

