ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑާއި، އިސް މުވައްޒަފުންގެ މުސާރައަކީ ވިޔަފާރީގެ ސިއްރެއް: ސުޕްރީމް ކޯޓު

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑާއި އެ ބޭންކްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކަކީ ވިޔަފާރީގެ ސިއްރުތަކެއްކަމަށް ވާތީއާއި، ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތުތައް އެކަމުގައި ހިމެނޭތީ އެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންނާއި، ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ވަކިވަކީން އެނގޭނެހެން ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލައިގައި ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން، ބޭންކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މަގާމުގެ ތަފްސީލު ދޭން ވެސް އެދިފައި ވެއެވެ.

މި މައުލޫމާތުތައް ދޭން ބޭންކަށް ހުށަހެޅި އަހުމަދު އައިމަން ލަތީފްއަކީ، ގާނޫނުގެ ދަށުން އެކި ތަފްސީލުތައް ހޯދުމަށް ކުންފުނިތަކާއި ދައުލަތުގެ އެކި އިދާރާތަކަށް އާރުޓީއައި ފޮނުވާ ފަރާތެކެވެ. ބީއެމްއެލްއަށް ފޮނުވި އާރުޓީއައިއަށް އެ ބެންކުން މައުލޫމާތު ނުދިނުމުން، އައިކޮމްއަށް އެ މައްސަލަ ހުށަހެޅުމުން އެ އޮފީހުން އެންގީ މައުލޫމާތުތައް ދޫކުރުމަށެވެ. އެކަމަކު ކޮމިޝަނަރުގެ ނިންމުމަށް ހިތްހަމަނުޖެހިގެން ބީއެމްއެލް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ދެ ނުކުތާއެއްގެ މައްޗަށް މައްސަލަ އިސްތިއުނާފުކޮށް ބީއެމްއެލް ބުނެފައި ވަނީ، އެ ބޭންކަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ރިވެލީގެ ތެރެއަށް ނުފެތޭ ޕަބްލިކް ކުންފުންޏަކަށްވާއިރު އެއީ ދައުލަތުގެ އިދާރާއެއްކަމަށް ކޮމިޝަނަރު ނިންމަވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ބީއެމްއެލްއަކީ ދައުލަތުގެ އިދާރާއެއްކަމަށް ބަލާ ހާލަތެއްގައ ވެސް، ހޯދަން އެދިފައިވާ މައުލޫމާތަކީ ބީއެމްއެލްގެ ވިޔަފާރިއާއި މާލީ މަސްލަހަތަށް ގެއްލުމެއް ފޯރާނެ މައުލޫމާތުތައްކަމަށް އިސްތިއުނާފީ ދެވަނަ ނުކުރާގައި ވެއެވެ. އަދި އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ ބާރު ބީއެމްއެލްއަށް ލިބިގެން ވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ނިންމާފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) އާއި ހިލާފަށްކަމަށް ބުންޏެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭ ކުންފުންޏެއް ކަމަށެވެ. އަދި އައިމަން ހޯދަން އެދުނު މައުލޫމާތު ހާމަކުރުމުން ބޭންކުގެ ވިޔަފާރިއަށް ނުވަތަ ބޭންކުގެ މާލީ މަސްލަހަތަށް ގެއްލުންވާނެ ގޮތަކާއި އޭގެ ސަބަބު ބުނެދެވިފައި ނުވާކަމަށް ހުކުމުގައި ވެއެވެ.

އެހެންވެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ބޭންކުން އެދިފައި ވަނީ ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއްކަމަށް ނިންމާފައި ވަނީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއްކަމަށް ހައިކޯޓުން ނިންމީ ކުންފުންޏާއި ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އައި ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުން މައްސަލައިގައި ކުރި ހުކުމުގައި ވަނީ، ބޭންކަކީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްކަމަށް ހައިކޯޓުގެ ނިންމުމަށް ތާއީދު ކުރާކަމަށެވެ. އެހެން ނަމަވެސް އައިމަން ހޯދަން އެދޭ މައުލޫމާތަކީ ވިޔަފާރި ސިއްރުކަމަށްވުމުން އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތުތަކެއްކަމުން އެ ތަފްސީލު ދޫކުރަން ނުޖެހޭކަމަށް ހުކުމުގައި ވެއެވެ.

މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮނ ހިޔާ ލެއްތަ? ސިއްރު ކޮށްގެން ތިބެން ވީ ނުން. ސިއްރުން ކުރާ ކަންތައްތައް ދެނެ ވޮޱިގެން ވާ ފަރާތަކަށް ސިއްރެއް ނުވާނެ. ސިއްރު ކުރާނީ އޭގަ ގޯސް ތަކެއްހުރެގެން. ސިއްރު ކޮށްގެން ތިބެބަލަ. މާތްކަލަކޮ. މިއޮތް ރާއްޖެ އެއްތަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: