ކެރީއިން ކެޕޭސިޓީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ޑިކްލިއާކޮށްދޭނެކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލުން ދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކައުންސިލުން ކަނޑައަޅަންވާނެކަމަށް ބަޔާން ކުރެއެވެ. ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދަށް އަމަލު ކުރުމުގައި ގޮންޖެހުން ހުރުމުގެ ސަބަބުން، އިސްލާހުތަކެއް ގެނެސް ގެޒެޓުގައި ޝާއިއު ކުރީ މިދިޔަ މާޗު މަހު އެވެ.
އުޅަނދު ކެޕޭސިޓީ އަދި ޕާކިން އޭރިއާގެ ނިސްބަތުން ބޭނުން ކުރެވޭނެ އުޅަނދުތަކާއި އުޅަނދުގެ އަދަދު ކަނޑައެޅޭނެ ގޮތަށް ގަވާއިދު އިސްލާހުކުރުމުން، މާލެ ސިޓީ ކައުންސިލުން މި ސަރަޙައްދުގެ ކެރީއިން ކެޕޭސިޓީ އަދި އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރ ހާމަކުރެއްވީ ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާން ކުރާ އިޖުރާއަތްތައް ފުރިހަމަކޮށް ހުށަހަޅާ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްގެ ތެރޭގައި، އެ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރި ތަނެއްތޯ ބަލައި މިހާރު ކަށަވަރު ކުރާކަމަށެވެ. އަދި އަދި ގަރާޖުގެ ވެރިފަރާތުގެ ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ފުރިހަމަ ކުރެވޭކަމަށް ވިދާޅުވި އެވެ.
ގާނޫނާއި ގަވައިދަށް އަމަލު ނުކުރުމުގެ ސަބަބުން، ބޮއްސުންލާފައި އޮތް ވެހިކަލްތަކުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މިހާރު އެފަދަ ގޮތަކަށް އަމަލު ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މާލޭގެ ސަރަހައްދުގައި ވެހިކަލްތައް އިންތިހާއަށް ގިނެވައިވާތީ، އެންމެ ފަހުން މިނިސްޓްރީން އިފްތިތާހު ކުރި ”މާލެ ފަހި ޕްރޮގްރާމް“ ގެ ތަފްސީލުތައް ހިއްސާކޮށް މިނިސްޓަ ވިދާޅުވީ މިއީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ސަރުކާރުން ފެށި ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ މިނިސްޓަރ ވިދާޅުވި ގޮތުގައި ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ހިނގާބިނގާވެ އުޅުމަށާއި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ފަހި އަދި އަމާން ތަނަކަށް ބަދަލު ކުރުމެވެ.
މިނިސްޓަރުގެ ވާހަކައިގައި މާލެފަހި ޕްރޮގްރާމް ބެހިފައި ވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކޮށް މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެ އުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށް ހެދުންކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ސިޔާސަތުތައް އެކުލަވާލެވި، އެ ކާމިޔާބު މިސްރާބަކަށް މަސައްކަތް ކުރާއިރު މިހާރު ގަވައިދާއި ހިލާފަށް ވެހިކަލް ރެޖިސްޓްރީ ނުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ސައިކަލުގެ ވިޔަފާރިތައް ކުރާ ފަރާތްތަކާއި އެކު މަޝްވަރާތަކެއް ކުރެއްވިކަމަށް ހާމަކުރައްވައި މިނިސްޓަރ ވިދާޅުވީ ހާލަތަށް ބަލައި ކޮންޓްރޯލްތަކެއް އަންނަން ޖެހޭކަމަށެވެ.
އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި ސައިކަލުތައް ވެސް މި، ރެޖިސްޓްރީވަމުން ދަނީ މާލެއަކު ނޫން.. އެހެން ސަރަހައްދެއްގައި ހުރިހާ ރެޖިސްޓްރޭޝަން.. ކީއްވެތޯ މާލޭގައި ނުކުރެވެން ވީ.. ހަމަ ކުންފުނި، ކުންފުނިތަކުގެ ނަމުގައި ހެސްކިޔާފައި ކުރެވެމުން ދަނީ.. އެހެންވީމަ އެކަންތައްތައް ވެސް އަޅުގަނޑުމެން ވެސް ނިމުމަކަށް މި ގެނައީ..
މައްސަލަ ހައްލު ކުރެވޭނެކަމުގެ ޔަގީންކަން ދެއްވައި މިނިސްޓަރ ވިދާޅުވީ އެކަމަށް ބޭނުން ވަނީ ތިން ފިޔަވަޅެއް ކަމަށެވެ. އެއީ ނުގަވައިދުން ގަރާޖު ސިޓީއެއް އުފެއްދުމުގެ ޖާގަ ނުދީ ގާނޫނުގެ ތެރެއިން ރެޖިސްޓްރޭޝަން މަރުހަލާ ކުރިޔަށް ގެންދިއުމެވެ. މި ގޮތަށް އަމަލު ކުރުމުގެ ސަބަބުން، މި ހަ މަސް ދުވަހުގެ ތެރޭގައި އެބައި 76 އިންސައްތަ ދަށް ކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދެވަނަކަމަކަށް ކެރީން ކެޕޭސިޓީ ޑިކްލެއާ ކުރުން ކައުންސިލްތަކަށް ލާޒިމް ކުރާއިރު، އެކަން މީގެކުރިން ނުވެ އޮތީ ގަވައިދުގައި ބަޔާން ކުރި ބައެއް ރީސާޗްތަކެއްގެ ސަބަބުންކަމަށް އަމީން ވިދާޅުވި އެވެ. އަދި މާލޭގެ ސަރަހައްދުގައި އުޅަނދުތައް ގެންގުޅެވޭނެކަމުގެ ވަކި އަދަދެއް ކަނޑައަޅަން ޖެހޭއިރު ބޭނުންވާ އަދަދަކަށް ވެހިކަލް ބޭނުން ނުކުރެވޭނެކަން ގަބޫލު ކުރަން ޖެހޭކަމަށް ފާހަގަކުރެއްވި އެވެ.
އަމީން ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓަރީގެ ގަވައިދުގައި ކުރީގައި އޮތީ ވަރަށް ގިނަ ރީސާޗްތަކެއް ހެދުމަށްކަމަށާއި އެހެން ނަމެސް މި ސަރަހައްދަށް ކޭޓަރ ނުކުރެވޭ ވަރަށް ވެހިކަލްތައް އިތުރުވެފައިވާކަން އެއީ ހާމައަށް ފެންނަން އޮތް މަންޒަރެއް ކަމަށެވެ.
ކޮން ރީސާޗެއް ހަދަންވީ، އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެ، މާލެ ސަރަހައްދު މިއޮތީ މީހުންނަށް ނޫޅެވޭ ހިސާބަށް ވެހިކަލްތަކާއި ކާރުތައް ގޮސްފައިކަން.. އެހެންވީމަ ލިމިޓު އަންނަން ޖެހޭ.. ރީސާޗް ހަދަން ނުޖެހޭ ވަރަށް، ޔަގީން ކުރެވޭ ވަރަށް މިއޮތީ… މާލޭގެ ސަރަހައްދުގައި ބޭނުން ކުރެވެން ހުރި ބިމުގެ.. ވެހިކަލްތައް ނެރެ އަތުރާލާފައިއާ 65 ޕަސަންޓަށް ވުރެ ބޮޑުބައެއް އެބަ އޮކިއުޕައި ކުރޭ މިހާރު…
އަމީން ވިދާޅުވީ ކެރީއިން ކެޕޭސިޓީ ޑިކްލެއާ ކުރުމުގެ ސަބަބުން، ހާލަތު އިތުރަށް ގޯސް ނުވާނެކަމަށެވެ. މާލެ ފެހި ޕްރޮގްރާމްގައި ބައި ބެކް ޕްލޭނެއް ހިމަނާފައި ވަނީ އަމީން ވިދާޅުވި ގޮތުގައި އިމްޕޯޓު ހުއްޓޭތީ އެވެ.
މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާއިރު، އެކަކުގެ ނަމުގައި ވެސް ހާހަކަށް ވުރެ ގިނަ ވެހިކަލް ރެޖިސްޓްރީކޮށްފައި ވެއެވެ. މިނިސްޓަރ ވިދާޅުވީ ތަފާތު ލޯން ސްކީމްތައް މެދުވެރިކޮށް، ނަގައި އަދި އެފަރާތްތަކަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ގިނަ ޢަދަދެއްގެ އުޅަނދުތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތައް ހުންނަ ބައެއް އުޅަނދުތަކަކީ އޭގެ ހަމަ އަގުގައި ފަސޭހައިން ވިއްކާލެވޭނެ ރަނގަޅު ފުރުސަތެއް ނެތް އުޅަނދުތަކެއްކަން އަމީން ވިދާޅުވި އެވެ.
އެހެންކަމުން މިފަދަ އުޅަނދު ވިއްކާލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ވިއްކާލެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އެކަށޭނެ ފަންޑެއް ނުވަތަ ބައިބެކް ޕްރޮގްރާމެއް އެކުލަވާލީކަމަށް ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ އުޅަނދުގެ އިވެލުއޭޝަން ހެދުމަށް ފަހު، ވެރިފަރާތުގެ އަތުން އުޅަނދުތައް ގަނެ ރީ ސައިކަލްކުރުން، ރީ އެކްސްޕޯޓު ކުރުން ނުވަތަ ބާ ދަގަނޑުގެ ގޮތުގައި އެކްސްޕޯޓްކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެން ދިއުމުން މަގުތަކުގެ ތޮއްޖެހުން ކުޑަވާނެކަމަށެވެ.

