އޯކިޑް ޕްލާޒާގައި ރޭ ދަންވަރު ރޯވެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ، މަގުމަތީގައި ހުރި މީހަކާ ހިންގި އެ މަރާމާރީއާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއްކަމަށެވެ.
ރޭ ދަންވަރު 03:30 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ކުރީގެ ގައުމީ ޝިޕިން ކުންފުނި، އެމްއެންއެސްއެލްއިން ކުއްޔަށް ދޭ އެޕާޓްމަންޓު އިމާރާތެއްގަ އެވެ. އެތަނުގައި މީހުން ދިރިނޫޅެ، ފަޅަށް ހުންނަތާ، ގިނަ އަހަރުވަނީ ވެފައެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވަނީ، އެންމެ ފުރަތަމަ ރޯވީ އެ އިމާރާތުގެ ފުރަތަމަ ފްލޯގައިކަމަށެވެ. އަދި އަލިފާންގަނޑު ފެތުރިގެން ދިޔައީ އޭގެ ފަހުންކަމަށް ވަނީ ބުނެފަ އެވެ.
އެ އިމާރާތަކީ ފަޅަށް ހުރިތަނެއްކަމަށް ވާތީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެތަނުގައި އުޅެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ވެސް ބަޔަކު ތިބިކަމަށްވެއެވެ.

