ކުންފުނިތަކުން ބިދޭސީންތައް ގެނައުމަށް ފަހު، އެ މީހުން ބޭނުން ގޮތަކަށް މަސައްކަތް ކުރުމަށްދޫކޮށްލައި އުޅޭނުޅޭ ގޮތް ބަލާނުލާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ކުރިޔަށް ދިޔައީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅާފައިވާ ބިލުގެ ބަހުސްއެވެ.
އިސްލާހުގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތޯ ނުވަތަ އެފަދަ ބިދޭސީން ވަޒީފާ އަދާކުރަނީ ހުއްދަ ކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ސައިޓުތައް ފާސްކުރެވިދާނެ ކަމަށެވެ.
ބިލުގައިވާ ގޮތުން އެ މާއްދާގެ ދަށުން ބަލައި ފާސްކުރުމެއް ހިންގަންވާނީ އެ ސައިޓަކީ ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރާ ކަމަށް ބެލެވޭވަރަށް އެކަށީގެންވާ ސަބަބުތައް ހުންނަ ހާލަތްތަކުގައެވެ. އޭގެ އިތުރުން ގަވާއިދުގައިވާ ކަމާގުޅޭ އިޖުރާއަތުތައް ވެސް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ބިލުގައި ފާހަގަކުރެއެވެ.
އިސްލާހަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް ބިދޭސީން ގެނައުމަށް ފަހު އެ މީހުން އުޅޭ ނޫޅޭގޮތް ބެލުމެއް ނެތި ހިތަށް އެރި އުސޫލަކުން ދޫކޮށްލާކަމީ ހަގީގަތެއް ކަމަށެވެ. އަދި އެ ބިދޭސީން ނަތީޖާއެއްގެ ގޮތުން އެކި ރަށްތަކުން ދަތުރުކޮށް، މާލޭގެ ސަރަހައްދުގައި އެކި މަސައްކަތްތައް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ މިގޮތަށް އުޅޭ ބިދޭސީންގެ ކަންކަން ރެގިއުލޭޓު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ލިބެން ޖެހޭ ޓެކްސްތަކައި ފީތައް ނުލިބޭކަމަށެވެ. އަދި ބިދޭސީއަކު ކުންފުންޏަށް ފިލައިގެންދާ ހާލަތެއްގައި، އެ މައްސަލައެއް ހުށަހެޅުމުން ވެސް އޭނާ ހޯދުމަށް ފޮޓޯއެއް އާންމު ކުރުމުން ފިޔަވައި ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެހެންވީމަ ބިދޭސީންނަށް ހިތަށްއެރި ގޮތަކަށް އުޅެން ފުރުސަތު ލިބިގެން ދިޔައީ..
ބިދޭސީންގެ ތެރޭގައި، އެނބުރި ގައުމަށްދާން ބޭނުންވެ ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތުމުގެ ސަބަބުން ފުރައިގެން ދެވެން ނެތް އެތައް ބަޔަކު އެބަތިބިކަމަށް އިބްރާހިމް ވިދާޅުވި އެވެ. އެހެންކަމުން އުސޫލާއި އެއްގޮތަށް، ރާއްޖޭގައި އުޅެ ފީތައް ދެއްކުމުން އެއްވެސް އުނދަގުލެއް ނެތި މަސައްކަތް ކުރެވޭނެކަން ބިދޭސީންނަށް ބުނެދީ އަންގަން ޖެހޭކަމަށް ވެސް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
ބިލުގައިވާ ގޮތުން ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައިވާގޮތުގެ މަތީން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައިގެންނެވެ. ގާނޫނުގެ 65 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް އަދި އެއްގައުމަކުން އެންމެ ގިނައިން ބިދޭސިން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެކަމަށެވެ. އެގޮތަށް ކަނޑައެޅުމުގައި މަސައްކަތުގެ ބާވަތްތައް ގިންތިތަކަށް ބަހާލުމުގެ ފުރުސަތު ގާނޫނުގެ ދަށުން ލިބިގެންދާނެ އެވެ.
އަދަދުތައް ކަނޑައެޅުމުގެ ކުރިޔަށް ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ޖެހޭއިރު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ގޮތެއް ނިންމާނީ އެ ކަރުދާހަށް ކުރާ މަޝްވަރާއަށް ފަހުއެވެ.
ގޮތް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތަކުގެ ތެރޭގައި އެ ދާއިރާއަކުން ފަންނީ، އިލްމީ މީހުން ލިބެން ނެތުމާއި ބިދޭސީން އެ ދާއިރާއަކުން ވަޒީފާއަށް ނެގުމުގެ ސަބަބުން ކުރިއެރުން ލިބޭނެ މިންވަރެވެ.

