ކ ތުލުސްދޫގެ ކުނިގޮނޑު ހެދުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ނުދާކަމަށް ފާހަގަކޮށް މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ނަސީމްވަނީ ރާއްޖޭގައި ކުރިއަށް ގެންދާ ޕީއެސްއައިޕީ މަސައްކަތްތައް ކުރެވެމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތުލުސްދޫގެ ކުނިގޮނޑު ހެދުމުގެ ގޮތުން މަސައްކަތްތައް އެވޯޑުކުރެވިފައި އޮންނަތާ އަހަރެއް ވުމަށްފަހު، މިހާރު އެތަނަށް ކޮންޓްރެކްޓަރުންވަނީ ގޮސްފައިކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވިއިރު، ނަސީމްވަނީ އެތަނަށް މަޝްރޫޢުކުރިއަށް ގެންދިއުމަށް އައިސްފައިވަނީ ތިން މީހުންކަންވެސް ހާމަކުރައްވާފައެވެ.
އެންވައިރަމެންޓު މިނިސްޓަރު ތާރިގު އިބްރާހިމް އާއި މަޝްރޫޢުގެ ކަންކަން ހުރި ގޮތް ހިއްސާކުރައްވާ މެމްބަރު ނަސީމްވަނީ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ އުންމީދެއް އޮތްތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އަދި މަސައްކަތްތައް ކުރަން ބޭނުން ނުވާ ކޮންޓްރެކްޓަރުންނާއި މަޝްރޫޢުތައް ހަވާލުކުރަނީ ކޮން އުސޫލަކުންތޯ ސާފުކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވިއިރު ނަސީމްވަނީ ،މަސައްކަތްތައް ކުރަން ދެކޮޅު ހަދައި ކުރިއަށް ނުގެންގޮސް ތިބޭ ފަރާތްތައް ވަކި ކުރެވޭނެ އުސޫލެއް އޮވޭތޯވެސް ސުވާލުކުރައްވާފައެވެ.
ނަސީމްގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ތާރިގު ވިދާޅުވީ، މަސައްކަތްތައް އެވޯޑުކުރެވިފައިވާކަމަށްވުމުން ބޭރުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގެ ކަންކަން ކުރިއަށް ގެންދަންޖެހެނީ ވަގި ގޮތަކަށްކަަމަށެވެ. އެހެންނަމަވެސް ލަސްވަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވޭކަމަށްވުމުން ތުލުސްދޫގެ ކުނިގޮނޑުގެ މަސައްކަތްތައް ކޮންޓްރެކްޓު ކުރެވިފައިވާ ފަރާތަށް އެންމެ ފަހު އިންޒަރު ދީފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީއިން ބޭނުންވާ މަައުލޫމާތުތައް ހިއްސާކޮށް، މަސައްކަތްތައް ކުރިއަށް ގެންދަން ނުފަށައިފި ހާލަތެއްގައި ދެން ކުރިއަށް ދާނީ ކޮންޓްރެކްޓު ބާތިލުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
މިނިސްޓަަރ ވިދާޅުވީ، ބޭރުގެ ފައިސާގައި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ކޮންޓްރެކްޓްތައް ތާމިނޭޓުކުރަން ދަތިތަކެއް ހުންނަކަމަށެވެ. އެހެންކަމުން ބައެއް ފަހަރު ފިޔަވަޅުތައް އެޅުން ލަސްވެގެންދާކަމަށާއި އެ މައްސަލަ ހައްލުކޮށް ޑޯނާރ އެސިސްޓެޑް ޕްރޮޖެކްޓުތައް އަވަސްކުރެވޭނެ ގޮތެއް ހޯދުމަށް މިނިސްޓްރީއިން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ދެއްވިއެވެ.

