ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ބާއްވަނީ އަހަރަކު ދެފަހަރުކަމަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ކާށިދޫ ދާއިރާގެ މެމްބަރު މުމްތަޒިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހު ހުށަހަޅާފައި ވަނީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 50 ދުވަހުގެ ބަދަލުގައި އިންތިހާބު ބާއްވާނީ އެ ކައުންސިލެއްގެ ގޮނޑި ހުސްވިކަން އަންގާތާ 183 ދުވަހުގެ ތެރޭގައިކަމަށް ކަނޑައެޅުމަށެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް ބާއްވަން ވާނީ، އަހަރަކު ދެފަހަރުކަމަށް ކަނޑައެޅުން ހިމެނެ އެވެ.
އިސްލާހުގައި ވަނީ މިގޮތަށް އިންތިހާބު ބާއްވާއިރު، ދެ ބައި އިލެކްޝަންގެ ދެމެދުގައި 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމަށެވެ.
ބިލު ގާނޫނަކަށްވުމަށް ފަހު، ކައުންސިލް ގޮނޑިއެއް ހުސްވުމުން ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ނަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލަން ޖެހޭނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ 09 ވަނަ މާއްދާ މިހާރު ބުނާ ގޮތުން ބައި އިލެކްޝަން ބޭއްވުމަށް ގޮނޑި ހުސްވި ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރަންވާނެ އެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ތަންފީޒު ކުރަން ޖެހޭނެ އެވެ.
ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި އިރު، މެމްބަރުންގެ އަދަދު މަދު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ރަސްމީ ޖަލްސާއެއްގައި ރައީސް ވަނީ، އެކަމުގައި އެމަނިކުފާނުގެ ހިޔާލު ހުރި ގޮތް ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ތިންހާހަށް ވުރެ މީހުން މަދު ރަށްތަކުގައި ތިން ކައުންސިލް މެމްބަރުން ތިބޭ ގޮތަށް ހަމަޖެއްސުން ރަނގަޅުކަމަށް ގަބޫލު ކުރެވޭކަމަށެވެ.
ރައީސް ވިދާޅުވީ ކައުންސިލް މެމްބަރުންގެ ތެރޭގައި ޒުވާނުން ތަމްސީލު ކުރާނެ މެމްބަރަކާއި، އަންހެނުން ތަމްސީލު ކުރާނެ މެމްބަރެއް ހުރުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ދެން އިންތިހާބު ކުރާނީ ކައުންސިލް ރައީސެވެ.
މިއީ ރަސްމީ ނިންމުމެއް ނޫންކަށްވުމާއި އެކު، ސީދާ ވަކި ގޮތެއް ކަނޑައަޅާނީ ބޭނުންވާ ދިރާސާތަކާއި މަޝްވަރާއަށް ފަހުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

