ކުރީގެ ދެބަންޑާރަނާއިބުންކަމަށްވާ ޢާޒިމާ ޝަކޫރާއި ދިޔާނާ ސަޢީދު އިސްވެ ތިއްބަވައިގެން، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތްހިންގުމުގެ ދިރާސާއެއް ހެދުމަށް ނިންމަވައިފިއެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ޢިލްމީ އަދި ފަންނީ މަސައްކަތެކެވެ. މިމަސައްކަތްކުރަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައިކަމަށްވެސް ބުނެފައިވެއެވެ. އެއީ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށްފަހު މިހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނުވާތީ އާއި، އަދި ރާއްޖޭގެ ދުސްތޫރީ މުސްތަޤްބަލުގެ ރާސްތާ ކަނޑައެޅުމުގައި މިފަދަ ދިރާސާއެއް ކުރެވި، ދިވެހިރާއްޖޭގެ ތަޖުރިބާއާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާވެސް ބަލައިލުލަމީ މުހިންމުކަމެއްކަމަށް ދެކޭތީކަމަށް ބުނެފައިވެއެވެ. އަދި ބުނީ މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަޤްބަލު ކަނޑައެޅުމަކީ ޤައުމަށް އެންމެ ފައިދާވާނޭ ގޮތްކަމުގައިވެސް ފެންނަކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، އަދި ޤާނޫނުއަސާސީ ތަންފީޛުކުރުމުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމަޢަށާއި، ކިޔަވާކުދިންނަށާއި އަދި މުސްތަޤްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ދެކޭކަމަށް މި ދެ ބޭފުޅުން ފަރާތުން ބުނެފައިވެއެވެ.
އަޅުގަނޑުމެންގެ މިމަސައްކަތުގައި ޤާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމުގައްޔާއި ޤާނޫނުއަސާސީއަށް ޢަމަލުކުރުމުގައި ކަންކަން ހިނގާފައިވާ ގޮތް ދިރާސާކޮށް މުސްތަޤްބަލް އޮންނަންވާނޭ ގޮތްކަމަށް އަޅުގަނޑުމެން ދެކޭގޮތުގެ ތަޞައްވުރަށް ވާޞިލުވުމުގައި ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއެޅުވުމަށް ޤަޞްދުކުރަން.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުސްތޫރީ ޢިލްމަށް ޚާއްޞަ ރާއްޖެއިން ބޭރުގެ 5 ތަޖުރިބާކާރުންނާއެކުއެވެ. މި މަސައްކަތުގެ ދިވެހިރާއްޖޭގެ ޢިލްމީ މަންސަ (ޕްލެޓްފޯމް) އަކީ މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒްއެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކިދާއިރާތަކުގެ ތަޖުރިބާކާރުންނާއި އަދި ޢާންމު ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރޭވިފައިވާކަމަށް މައުލޫމާތު ދިނެވެ.
މިދިރާސާގެ މަޢުލޫމާތު ހާމަކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.

