ކިބިރުވެރިކަމާއި ބޮޑާކަމުގެ ތެރެއިން އެހެން މީހުން ފަޟީހަތް ކުރާ މީހުންނަށް ޖެހިފައިވާ ބައްޔަށް އެއްވެސް ފަރުވާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ސަލީމް ވިދާޅުވީ، ވަކި ބަޔަކު އަމާޒު ކުރާ ފާޑުކިއުމާއި ޖެއްސުން ކުރުމަކަށް މި ސަރުކާރު ގުޑުވާނުލެވޭނެ ކަމަށެވެ. ސަލީމް ވިދާޅުވީ ރައީސް މުއިއްޒު އެފަދަ އެއްވެސް އުނދަގޫ ކުރުމަކަށް ބެލުމެއް ނެތި ދާނީ ކުރިޔަށް ކަމަށެވެ.
ސަރުކާރުގެ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން، ބަނގުރޫޓުގެ ޓެގު ބޭނުން ކުރިނަމަވެސް އެފަދަ އެއްވެސް ހާލަތެއް ގައުމުގައި ނެތްކަމަށް ސަލީމް ވިދަޅުވި އެވެ.
އިދިކޮޅަށް ބުނެލަން އޮތީ އަޅުގަނޑުމެންނަށް މާބޮޑަށް ކުޅެން ނޫޅޭށޭ.. އަޅުގަނޑުމެން ދާނީ ކުރިޔަށޭ… އަޅުގަނޑުމެންނާ އެ ބެހުނުކަމުގައި ވިޔަސް އެއަކަށް މާބޮޑަށް ސަމާލުކަމެއް ނުދޭނަން.. މި ސަރުކާރު ދާނީ އެއިންކަމަކަށް އަޅާނުލައި ކުރިޔަށް.. ބައެއް ފަރާތްތަކުން ބުނޭ ގައުމު ބަނގުރޫޓުވާ ވާހަކަ، މިހުރީއެއް.. ރަނގަޅު ވާހަކަތަކެއް ނޫން…
ސަލީމް ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ބޭފުޅުންގެ ވިސްނުން ހުރީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ސާފުކޮށް ދެންނެވި ވާހަކަތައް ވެސް ދޮގު ކުރުމަށް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގައި އިންތިހާއަށް ފިތުނަ އުފެދޭ މޭރުމަކުން އަމަލު ކުރަމުންދާކަމަށެވެ.
ސަރުކާރުން އާސަންދަ ކަނޑާލާނެކަމަށް، ނުވަތަ ދޭ އެހެން ހިދުމަތެއް މަޑުޖައްސާލާނެކަމަށް ބުނަނީ ކޮން އަސާސެއްގެ މައްޗަށް ތޯ ސަލީމް ސުވާލު އުފެއްދެވި އެވެ. އެއަށް ފަހު ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި ވިދާޅުވީ، ގިނަ ފަހަރަށް އެފަދަ ވާހަކަތައް ގެންނަ ބަޔަކީ އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށެވެ. އަދި އެ މީހުންނަށް ހީވާ ގޮތުން، އެ ނޫން މޮޅު ބައެއް ނުތިބޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
ފަރުވާއެއް ނެތް ބަލިތަކަކީ ތިމާގެ ކިބުރުވެރިކަމާއި.. ތިމާގެ ބޮޑާކަމާއި.. ތިމާއަށް ވުރެ މޮޅު މީހަކު ނެތްކަމަށް ހީވުމާ.. މާ މޮޅު މީހަކަށް ހެދިގެން ތިމާ އުޅުމާއި ހަސަދަވެރިކަމާއި ނަފްރަތުގެ ބޮޑުކަން.. މިއިން އެއްވެސް ކަމަކަށް ފަރުވާއެއް ނެތް.. މިއީ ދުނިޔެ ނިމުމާއި ހަމައަށް ވެސް ފަރުވާއެއް ނެތް..
ސަލީމް ވިދާޅުވީ މީހަކު ނިކަމެތިކޮށް، ފަޟީހަތް ކުރާ މީހަކަށް އޭގެ ނަތީޖާ ފެންނާނެ ދުވަހެއް ވެސް އަންނާނެ ކަމަށެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގެ ސިފައިގެ ތެރެއިން، މީހުން ފަޟީހަތް ނުކުރަން ވީ ސަބަބަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ނުރައްކާތެރި ސިފައަކީ، ސަލީމް ވިދާޅުވި ގޮތުގައި ހަސަދަވެރިކަމެވެ. އެކަމަކު އެ ހަސަދައިގެ ސަބަބުން އޭނާ ކުރާ ރަނގަޅު ކަންތައް ވެސް ފޮހެވިގެންދާއިރު، އެފަދަ ނިޔަތަކުން ހާސިލު ވަނީ ކޮންކަމެއްތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.
މީގެއިތުރުން މުސާރަތައް ނުދެވޭ ވަރަށް ދައުލަތުގެ ހާލަތު ގޯސްކަމަށް ބުނަމުން ދިޔަ ނަމަވެސް، ކިރިޔާ ވެސް ލަސްކަމެއް ނެތި މުސާރަތައް ދަނީ ޖަމާވަމުންކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ކުރަން އޮތް ސުވާލަކީ، ސިވިލް ސާވިސްގެ އެއްވެސް ވަޒީފާއަކުން މީހަކު މަދުކޮށް، މުސާރަ ދަށްކުރިތޯ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް މުސާރައާއި އިނާޔަތް ހިފެހެއްޓި ނުވަތަ މަގާމު ދަށްކުރި މީހެއް ވެސް އެފަދަ ތުހުމަތު ކުރާ ބަޔަކަށް ނުދެއްކޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
ސިޔާސީ މަގާމުތަށް އިތުރުކަމަށް ބުނެ، ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ އެއީ ދައުލަތް ރަނގަޅަށް ހިނގާކަމުގެ ހެއްކެއްކަމަށެވެ. ސަލީމް ވިދާޅުވީ ސިޔާސީ ވަޒީފާއެއް ލިބޭ މީހަކީ ވެސް އާއިލާއެއް އޮންނާނެ ޒިންމާތަކާއި އެކު ކުރިޔަށް ދާނެ ބައެއްކަމަށެވެ. އެހެންކަމުން މިއީ ބޭރު ގައުމެއްގެ ހިލޭ ބަޔަކަށް ދޭ ވަޒީފާތަކަށް ނުވާތީ، ވަޒީފާތައް އުފެދޭނެ ގޮތްތައް ހުރިހާ ގޮތަކުން އިތުރުވެފައި އޮންނަން ޖެހޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މި ސަރުކާރުގައި ވަޒީފާއަށް ސަލާން ޖަހަން ނުޖެހޭނެކަމަށާއި، ރަނގަޅު ވަޒީފާތައް އުފައްދައި މުސާރަތައް ވެސް ދެވޭނެ ކަމަށެވެ.

