އެކަށީގެންވާ ވަސީލަތްތަކާއި އެކު، ޝަރީއަތް ކުރިޔަށް ގެންދެވޭނެ މަގުފަހިކޮށްދީފައި ވަނިކޮށް ވެސް ބައެއް ކޯޓުތަކުގައި ޝަރީއަތްތައް މަޑުޖެހިފައި ހުރިކަން ފާހަގަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޯޓުތަކުގައި މައްސަލަ ފުނިޖެހި، ކުރިޔަށް ނުގޮސް ބައެއް ޝަރީއަތްތައް ނުބާވާތާ އަހަރުތަކެއް ވެސް ވަނީވެފަ އެވެ.
ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދިއުން ލަސްވެ، ގިނަ ފަހަރަށް އަހަރުތަކެއް ދިގުލައިގެން ދެ އެވެ. އަދި އޭގެ ސަބަބުން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވަނީ އެކަށީގެންވާ ހެކި ނެތުމާއި ބައެއް ހެކިވެރިންނަށް ހެކި ބަސް ނުދެވުމުގެ ސަބަބުންނެވެ. ބައެއް މައްސަލަތައް ކޯޓުގައި ދިގުލައިގެން ދިއުމުގެ ސަބަބުން ކޯޓުގައި ހެކިބަސް ދޭ މީހާ ސީދާ އެ ހާދިސާ ހިނގައިދިޔަ ގޮތް ހަނދާނުގައި ނެތުންފަދަ ކަންކަން ދިމާވެ އެވެ.
މި މައްސަލައިގައި ދާދިފަހުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދެއްކެވި އިދާރާތަށް ފާހަގަކުރީ ޖާގައިގެ ދަތިކަމެވެ. އެހެން ނަމަވެސް، ޖާގައިގެ ދަތިކަމުގެ އިތުރަށް ނިޒާމުގައި ހުރި ބައެއް މައްސަލަތައް ވެސް ކޮމިޓީގައި ބައެއް ބޭފުޅުން ފާހަގަކުރި އެވެ.
އެކަން ފާހަގަކޮށް ޕީއެންސީ ހަރުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭ ދާއިރާގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުން ހިމެނޭ ކަމަށެވެ. ބޭއިންސާފުން އަމަލު ކުރުމުގެ ސަބަބުން ނިކުތް ނަތީޖާތައް ކޮންމެ ދިވެހި ރައްޔިތަކަށް ފެނިފައިވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ މަދަނީ ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވި އިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 4،000 އިން މަތިކަމަށެވެ. އަދި އެންމެ މަދު މައްސަލައެއް ބައްލަވަމުން ގެންދަވާ ފަނޑިޔާރުއަތުގައި ވެސް 112 މައްސަލައެއް އޮތް އިރު، އެންމެ ގިނަ މައްސަލަ ބައްލަވަމުން ދާ ފަނޑިޔާރުގެ އަތުގައި 500 އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށެވެ.
ސަރުކާރުތަކުން އެކަމަށް މަގުފަހިކޮށްދިނީމައި ވެސް، ކަންކަން ނުހިނގައި އޮތްކަން ފާހަގަކުރަން..
ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި، އެކި ސަރުކާރުތަކުން އަމަލު ހިންގަމުން އައި ގޮތް ރައްޔިތުންނަށް ވަރަށް ގާތުން ފެނިގެން ދިޔަކަމަށް ނާޒިމް ވިދާޅުވި އެވެ. ކޯޓުތަކުގައި ތަޅު އެޅުވުމުން ފެށިގެން، ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ވެސް ބައެއް ސަރުކާރުތަކުން އުޅުނުކަމަށް ނާޒިމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް އެކި ވެރިކަންތަކުގައި ފެނިއްޖެ، ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި އެކި ކަންތައްތައް ކުރެވިގެން ދިޔަތަން.. އެ ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިފި.. އެއީ ޖުޑިޝަރީ މިނިވަން ކުރުމުގެ ނަމުގައި.. ފަނޑިޔާރަކު ހައްޔަރުކޮށްފި.. އަނެއް ވެރިކަމެއްގައި ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނަގައިފި..
ނާޒިމް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިޔަށް ނުގޮސް، މަޑުޖެހިފައި ވަނީ ޖާގައިގެ ސަބަބުންކަމަށް ބުނަމުން ދިޔަ ނަމަވެސް މައްސަލަތައް ފުނިޖެހިފައި އޮތީ އަދަޔާއި ހިލާފަށް ކަމަށެވެ.
އެހެންކަމުން، މަޖިލީހުން ޒިންމާ އަދާކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ބަޔަކާއި ސުވާލުކުރުމުން އެހާ ހިސާބުން މައްސަލަތައް ވެސް އަވަސްވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
ދެން ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަމުން ކަންތައްތައް ނުވަނީކަމަށް ވިދާޅުވި…. އެހެން ނަމަވެސް ވަރަށް ގިނަ މައްސަލަތައް ހުރީ ނުނިމި.. އެހެންވީމަ އަޅުގަނޑުމެން ކުރާ އިސްލާހީ މަސައްކަތްތަކުގައި އެކަންތައްތައް ކުރެވުމުން، އަޅުގަނޑުމެން މަޖިލީހުން ޖަވާބުދާރީ ކުރުވުމުން އެ މައްސަލަތައް ވެސް އަވަސް ވެގެން ދާނެ..
ރައްޔިތުން މަޖިލީހުގެ ކޮމިޓީގައި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މި މައްސަލައިގައި ވިދާޅުވި ގޮތުގައި އެ އުސޫލުގެ ދަށުން ޝަރީއަތުގެ ތާވަލެއް އެކުލަވާލުން ވެސް މުހިންމެވެ. ދެ ޝަރީއަތެއް ދެމެދު ހަ މަސް ދުވަސް ނެގުމަކީ، އެއީ ވަރަށް ގިނަ ދުވަސްކަމަށާއި ސިލްސިލާކޮށް ކެންސަލް ނުވެ ޝަރީއަތްތައް ކުރިޔަށް ގެންދިއުމަކީ އެއީ އިންސާފަށް އެޅޭ ފިޔަވަޅެއްކަމަށް ސުއޫދު ވިދާޅުވި އެވެ.
އެކަން ފާހަގަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވެސް ވިދާޅުވީ ޝަރީއަތް ކޯޓުގައި ދިގުލައިގެން ދިއުމުން މައްސަލަ ސާބިތު ކުރުމަށް ދަތިވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތް ނިންމަން ޖެހޭ ތާވަލެއް އެކުލަވާލަން ޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރެވޭކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވާނުވާއަކީ ރަނގަޅު މަހުފޫމެއް ނޫންކަމަށާއި، ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޝަރީއަތް ހިނގާނެ ގޮތާއި، ނިމެނޭ ތާރީހު އަދި ދެން ޝަރީއަތް އޮންނާނެ ދުވަހެއްގެ ތަފްސީލެއް ނުވަތަ އަންދާޒާ ތާވަލެއް އެނގެން ޖެހޭކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭކަމަށް ކަންބޮޑުވުންފާޅުކޮށް ޝަމީމް ވިދާޅުވީ، ޝަރީއަތްތަކުގެ ތާވަލު ކޯޓުތަކުން ނަހަދާކަމަށެވެ.

