މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ހުށަހެޅި މައްސަލައިގައި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ބުނާ މައްސަލަ އިސްތިއުނާފު ކުރެވޭތޯ ނުވަތަ ނޫންތޯ ސަރުކާރުން ސާފުކޮށްދޭން ޖެހޭކަމަށް އެމްޑީޕީގެ ލީގަލް އެފެއާޒް ކޮމިޓީގެ މެމްބަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އެމަނިކުފާނުގެ ސަރުކާރަށް ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސްކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ގޮތް ނިންމާފައި ވަނީ ގެއްލުން ލިބޭ ގޮތަށްކަމަށާއި އޭގެ ސަަބަބުން ދިވެހި ކަނޑުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ތުހުމަތު ކުރި އެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް ބުނެފައި ވެއެވެ.
ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ހަފްތާ 14 ގެ ދަށުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލި ރިޕޯޓުގެ މައުލޫމާތުތައް މިދިޔަ ފެބްރުއަރީ މަހު އޭޖީ އޮފީހުން ހާމަކުރި އެވެ. ރިޕޯޓުގައި ގިނަ ތަފްސީލުތައް ހިމަނައި ބުނެފައި ވަނީ، ކަނޑުގެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.
މި މައްސަލައިގައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މައުރޫފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގައި ރައްޔިތުން އޭރު ވޯޓު ދިން ސަބަބުތަކުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލާފައިވާކަމަށް ތަކުރާރުކޮށް ބުނެ، އެ ވިސްނުން ރައްޔިތުންގެ ބޮލަށް ވައްދައި އިސްތިއުނާފު ކުރާނެކަމަށްވީ ވައުދު ހިމެނެ އެވެ. މިއީ ދެކުނުގެ މަސްވެރިންނާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަކަށް ވާތީ، ކަނޑުން ބޮޑު ސަރަހައްދެއް ގެއްލުނުކަމަށް ދައްކާ ވާހަކަތައް ގަބޫލޫ ކުރާނެ ބަޔަކު ތިބޭނެކަމަށް މައުރޫފް ވިދާޅުވި އެވެ.
ސަރުކާރަށް އަށް މަސް ވެގެންދިޔައިރު މައްސަލަ އިސްތިއުނާފު ކުރެވޭނެތޯ ނުވަތަ ނޫންތޯ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް މައުރޫފް ވިދާޅުވި އެވެ. ސަރުކާރުން އެ މައްސަލައިގެ ތަފްސީލު ރައްޔިތުންނަށް ނުދެނީ، މައުރޫފް ވިދާޅުވި ގޮތުގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރެވޭނެ މަގެއް ނެތުމުންނެވެ.
މައުރޫފް ވިދާޅުވީ އިޓްލޮސްގެ ނިންމުންތައް އިސްތިއުނާފު ނުކުރެވުނު ނަމަވެސް އައު ހޯދުންތަކެއް ލިބޭ ހާލަތެއްގައި ރިވިއުއަށް ހުށަހެޅިދާނެކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ހަނި ގޮތަކަށް ލިބޭ ފުރުސަތެއްކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ސިމްޕަލްކޮށް ދަންނަވާނަމަ، އެއްވެސް ނިންމުމެއް އިސްތިއުނާފު ކުރެވޭނެ އިޖުރާތެއް އެތާކު ނޯވޭ.. އެހެން ނަމަވެސް އެތަނުގެ ނިންމުމެއް ބަދަލުވާނެ، ނޫނީ އެއަށް ބަދަލު ގެނެވޭނެ ވަރަށް ހަނި ދާއިރާއެއް އެބައޮވޭ ރިވިއުއަށް ހުށަހެޅޭނެ..
މައުރޫފް ވިދާޅުވީ މައްސަލައިގެ ނިންމުމުގައި ވަކި ބަހެއް ބޭނުންކޮށްފައި ވަނީ އެ ކޮންވެންޝަންގެ މާނައިގައި ނޫންކަމަށް ބުނެ ވެސް ރިވިއުކޮށްދޭން އެދެވިދާނެކަމަށެވެ. އަދި ދެވަނަ ހާލަތަކީ ފާހަގަކުރެއްވި ގޮތުން ކުރިން އެ މައްސަލައިގެ ދިރާސާގެ ތެރެއިން ފާހަގަނުވެ އޮތް މުޅިން އައުކަމެއް ނުވަތަ ފެކްޓެއް ފެނުމެވެ.
މި ނިންމުން ބަދަލުވާނެ ހާލަތެއްކަމަށް މައުރޫފް ފާހަގަކުރެއްވީ، ހިކިފަސްތަނެއް ފެނުމެވެ.
ދެން ސުވާލަކީ އެފަދަކަމެއް ހިނގުން އެއީ ކިހާ އެކަށިގެންވާކަމެއްތޯ.. ކިހާވަރެއްގެ ޕޮސިބިލިޓއެއްތޯ އޮތީ، ދެން މިބޭފުޅުންގެ ވިސްނުމުގައި އޮވެދާނެ މަހާޖައްރާފާ ގެންގޮސް ތަނެއް ހިއްކުން ވެސް.. އެގޮތަށްތޯ އޮތީ.. އެ ނޫން ހާލަތެއް އަޅުގަނޑަކަށް ނުވިސްނޭ.. އަޅުގަނޑަށް ހީވަނީ އެ ވާހަކަ ސަރުކާރުން ނުދައްވައި އެތިބީ އެކަން ބަދަލު ކުރެވޭނެ ގޮތެއް ނެތީމަހެން..
ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ. އެކަމަކު ރާއްޖެއަށް ބޮޑުބައި ލިބެން ވަކާލާތު ކުރެވެން އޮއްވައި ގަސްތުގައި އެ ގޮތް ދޫކުރީކަމަށް ތުހުމަތު ކުރެވެ އެވެ.
ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ، ރާއްޖެއަށް އިތުރު ބޮޑުބައެއް ލިބޭނެ ގޮތެއް އޮތް ނަމަ އެކަމަށް މަސައްކަތް ނުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ސަރުކާރުން މިހާރު މިކަމުގައި އަމަލު ކުރަމުން ދާ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އިޓްލޮސް މައްސަލައިގައި އެކުލަވާލާ ފުލް ރިޕޯޓު މިހާރު ލިބިފައިވާކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާ ކުރަމުން ގެންދާކަމަށާއި، އެއަށް ފަހު ކެބިނެޓަށް ހުށަހަޅައި ގޮތެއް ނިންމާނެކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އެ މަސައްކަތް ކެބިނެޓާއި ހަމައަށް ހުށަހަޅައި، މީޑިއާތަކަށް މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.


One Response
މައުރޫފާ ކޮން ބެހޭ ކަމެއް. ކަލޯގެ ސަރުކާރުން ކަނޑު ވިއްކާފަ ކޮން އަނގައެއް ތިޔަ ތަޅަނި.