ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ ނަން ބޭނުންކޮށް، ގޯސްތައް ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް: ޑރ. ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރިކަަމަށް ބުނެ އެ މައްސަލަތައް ބަލަން މަޖިލީހުގެ ކޮމިޓީތަކުން އަމާޒު ހިފާއިރު، ސިޔާސީ މަގާމުތައް އިތުރުކޮށް އަމިއްލަ ޕާޓީގެ މީހުންނަށް ދޭ ފައިސާ ވެސް ބެލެވޭނީ ދައުލަތުގެ މާލިއްޔަތަށް ވެވޭ ހިޔާނާތެއްގެ ގޮތުގައިކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން، ކުރީ ސަރުކާރުން ދީފައި ހުރި ފައިސާ ތަފްސީލުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ. އެ މައްސަލަ ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެފައި ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދޫކުރި ކަމަށެވެ. އުސޫލުގެ ތެރެއިން ބަދަލު ދިން މައްސަލަތައް މީގެ ތެރޭގައި ހިމެނުނު ނަމަވެސް މަންދޫހު ވިދާޅުވީ މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ދޫކޮށްފައިވާތީ އެކަމުގެ ތަފްސީލު އެނގެން ޖެހޭ ކަމަށެވެ.

މައްސަލަ ހުށަހެޅުމުން، ޝަމްހީދު ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް ފެށިގެން އައިއިރު ފޯރީގައި މުޅި ފޯކަސް އޮތީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ޒިންމާއަށް ކަމަށެވެ. އެކަމަކު އެ މަސައްކަތުގެ އަޑު މަޑުމަޑުން ކެނޑެމުންދާކަން ފާހަގަކުރެވިފައި ވާތީ، ޝަމްހީދު ސުވާލު ކުރެއްވީ އިގްތިސާދީ ހާލަތު މިހާރު ރަނގަޅުވީތޯ އެވެ. އަދި މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ޖެހޭ ކަމާއި ގުޅުން ހުރި މުވައްސަސާތަކާއި، އިދާރާތަކުގެ އިތުރުން ވަކިވަކި ފަރުދުންނާއި ބައްދަލު ނުކުރައްވަނީ ތޯ ސުވާލު ކުރެއްވި އެވެ.

އަޅުގަނޑުމެން ކޮމިޓީގެ މަސައްކަތް ފެށީ، ވަރަށް ފޯރިއާއި އެކު.. އަޅުގަނޑުމެންގެ އިގްތިސާދަށް ދިމާވެފައި އޮތް މައްސަލަތަކާއި، ފިސްކަލް ހާލަތާއި ބެހޭ ގޮތުން ދިރާސާ ކުރުމާ.. އަޅުގަނޑަށް ހީވޭ، މިހާރު އެކަންތައްތައް ވަރަށް ބޮޑަށް މަޑުޖެހިއްޖެހެން.. ކިހިނެއްތޯ ވީ.. އަޅުގަނޑުމެން އަދިވެސް މި މަސައްކަތާއިގެން އަދިވެސް ކުރިޔަށް ދޭތޯ އެބަ.. ހަޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރު ކުރުމާއި މިކަންކަން ކިހިނެއްތޯ ވީ.. ކޮމިޓީން އެކަންކަން ދޫކޮށްލަން އުޅޭހެން ވެސް ހީވޭ.. މާ ކުދިކުދި ކަންތަކަށް މިސްރާބު ޖަހައި..

ޖަވާބުގައި ރިޔާސަތު ބަލަހައްޓަމުން ގެންދެވި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ ކޮމިޓީ ބައްދަލުވުން ފެށޭއިރު އެޖެންޑާއެއް ތައްޔާރު ކުރެވިފައި އޮންނަކަމަށާއި، އެހެންކަމުން ކުރިޔަށް ދާ ބައްދަލުވުމުގައި މަޝްވަރާ ކުރަން އޮތްކަންކަން ސާފުކަމަށެވެ. އެހެންކަމުން އެޖެންޑާގައި އިގްތިސާދުގެ ވާހަކަތައް ހިމެނޭ ދުވަހެއްގައި، އެ މައުޟޫއަށް ވާހަކަ ދައްކާނީކަމަށް ސަލީމް ވިދާޅުވި އެވެ.

އެވަގުތު ފުރުސަތަކަށް އެދިވަޑައިގެން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މަމްދޫހު ހޯދަން އެދުނީ ކުރީ ސަރުކާރުގެ ގެއްލުމުގެ ބަދަލު ދިން ގޮތުގެ ތަފްސީލުކަމަށާއި އެ ތަފާސްހިސާބުތައް ފިނޭންސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

މަމްދޫހުގެ ހުށަހެޅުން، އަޅުގަނޑަށް ހީވަނީ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅީމަ، ހުންނާނެހެން އެ ހުރިހާ މައުލޫމާތެއް.. ބަދަލު ދިނުމާއި އެ ހުރިހާ އެއްޗެއް.. މި ބަދަލު ދިނުމާއި ހުރިހާ އެއްޗެއް..

ކޮމިޓީގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ، ކުރީގެ ސަރުކާރުން ސެޓްލްމަންޓު ކޮމިޓީއެއް އުފައްދައި 10 މައްސަލައަކަށް އެއް ބިލިއަން ރުފިޔާ ދޫކުރިކަން ބަންޑާރަ ނައިބު ވެސް ހާމަކުރައްވާފައިވާކަމަށެވެ. އަދި އެ މައްސަލަތައް އެ އޮފީހުން ވެސް ބަލަމުން ގެންދާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ވެސް ޒިންމާއެއްވާކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ރައްދުގައި ޝަމްހީދު ވިދާޅުވީ  ދައުލަތުގެ ފައިސާއަކީ، ރައްޔިތުންގެ ފައިސާކަމަށާއި ނަހަމަ ގޮތުގައި އެ ފައިސާ ބޭނުން ކުރުން ބެލެވޭނީ ކޮރަޕްޝަންގެ ގޮތުގައިކަމަށެވެ. އެއީ ބޭނުން ނުވާ މިންވަރަށް މީހުން ވަޒީފާތަކަށް ނެގުމާއި، ޕާޓީތަކުގެ މީހުންނަށް ބޭނުންވާ ގޮތަކަށް ފައިސާ ދޫކުރުން ވެސް ވާނީ ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ބޭނުން ކުރުންކަމަށެވެ.

އަޅުގަނޑުމެން ބަލަން އެބަޖެހޭ، ބޭނުން ނުވާ މިންވަރަށް ސަރުކާރުގެ އިދާރާތަކަށް ކިހާވަރަކަށް ތޯ މީހުން ލައިގެން މިއުޅެނީ.. މިއީ ކޮންމެ ދުވަހަކު ހިނގާ ކަންކަން.. އަޅުގަނޑު އަންދާޒާއަކީ އަހަރަކު ބިލިއަނެއް ވަރު މަދުވެގެން އެބަ ހަރަދުވޭ.. އެހެންވީމަ ބަލާއިރު، މިހުރިހާކަމެއް ވެސް ބަލަން އެބަޖެހޭ..

ޝަމްހީދު ވިދާޅުވީ ފެންނަނީ އެހެން ބަޔަކު ހަދާފައި ހުރި ގޯސްތަކެއް ހޯދަން އުޅޭ މަންޒަރުކަމަށާއި އެ ބަޔަކު އެކަމެއް ތަކުރާރު ކުރާކަން ގަބޫލު ކުރަން ބޭނުން ނުވާކަމަށެވެ. ކޮރަޕްޝަނަށް މަގުފަހިވާ އެތައްކަމެއް ހުރެ، އެކަމަށް ފިޔަވަޅެއް ނޭޅެނީ އަނެކާ ކުރާ ކަންތަކުގެ ފަހަތުން ދުވަން ހަދައިގެންކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލު ދިނުމުގެ ނަމުގައި ކުރީ ސަރުކާރުގެ ވާހަކަތައް ދައްކަންވީ ސަބަބަކާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ލަފާ ކުރި އެވެ. އަދި ވެރިކަމަށް އަހަރެއްވިއިރު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދިން ފައިސާގެ އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ.

އޭގެ ތެރޭގައި އާބިޓްރޭޝަންގައި ކުރިޔަށް ދިޔަ މައްސަލަތަކާއި، ކުންފުނިތަކާއި ހަވާލު ކުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކޮށްފައި ވާތީ، ބަދަލު ހޯދަން ހުށަހެޅި މައްސަލަތައް ހިމެނެ އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުނިތަކުން ކޯޓަށް ހުށަހެޅި މައްސަލަތައް ކާމިޔާބުވެ، ހުކުމާއި އެއްގޮތަށް ބައެއް މައްސަލަތަކަށް ފައިސާދިން އިރު އައުޓް އޮފް ކޯޓް ސެޓަލްމަންޓް އުސޫލުން ވެސް ބައެއް ކުންފުނިތަކަށް ފައިސާ ދޫކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: