ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓު މަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން، ކެފޭތަކުން ހިދުމަތް ދެމުން ގެންދާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަނެއްކާވެސް ތާރީހެއް ދީފި އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީއާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދިނުމާއި ގުޅޭގޮތުން މީގެ ކުރިން ވެސް އެޗްޑީސީން ބަޔާނެއް އާންމު ކުރި އެވެ. މިގޮތަށް ތަކުރާރުކޮށް އެންގުމުން ވެސް ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓާފައިވާކަން ފާހަގަކުރެވިފައި ވާތީ އެޗްޑީސީން ބުނެފައި ވަނީ ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ.
ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒު މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ. ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އެތަކެތި މަގުމަތީން ނުނަގާނަމަ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ތަން ސާފު ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެޗްޑީސީން ބުންޏެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ބަޔާނެއް އާންމުކޮށް، އެޗްޑީސީން ބުނީ މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރުމުގެ ސަބަބުން އޭގެ އަސަރު ކުރަނީ މުޅި މުޖްތަމައުއަށް ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަށް އެޗްޑީސީން އެދުނެވެ.
އެޗްޑީސީން ބުނީ ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ހިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އަދި ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން ކުންފުންޏަށް ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައި ވެއެވެ.

