ރައްޔިތުންގެ ޝައުގުވެރިކަން މިހާރުގެ މަޖިލީހަށް ނެތްކަން ފާހަގަކުރެވޭކަމަށް މިދިޔަ ދައުރުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
”ކުރީ ސަރުކާރު“ ނަމުގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ރާއީ ވިދާޅުވީ މިއަދު މަޖިލީހަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ރައްޔިތުންގެ ޝައުގުވެރިކަން ގެއްލިފައިވާ މައިގަނޑު ސަބަބަކީ ނަތީޖާއެއް ނެރެވޭ ވަރުގެ މަސައްކަތެއް މަޖިލީހުގެ ތެރެއިން ނުކުރެވުންކަމަށް ރާއީ ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުން ހިންހަމަޖެހޭ ބަހުސްތަކެއް މަޖިލީހުގެ ތެރޭގައި ނުކުރެވޭތީ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ކުރީ މަޖިލީހުން ރައްޔިތުންނާއި ގުޅޭ ފައިދާ ހުރި މަސައްކަތްތަކެއް ކުރި ތަން ރައްޔިތުންނަށް ފެންނާނެކަމަށް ރާއީ ވިދާޅުވިއެވެ. މ އެމްޑީޕީގެ ސަރުކާރުގައި މެޖޯރިޓީ އޮވެ ވެސް ބަހުސްތައް ކޮށްފައިވާ ކަމަށް ރައީ ވިދާޅުވިއެވެ.
”މިހާރު އަޅުގަނޑަށް ވަރަށް ފާހަގަކުރެވޭ ކަމެއް. އެވެސް ބޭފުޅަކަށް ކުޑައިމީސް ބަހެއް ބުނަނީއެއްނޫން. އެހެންނަމަވެސް މިހާރު ޕީއެންސީގެ ބައެއް މެމްބަރުންނަށް ހީވެގެން އުޅޭ މަޖިލީހަކީ ސަރުކާރޭ. ނޫން. މަޖިލީހަކީ ސަރުކާރެއްނޫން. ސަރުކާރަކީ ތަފާތު އެއްޗެއް. ރައްޔިތުންގެ މަޖިލީހަކީ ތަފާތު އެއްޗެއް. އެތަނަށް ހޮވީ އަޅުގަނޑުމެންގެ ރައްޔިތުން ތަމްސީލު ކުރަން. ރަނގަޅު. ރައީސުލްޖުމްހޫރިއްޔާ އަށް ތައުރީފުވެސް ކުރަން ޖެހޭނެ. އެހެންނަމަވެސް މިންގަނޑެއް އޮންނަން ޖެހޭނެ“
19 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންވެސް އޭރު އޮތް ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ދަށުން ހިނގާ ތަންތަނަށް ފާޑު ކިޔާފައިވާކަމަށް ރާއީ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ރަބަރު ސްޓޭމްޕު ޖަހާ މަޖިލީހަކީ މިހާރުގެ މަޖިލިސް ކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
20 ވަނަ މަޖިލީހުގެ ތެރޭގައި އެއްވެސް ބިނާ ކުރަނިވި ވާހަކަތަކެއް ނުދެކެވޭކަމަށާއި އެއްވެސް ބިލަަކަށް ބަހުހެއް ރަނގަޅަށް ނުކުރެވޭ ކަމަށާއި ދެކޮޅަށް ވާހަކަ ނުދެއްކޭ ކަމަށް ވިދާޅުވިއެވެ. ރާއީ ވިދާޅުވީ މެމްބަރަކަށް ވާހަަކަ ދެއްކުމަށް 3 މިނެޓު ލިބޭއިރު އެކަމަށް ރަނގަޅަށް އެކަމަށް ތައްޔާރު ވެއްޖެ ނަމަ ބިނާކުރަނި ފާޑު ކިޔުންތަކާއި އަދި ރަނގަޅު ބަހުހެއް ކުރެވޭނެ ކަމަށެވެ.
މަޖިލީހުގެ އެންމެ މުހިންމު މަސައްކަތްތަކެއް ކުރަނީ މަޖިލީހުގެ ކޮމިޓީތަކުންކަމަށް ފާހަގަކޮށް ރާއީ ވިދާޅުވީ ކޮމިޓީ މަސައްކަތްތައް ރައްޔިތުންނަށް ސާފު ނުވާކަމަށެވެ.

