ޖާންވީ ކަޕޫރުގެ އައު ފިލްމު ”އުލަޖް“ ސިނަމާތަކުގައި ރިލީޒް ކޮށްފައިވާއިރު އެ ފިލްމަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ލިބޭނެ ކަމަށް އުންމީދުކުރި ވަރަށްވުރެ ދަށް އާންމުދަނީއެއް ލިބިއްޖެއެވެ.
ޖަންހްވީ ކަޕޫރުގެ ޖާސޫސީ ތްރިލަރު ފިލްމު ”އުލަޖް“، ރޯޝަން މަތިއު އަދި ގުލްޝަން ދެވިއާ ފަދަ ތަޖުރިބާކާރު އެކްޓަރުން ހިމެނޭ ގޮތަށް ހަދާފައިވާ މި ފިލްމު، ހުކުރު ދުވަހު ދައްކަން ފެށުމުން ރަނގަޅު ރިވިއުތަކެއް ނުލިބުނެވެ. އަދި ފިލްމުގެ ފުރަތަމަ ދުވަހުގެ ކަލެކްޝަން ވެސް އެކަން ދައްކުވައިދޭ ކަމަށް ބެލެވެއެވެ. އިންޑަސްޓްރީ ޓްރެކަރު ސަކްނިލްކްގެ މަޢުލޫމާތު ދައްކާގޮތުން މި ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ އެންމެ 1.1 މިލިއަން ރުފީސްއެވެ.
މިއީ 2018 ގައި ޖަންހްވީގެ ކެރިއަރު ފެށުނީއްސުރެ ސިނަމާތަކުގައި ދައްކާފައިވާ ފަސްވަނަ ފިލްމެވެ. އަދި މިއަހަރު ސިނަމާތަކުގައި ދައްކާ ދެވަނަ ފިލްމެވެ. މީގެ ކުރިން ”މިސްޓަރ އެންޑް މިސަސް މާހީ“ ވަނީ ދައްކާފައެވެ. ސިނަމާތަކުގައި އޭނާގެ އެންމެ ދެރަކޮށް ފެށުނު ފިލްމަކީ ”މިލީ“ އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ އެންމެ 500,000 ރުފީސްއެވެ. ދާމާ ޕްރޮޑަކްޝަންސްއިން އުފެއްދި، ރާޖްކުމާރު ރާވޯ ވެސް ހިމެނޭ ”މިސްޓަރ އެންޑް މިސަސް މާހީ“ އަށް ފުރަތަމަ ދުވަހު 7 މިލިއަން ރުޕީސް ލިބުނެވެ.
ހުކުރު ދުވަހު، ”އުލަޖް“ ފިލްމުގެ ޖުމްލަ އޮކިއުޕަންސީއަކީ 18 އިންސައްތައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 20.78 އިންސައްތަ މީހުން ބަލާފައިވަނީ ރޭގަނޑުގެ ޝޯއެވެ. މުންބާއީގައި 293 ޝޯ ދެއްކި އިރު، އޮކިއުޕަންސީ ހުރީ 13.75 އިންސައްތައިގައެވެ. ދިއްލީ އަދި އެން.ސީ.އާރުގައި 343 ޝޯ ދެއްކި އިރު، އޮކިއުޕަންސީ ހުރީ 11.75 އިންސައްތައިގައެވެ. ”އުލަޖް“ އަށް ލިބުނީ މަދު އަދަދެއްގެ ޝޯތަކެކެވެ. އެއީ އަޖޭ ދެވްގަން އަދި ޠާބޫގެ ”އޯރޯން މެއިން ކަހާން ދަމް ތާ“ އާ އެކުގައި ރިލީޒްވުމުގެ ސަބަބުންނެވެ. ”އޯރޯން މެއިން ކަހާން ދަމް ތާ“ އަށް ލިބިފައިވަނީ އެންމެ 2 ކްރޯރު ރުޕީސްއެވެ.

