”މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް“ ނަމުގައި ދިރާސާކުރާނެ މަރުކަޒެއް ޤާއިމްކުރުމަށް ނިންމެވީ ޤައުމުގައި ހުރި މައްސަލަތައް ދިރާސާކުރުމަށް މިފަދަ މަރުކަޒެއްގެ މުހިއްމުކަން ބޮޑު ވުމުންކަމަށް ޕޮލިސީ ސްޓަޑީޒްގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.
ޕޮލިސީއެމްވީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީސް ގެ ނަމުގައި މަރުކަޒެއް ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އިލްމުވެރި ކިޔަވައިގެން ތިބި، ތަޖުރިބާކާރު މީހުންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޮންނަކަމަށާއި އަދި ކޮންމެ ގައުމެއް ވެސް އެ ގައުމެއްގެ ބޮޑު ބައެއް ހޭދަ ކުރަނީ އިލްމަށްކަމަށެވެ. ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކިޔަވައިގެން ތިބި ތަޖުރިބާކާރު މީހުން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެކަމަށާއި ގައުމުގައި ތިބި ނިކަމެތި ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައި ދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ގައުމުގައި ހިނގާ އެކި ކަންކަމާމެދު ކުރެވޭ ބަހުސް ތަކުގެ ތެރެއަށް ވަދެ އެ ބަހުސް ތަކުގައި ބޭނުންކުރެވޭ މައުލޫމާތާއި ބޭނުންކުރެވޭ ބަހާއި ބަހުރުވަ އާއި އެތަކެތި ދަނެގެން އެކަމާއި ދޭތެރޭގައި ކުރެވެން ހުރި ހެޔޮ މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށެވެ. އެގޮތުން ޕޮލިސީ އެމްވީގެ މަސައްކަތަކީވެސް ރާއްޖޭގެ ތަރައްގީއަށް އަސަރުކުރާނެ ބައިނަލްއަގުވާމީ ސިޔާސަތުތަކާއި މަސައްލަތަކާއި ބެހޭ ގޮތުން އަމިއްލަ އިސްނެގުމުގައި އިލްމީ އަދި ފަންނީ ދިރާސާތައް ކުރުން ކަމަށް ވަހީދު ވިދާޅުވިއެވެ.
”ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކިޔަވައިގެންތިބި އިލްމުވެރި ތަޖުރިބާކާރުންގެ މީހުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނެ. އަދި ހާއްސަ ގޮތެއްގައި ޤައުމެއްގައި ތިބި ނިކަމެތިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ“
ވަހީދު ވިދާޅުވީ ތަފާސް ހިސާބާއި ހެއްކަށް ބިނާވެ ކަނޑައެޅޭ ސިޔާސަތުތަކަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ގާއިމު ކުރުން ކަމަށްވެސް ވަނީ ބުނެފައެވެ. ގައުމީ މައްސަލަތަކުގައި ހިމެނޭ އިލްމީ ލަފައާއި ފަންނީ ލަފާ އަދި ބޭނުންތެރި ސައްހަ މައުލޫމާތު ކިޔަވާ ކުދިންނަށާއި، ނޫސްވެރިންނަށާއި، މުވައްސަސާތަކަށާއި ބޭރުގެ މުވައްސަސާކަތަށް މައުލޫމާތު ފޯރު ކޮށްދިނުމަކީވެސް ޕޮލިސީ އެމްވީގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
މިފަދަ ސެންޓަރު ތަކަކީ ހަމައެކަނި ރާއްޖޭގައި ހުންނަ ސެންޓަރު ތަކެއް ނޫން ކަމަށާއި ބޭރުގައި ވެސް އެ ދިމާވާ ބޮޑެތި މައްސަލަ ތަކާއި މެދު މަޝްވަރާކޮށް މައުލޫމާތު ފޯރުވުމަށް މިފަދަ ސެންޓަރު ތައް ހުންނަ ކަމަށާއި އަދި ރާއްޖޭގައި ވެސް ބޮޑެތި މައްސަލަތައް ހުރި ކަމަށް ފަހަގަކޮށް ވަހީދު ވިދާޅުވީ ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް އޭގެން ކުޜާ ނޭދެވޭ އަސަރުކަމަށެވެ.

