ސިޔާސީ ފާޑުކިއުންތައް ކިއުމުގެ ބަދަލުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަހުރުވައިން ފެންނަނީ ޒާތީކަމާއި ހަސަދަވެރިކަމުން ފުރިގެންވާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން، ޕީއެންސީއާއި ގުޅިވަޑައިގެންނެވި ޝަރީފް އެ ޕާޓީ ދޫކުރެއްވީ ރައީސް މުއިއްޒު މަގާމުން ދުރުކޮށް ގާނޫނީ ގޮތުން ރައްޔިތުން ގެނައި ވެރިކަމެއް ވައްޓާލަން އުޅޭކަމުގެ ތުހުމަތު ކުރެއްވުމަށް ފަހު އެވެ. އެއަށް ފަހު ސަރުކާރާއި، ރައީސް މުއިއްޒުގެ ދިފާއުގައި އެކި ފަހަރު މަތީން، ވާހަކަ ދައްކަވާފައިވާ ޝަރީފް މިއަދު ރައީސް ޔާމީނަށް ރައްދު ދެއްވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ދެކެވުނު ވާހަކަތަކެއް ހޫނުވެގެންނެވެ.
ޕާޓީގައި ރައީސް ޔާމީނާއި އެކު އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރ މަލީހު ޖަމާލު ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދުގެ އާއިލާއަށް ނިސްބަތް ކުރައްވައި ހުތުރު ބަހުން ވާހަކަ ދެއްކެވި ވަގުތު ރައީސް ޔާމީން އެކަމަށް ހިތްވަރު ދެމުން ގެންދެވިކަމަށް ޕީއެންސީގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. ރައީސް މުއިއްޒާއި، ސަރުކާރުގެ ސިޔާސަތުތަކަށް އެރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ވަނީ އެމަނިކުފާނު ސަރުކާރާއި ދުރަށް ޖެހިވަޑައިގަތީ ތަކުރާރުކޮށް ހައްދަވަމުން ގެންދާ ބޯޑެތި ގޯސްތަކުގެ ސަބަބުންކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއް ވެސް ނުވަނީހެވެ.
ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވެސް އެ ވާހަކަތަކަށް ރައްދު ދެއްވި އެވެ. އަދި އެކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ސިޔާސީ ވިސްނުމެއްގެ ތެރެއިން ބިނާ ކުރުވަނި ގޮތަކަށް ފާޑުކިއުމުގެ ބަދަލުގައި ރައީސް ޔާމީންގެ އަމަލުތައް ހުރީ ވަރަށް ބޮޑަށް ޒާތީކޮށް ކަމަށެވެ.
ރައީސް ޔާމީންގެ ތާއީދު ކޮންމެވެސް ވަރަކަށް ކުޑަވަމުންދާކަން އެމަނިކުފާނަށް ވެސް ފާހަގަކުރެވޭތީ، ބާރުގެ ދަހިވެތިކަން އެމަނިކުފާނުގެ ބޮލަށް ސަވާރުވެފައިވާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ރައީސް ޔާމީން ބާރު ބޭނުންފުޅުވީ ނަމަވެސް އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެނގިގެން ދިޔައީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރާއި ކުރާ އުންމީދުކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ޕީޕީއެމްގެ ތެރެއިން ސަޕޯޓު ހޯއްދެވުމަކީ މިހާރު ވުމަށް ވުރެ ނުވުން ގާތްކަމެއްކަން ޔަގީން ކުރެވޭކަމަށް ޝަރީފް ވިދާޅުވި އެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ފަހަކަށް އައިސް ސަރުކާރުގެ އިސްވެރިންނާއި، ރައީސް މުއިއްޒާއި ޒާތީވެ ފާޑުކިޔާތީ އެކަމަށް އާންމުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ.

