ގާނޫނުއަސަސީ މުރާޖައާ ކުރަން ޖެހޭކަމަށް ގަބޫލު ކުރަން ޖެހެނީ، އޭގެ މައްޗަށް ބުރަވާ އަސާސްތައް ފުރިހަމަވެ ތަންފީޒު ނުކުރެވޭތީކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
މިއީ މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީސް (އެމްސީޕީއެސް) އިން ރާއްޖޭގެ ފޮރިން ޕޮލިސީ ހިމެނޭހެން ހަ ދައިރާއަކުން އިލްމީ ދިރާސާތަކެއް ކުރުމަށް ފަށާފައިވާ މަސައްކަތްތައް އިއުލާނު ކުރައްވާފައި ވަނީ ދިޔާނާއާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައިދު ހިމެނޭހެންނެވެ.
އެމްސީޕީއެސްގެ ފަރާތުން ދިރާސާ ކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ރާއްޖޭގެ ތައުލީމީ ދައިރާއާއި ފޮރިން ޕޮލިސީ އަދި އާބާދީ ބެހިފައިވާ ގޮތް އަދި މިންތީގެ ހަމަހަމަކަން އެކުލަވާލުން ހިމެނެ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ މުރާޖައާގެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވައި ދިޔާނާ ވިދާޅުވީ ގާނޫނުއަސާސީ ރިވިއު ކުރުމުގެ ވާހަކަތައް ދައްކާއިރު، ގާނޫނުއަސާސީގެ އޮވައާޗިން ވެލިއުސްތަކަކީ ކޮބައިކަން ބެލުން މުހިންމުކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ބެލީ ދިޔާނާ ވިދާޅުވީ ގޮތުގައި ދައުލަތުގެ ތިން ބާރު ވެސް ގާނޫނުއަސާސީގައި ބަޔާން ކުރާ އުސޫލުތަކަށް ތަބައަވުމާއި އެކު އެ އުސޫލުތަކަށް ބަނދެވި އެ އުސޫލުތަކުގެ މަތިން އަމަލު ކުރުން ކަމަށެވެ. ދެވަނަކަމަކަށް ބަލާފައި ވަނީ، ދިޔާނާ ފާހަގަކުރެއްވި ގޮތުން ތިން ބާރު ވަކިކުރުމެވެ. އެއީ އެއީ ކޮންމެ ބާރެއް ވެސް ގާބިލުކަމާއި ނަޒާކަތްތެރިކަމާއި އެކު ގާނޫނީ ހުދޫދުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމެވެ.
ގާނޫނުއަސަސީ މުރާޖައާ ކުރަން ޖެހޭކަމަށް ގަބޫލު ކުރަން ޖެހެނީ، އެ އަސާސްތަކުގެ މައްޗަށް ކަންކަން ނުހިނގާކަމަށް ގަބޫލު ކުރެވޭ ހިސާބުންކަމަށް ދިޔާނާ ވިދާޅުވި އެވެ. އެހެންކަމުން ގާނޫނުއަސާސީ ރިވިއު ކުރަން ވެއްޖެތޯ ކުރާ ސުވަލަކީ، ޖާއިޒް ސުވާލެއްކަމަށާއި އޭނާގެ ވިސްނުމުގައި މިއީ ރަނގަޅު ވަގުތެއްކަމަށް ދިޔާނާ ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލު ކުރަނީ އެކަން ޖާއިޒް ވެއްޖެކަމަށް.. ސަބަބަކީ ގާނޫނުއަސާސީ ފަރުމާ ކުރިއިރުގަ އެ ގާނޫނުއަސާސީގެ ދަށުން ލިބިގަތުމަށް އަޅުގަނޑުމެން އެދުނު ދައުލަތް އަޅުގަނޑުމެންނަށް ލިބިފައި ނުވާކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނަމުން ދާތީ.. އަދި މަދު ދާއިރާތަކަށް ކުރިއެރުން ލިބިފައި ހުއްޓަސް ގައުމު ގިނަ އޭރިއާތަކަށް ސޮއްސާލާފައި ވާތީ..
ދިޔާނާ ވިދާޅުވީ ސިޔާސީ ޕާޓީތައް އުވާލައި، ރައްޔިތުންގެ މަޖިލިސް ވެސް އުވާލަން ގޮވާލާ އަޑު ގަދަވެފައިވާކަމަށެވެ. ރައްޔިތުން ގަބޫލު ކުރާ ގޮތުގައި މިއަދު ގައުމަށް ބޭނުން ވަނީ ވަކި ލީޑަރެއްކަމަށާއި، ދައުލަތުގެ ދަރަނިތައް ބޮޑުވެފައިވާކަމަށް އިގްތިސާދީ މާހިރުން ދައްކާ ވާހަކަތަކަށް ކަންބޮޑުވުން އިތުރުވާން ފަށާފައިވާކަމަށް ދިޔާނާ ވިދާޅުވި އެވެ.
މިއީ ހަމައެކަނި ހުރެ ދައްކާ ވާހަކައެއް ނޫންކަމަށާއި، ގައުމު އޮތް ހާލަތު އޮތީ ލިޔެކިއުންތަކުން ފެންނާންކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމު އޮތީ، މާލިއްޔަތަށް އިންތިހާއަށް ބުރަ ބޮޑުވާ ގޮތައްކަން ވެސް ސާފުވާކަމަށް ދިޔާނާ ވިދާޅުވި އެވެ.
ދައުލަތާއި މެދު ރައްޔިތުން ދެކޭ ގޮތުގެ މިސާލެއް ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ، 2023 ގެ ކޮރަޕްޝަން ޕާސެޕްޝަން ސާވޭ ރިޕޯޓުގައިވާ ގޮތުން ރައްޔިތުންގެ ނަޒަރުގައި ދައުލަތުގެ ތިން ބާރު އޮތީ ވަރަށް ބޮޑަށް ކޮރަޕްޓުވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ޝަރުއީ ނިޒާމާއި މެދު ރައްޔިތުންގެ އެއްވެސް އުންމީދެއް ނެތްކަން ދޭހަވާ ސަބަބެއްކަމަށް ދިޔާނާ ވިދާޅުވި އެވެ.
އޭސީސީގެ އަޅުގަނޑު ކުރިން ފާހަގަކުރި ރިޕޯޓު ބުނާ ގޮތުން ގިނަ މީހުން ގަބޫލު ކުރޭ މަގާމަކަށް ދާންވެއްޖެ ނަމަ ވަޒީފަކަށް ދާން ނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށް.. އެހެންވީމަ ދައުލަތުގެ ހުރިހާ ވެލިއުސްތަކެއް މިއޮތީ ގެއްލިފައި… އެހެންވީމަ ދައުލަތުގެ ވެލިއުސްތައް މި ލެވެލްއަށް ވެއްޓިއްޖެކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ފައުންޑޭޝަން ރިވިއު ކުރަން..
ދިޔާނާ ވިދަޅުވީ ގޯސްތައް ހިނގާފައި ހުރި ގޮތާއި، ދޭންވީ ފަރުވާތައް އެނގޭނީ ފައުންޑޭޝަން ރިވިއުކޮށްގެން ކަމަށެވެ.

