ކުއްލިކަމެއް ދިމާވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަންގަވައިފި އެވެ.
މިއަދު އެޖެންޑާގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯތި ހަވާލު ކުރާނީ ކޮން އިރަކުތޯއާއި އޭރު ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނެކަމަށް ކަނޑައެޅި މީހުންނަށް ފްލެޓު ލިބޭނީ ކޮން އިރަކުންތޯ ކުރެއްވި ސުވާލުގެ ޖަވާބެވެ. މި ސުވާލަށް މިނިސްޓަރ ޖަވާބުދެއްވުމަށް ފަހު، އެ ދާއިރާގެ ތެރެއިން އިތުރު ސުވާލުތައް ކުރުމުގެ ފުރުސަތު މެމްބަރުންނަށް އޮނާނެ އެވެ.
އެހެން ނަމަވެސް މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ހައިދަރަށް މިއަދުގެ ޖަލްސާއަށް ހާޒިރުވެވެން ނެތުމުން މިނިސްޓަރަށް ވަޑައިގެންނެވޭ ދުވަހަކަށް ސުވާލު ތާވަލު ކުރައްވާނެ ކަމަށެވެ.
ފްލެޓުތަކުގެ މައްސަލައިގައި ހާޒިރުވެވެން ނެތްކަމަށް ހައިދަރު އަންގާފައި ވަނީ މިއަދު ހެނދުނެވެ. ރޭ އާންމު ކުރި މަޖިލީހުގެ އެޖެންޑާގައި ވެސް އޮތީ ހައިދަރު ހާޒިރު ގޮތާގޮތަށެވެ. އެކަމަކު އާއިލީކަމެއް ކުއްލިއަކަށް ދިމާވެ، ހާޒިރުވެވެން ނެތީކަމަށް މިނިސްޓަރ މަޖިލީހަށް އެންގެވި އެވެ.
އެންމެ ފަހުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވެސް ހައިދަރު ވަޑައިގެންފައި ވަނީ، ދެ ފަހަރެއްގެ މަތީން ބައްދަލުވުމަށް ވަޑައިގަތުމަށް އެންގުމުންނެވެ.
މަޖިލީހުގައި އަމަލު ކުރަމުން ދާ އުސޫލަކީ މެމްބަރެއް ވަޒީރަކަށް ސުވާލެއް ކުރައްވާނަމަ އެ ސުވާލު މަޖިލިސް އިދާރާއިން ފޮނުވައި ޖަވާބުދާރީވެ ތައްޔާރުވުމަށް 14 ދުވަހުގެ ނޯޓިސްއެއް ދިނުމެވެ. އަދި ގާނޫނުއަސާސީގެ ދަށުން ކެބިނެޓު ވަޒީރުން ހާޒިރު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ.

