ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މުޙައްމަދު ނިމާލް، ޢައްޔަނުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސް މުޢިއްޒު، އެލްޖީއޭގެ ސީއީއޯގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް، އައްޔަނު ކުރެއްވީ މިއަދުއެވެ. މީގެ ކުރިން މުޙައްމަދު ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް މުޙައްމަދު ނިމާލު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަޤާމުވެސް އަޙްމަދު ނިމާލް ވަނީ ފުރުއްވާފައެވެ. މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި މަރިޔަމް ޒުލްފާ އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވާފަައި ވަނީ އިއްޔެގައެވެ.
އެލްޖީއޭގެ ސީއީއޯ ކަމުން ވަކިކޮށް ފޮރިން މިނިސްޓްރީއަށް ބަދަލުކުރިކަން ޒުލްފާ ވަނީ ސަންގަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިދާޅުވެފައިވަނީ ރައީސް ގައުމުގެ ހިދުމަތުގައި ވިދާޅުވާ ކޮންމެ ކަމެއް ކުރަން ތައްޔާރުވެގެން ހުންނެވި ކަމަށެވެ.
އަދި ހަމަ އެއާއިއެކު ޒުލްފާ ވިދާޅުވީ ފޮރިން މިނިސްޓްރީންވެސް ޒުލްފާއަށް ގުޅުއްވާފައިވާކަމަށެވެ. މީގެއިތުރުން ޒުލްފާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންމެ ނިންމެވުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު އައްޔަނުކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ޒުލްފާ ގުޅިވަޑައިގަތީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ.

