މިއަދު ބޭނުންވަނީ މާލޭގެ ފިނިކޮޓަރިން މުޅި ރާއްޖެ ހިންގި ހިންގުން ނިނުމަކަށް ގެނެސް ރަށުގެ ކަންކަން ރަށުން ނިންމުމުގެ ނިޒާމެއް ކަމަށް އެމްޑީޕީގެ ނައިބުރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ”ހަވަރު ބެރު“ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ނައިބު ރައީސް ހިސާން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ފެށުމަކީ ”ކަތީބު“ ނިޒާމާއި ދެކޮޅަށް ފެށުނު ހަރަކާތެއް ކަމަށެވެ. މިއީ މަރުކަޒީ ބާރުތައް މާލެއަށް އެއްވެ ވެރި ރަށުން އަންގާ ގޮތަށް ނޫނީ ރަށުގެ ކަންކަން ނުނިންމޭ ހިސާބަށް ދިއުމުން ރަށްރަށުގެ ދިރިއުޅޭ މީހުން ކަންބޮޑުވެ ކުރި މަޝްވަރާތަކަކާއި އަދި ކުރި އިސްލާހީ މަސައްކަތްތަކެއްގެ ތެރެއިން އައި ނިޒާމެއް ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މަރުކަޒީ ބާރުވެރިކަމާއި ރަށްރަށުގެ ވެރިން ކޮންޓްރޯލް ކުރަން މާލޭގެ ހުންނަ ވެރިމީހާ ބޭނުންކުރާ ހަތިޔާރެއްގޮތަށް ލާމަރުކަޒީ ނިޒާމު އޮތުމަކީ ރައްޔިތުން ބާރުވެރިކުރުވޭނެ ގޮތެއް ނޫން ކަމަށެވެ.
”މާލޭގައި ހުންނަ ވެރިމީހާ ، އަތޮޅުވެރިޔާ އެބަ ޖެހޭ ކަތީބަށް އަންގަން ޖެހޭ ވަކިގޮތަކަށް ކަންކުރަން. ހަގީގަތުގައި ކަތީބަށްވެސް ނޯވޭ ބާރުވެރިކަން ކަންކަން ނިންމުމުގެ. ކާތީބު މި ނިންމަން ޖެހެނީ އަތޮޅުވެރިޔާ އަންގާ ގޮތަށް. އަތޮޅުވެރިޔާ ކަންކަން ނިންމަނީ އަތޮޅު މިނިސްޓަރު އަންގާ ގޮތަށް. މިނިސްޓަރު ކަންކަން ނިންމަނީ ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތަށް. ރަށުގައި ދިރިއުޅޭ ރައްޔިތުންނަކަށް އެއްވެސް ބާރުވެރިކަމެއް ނެތް. ރަށުގައި ދިރިއުޅޭ މީހަކަށް ނުވަތަ ރައްޔިތު މީހާއަކަށް ރަށުގެ ކަންކަމުގައި ބަސްބުނުމުގެ ހައްގެއް ނޯވޭ. ލާމަރުކަޒީ ނިޒާމު އުފަންވެގެން އައީ އެހާ ހިސާބުން“
އިސްލާހީ ހަރަކާތް ތަކުގެ ތެރޭގައި ކުރެވުނު މިނިވަން ބަހުސްތަކުގެ ތެރޭގައި ”ކަތީބު ނިޒާމާއި“ ދެކޮޅަށް ރައްޔިތުންގެ ޝުއޫރު އަޑު އިވިގެންދާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ކަތީބުން ބޭނުން ނުވެގެން ރައްޔިތުން ބާރުވެރި ކުރުވަން އަދި ރަށްޔިތު މީހާއަށް ރަށުގެ ކަންކަން ނިންމުމުގެ ބާރު ދިނުމަށް އަޑު އިވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިއަދު ބޭނުންވެގެން އުޅޭނީ މާލޭގެ ފިނި ކޮޓަރީގައި އިންނަ ވެރިމީހާ ރަށުގެ ކަންކަން ނިންމުމުގެ ބަދަލުގައި ރަށުގެ ރައްޔިތުން އިންތިހާބުކުރާ ރަށުގެ މީހާ ރަށުގެ ކަންކަން ނިންމާ އެމީހުންނަށް އެބާރު ލިބިދިނުމުގެ ނިޒާމަކަށް ކަމަށެވެ.

