ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި އޮތް އިންޝުއަރެންސާއި ބެހޭ ބިލުގައި ސާފު ނުވާ ކަންތައްތަކެއް އެބަހުރިކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށައެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގުއެވެ. އިންޝުއަރެންސް ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ގަފޫރު ވަނީ މި ބިލު މި ސަރުކާރުން ހުށައަޅުއްވާފައިވާތީ ޝުކުރު އަދާ ކުރައްވާފައެވެ. މިއީ ރެގިއުލޭޓް ކުރެވި ސާފުކޮށް އޮންނަން ޖެހޭކަމެއްކަމަށް ފާހަގަކޮށް ގަފޫރު ވިދާޅުވީ މި ބިލުގައި އޮތޯރިޓީއެއްގައި ވާހަކައެއް އެބައޮތްކަމަށެވެ. ނަމަވެސް އެއީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީކަމެއް ނުވަތަ މުސްތަގިއްލު އޮތޯރިޓީއެއްކަމެއް ސާފު ނޫންކަމަށް ގަފޫރު ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ މި ބިލު ތަންފީޒު ކުރާނެ ފަރާތެއް އެނގިގެން ދިއުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ތަންފީޒު ކުރުމުގައި އެ އޮތޯރިޓީއަށް ލިބިގެންވާ ބާރާއި، އެ އޮތޯރިޓީގެ އިހުތިސާސް ކަނޑައަޅަން ޖެހޭކަމަށް ވިދާޅުވިއެވެ.
އެކަން ކުރެވިގެން ނޫނިއްޔާ މި ބިލުގެ ފުރިހަމަ ފައިދާ ލިބޭނެކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނެ.
ގަފޫރު ވިދާޅުވިއެވެ.
މިކަން ސާފުކޮށް ބިލުގައި ބަޔާންވެފައި އޮވެގެން ނޫނީ މި ބިލުގެ ފުރިހަަމަ ފައިދާ ނުލިބޭނެކަމަށް އޭނާ ގަބޫލު ކުރައްވައެވެ. އިންޝުއަރެންސް ދިނުމަށް ލައިސަންސް ދޫކުރަން ޖެހޭކަމަށް އޮތްއިރު، އެ ލައިސަންސަށް ފައިސާ ނެގޭނެކަމާއި، އެ ފައިސާ ނެގޭ އުސޫލުތައް މި ބިިލުގައި ބަޔާންކޮށްފައި އޮންނަން ޖެހޭކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖޭގައި އިންޝުއަރެންސްގެ ވިޔަފާރި ކުރަމުން ގެންދާކަމަށް ފާހަގަކޮށް ގަފޫރު ވިދާޅުވީ، އެހެންކަމުން މަޖިލީހުން މިކަމާއި ބެހޭ ބިލެއް ފާސް ކުރާއިރު އެ ފަރާތްތަކާއިމެދު ގޮތެއް ނިމިފައި އޮންނަން ޖެހޭނެކަމަށެވެ. އެގޮތުން މިހާރު މި ވިޔަފާރި ކުރާ މީހުން މި ބިލު ތަސްދީގުކުރުމުން، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ފެތޭނެ އުސޫލެއް އޮންނަން ޖެހޭކަމަށް ގަފޫރު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޝުއަރެންސް ދެނީ އިންޝުއަރެންސް އެޖެންޓުން މެދުވެރިވެގެންކަމަށާއި، މި ބިލުން ބޭރުގެ އިންޝުއަރެންސް ކުންފުނިތަކަށް ފުރުސަތު ދޭން ޖެހޭކަމަށް ގަފޫރު ވިދާޅުވިއެވެ. މިއަދު ރައްޔިތުން އިންޝުއަރެންސް ނުކުރަނީ އެއީ އަތް ފޯރާ ކަމަކަށް ނުވާތީކަމަށް ފާހަގަކޮށް ގަފޫރު ވިދާޅުވީ، އެކިއެކި ޕާޓީތައް މެދުވެރިކޮށް އައިސް ހުންނަ ފަރާތްތަކުގެ އަތުން އިންޝުއަރެންސް ނެގުމުން ރައްޔިތުންގެ އަތުން މިކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ.
އިންޝުއަރެންސްގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ފަރާތްތައްވެސް ރާއްޖޭގައި އެބަތިކަމަށް ގަފޫރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބިލުގައި މިފަދަ ކަންކަމަށްވެސް ރިޔާއަތް ކޮށްފައި ހުންނަން ޖެހޭކަމަށެވެ.
މިއީ އިންޝުއަރެންސްގެ ބިލެއް މަޖިލީހަށް ހުށައެޅި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ދައުރު ނިމުނު އިރުވެސް ބިލު އޮތީ ތާށިވެފައެވެ.

